ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި 4،500އަށްވުރެ ގިނަ ރުފިޔާއާ އެއްކޮށް، ހުޅުމާލެއިން ހަތަރު މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ބަންދު މުއްދަތު ޖެހީ، ދެ ދިވެހީންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުންގެ މައްޗަށެވެ. އެއީ،

  • ށ. ފޭދޫ. މާވަސްގެ، އަޙްމަދު ސައްފާން (26އ)

  • ހމ. މާވަހަރު، ޝާނާ (32އ)
  • ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ 50 އަހަރުގެ ފާރޫކް ޗޮކީދާރު
  • ބަންގްލަދޭޝްއަށް ނިސްބަތްވާ 40 އަހަރުގެ ސަފިކް

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ދެ އެޕާޓުމަންޓެއް ބަލައި ފާސްކޮށްގެން ކަމަށެވެ.

އެ އެޕާޓުމަންޓުތައް ބަލައި ފާސްކުރިއިރު، 24.06 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 363 ގުޅަ މަނާބޭހާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4500 އަށްވުރެ ގިނަ ރުފިޔާ ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝާނާ ދިހަ ދުވަހަށް ބަންދުކޮށް، ބާކީ ތިން މީހުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އިޖުތިމާއީ ގޮތުން ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. މިފަދަ މައްސަލަތަކުގައި ޒުވާނުން ހިމެނޭހެން މީހުން ހައްޔަރުކުރާއިރު، ބައެއް މައްސަލަތަކުގައި ކުޑަކުދިން ވެސް ޝާމިލުވެއެވެ.