ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ މަޝްހޫރު ބޭންޑް ޓޫ އޮފް އަސްއިން ވޯލްޑް ޓުއާ ފަށަން ތައްޔާރުވެ، "ޑްރީމް ބިޔޯންޑް ބޯޑާސް – ލައިވް އިން ކުއާލަލަމްޕޫރު"ގެ ނަމުގައި މެލޭޝިއާގައި ކޮންސަޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

އެ ބޭންޑުން ބުނި ގޮތުގައި މިއީ އެ ބޭންޑުގެ ވޯލްޑް ޓުއާގެ ފެށުމެވެ. އަދި މިއީ ރާއްޖެއިން ބޭރުގައި ދިވެހި ބޭންޑަކުން ބާއްވާ ފުރަތަމަ ކޮންސެޓަށް ވާނެކަމަށް ވެސް ޓޫ އޮފް އަސް އިން ބުންޏެވެ.

ޓޫ އޮފް އަސްއިން ބުނީ މިއީ އެކި ހުވަފެންތަކާއި، ބުރަ މަސައްކަތާއެކު ހާސިލްވާ ކަމެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ޕާފޯމަންސެއް ނޫން ކަމަށާއި މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތް ކަމަށެވެ.

އަދި ވަރަށް އާދައިގެ ފެށުމަކުން، ބައިނަލްއަގުވާމީ ސްޓޭޖްތަކުގައި ވާދަ ކުރުމާ ހަމައަށް، ޓޫ އޮފް އަސްއިން ވަނީ ފަޚުރުވެރިކަމާ އެކު ގައުމު ތަމްސީލުކުރުމަށް އެތައް ގޮންޖެހުތަކެއް ކަޑައްތުކޮށް މަސައްކަތްކޮށްފައި ކަމަށް އެ ބޭންޑުން ބުންޏެވެ.

މި ކޮންސެޓަކީ ކޮންސިއާޖް ގްރޫޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ވިޒިޓް މޯލްޑިވްސްއާއި، އެސްއެސްޓީވީ، މީ-2 ފިލްމްސް، އައިލެންޑް ޕާފިއުމްސް، އަޒިޑޮން އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ކޮންސެޓެކެވެ.

މި ކޮންސެޓް އޮންނާނީ އަންނަ މަހެވެ. ނަމަވެސް އަދި ވަކި ތާރީޚެއް އެ ބޭންޑުން ހާމައެއް ނުކުރެއެވެ.