25 Sep 2025, 09:13
ބޮލީވުޑް އެކްޓަރު ރަންވީރު ސިންގް ލީޑް ރޯލް ކުޅޭ ފިލްމު "ޑޮން 3"ގެ ވިލެންގެ ރޯލަށް ގެންނަން މިހާރު ނިންމާފައި ވަނީ ސައުތު ސިނަމާގެ ޒުވާން އެކްޓަރު އަރުޖުން ދާސް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ އުމުރުން 34 އަހަރުގެ އަރުޖުން ދާސް ބޮލީވުޑަށް ތައާރަފް ކުރާނެ ފިލްމު ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
މި އަންނަ އަހަރުގެ ޖަނަވަރީ މަހުތެރޭ ޝޫޓިންގް ފަށަން ތައްޔާރުވަމުން އަންނަ "ޑޮން 3"ގެ ވިލެންގެ ރޯލް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ ބޮލީވުޑްގެ އެކްޓަރު ވިކްރާންތު މަސޭއަށެވެ. ވިކްރާންތަށް ފިލްމަށް ތާރީޚެއް ނުދެވުމުން ފަހުން އެ ރޯލް ސައުތު ސިނަމާގެ އެކްޓަރު ވިޖޭ ދެވަރަކޮންދާއަށް ހުށަހެޅި ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

ރަންވީރް ސިންގް އަދި ކްރިތީ ސެނޮން--ފޮޓޯ/ފިލްމުފެއަ
ބަތަލާ ކްރިތީ ސެނޮން ރަންވީރާ އެކު މުހިއްމު ރޯލްއިން ފެންނާނެ މި ފިލްމުގެ އެކްޝަން ސީންތަކާއި ސްޓަންޓްތަކަށް ފިލްމުގެ ކާސްޓުން ތަމްރީނު ކުރުމަށް އިންޓަނޭޝަނަލް ސްޓަންޓް ޓީމަކުން ހަރަކާތްތެރިވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގެ ބަތަލާގެ ރޯލްއަށް ކުރިން ގެންނަން ނިންމި ކިއާރާ އަދުވާނީ ފިލްމު ދޫކޮށްލާފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު އެކަން އެކްސެލް އެންޓަޓެއިންމަންޓްއިން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ފިލްމު "ޑޮން 3"ގެ ވިލެންގެ ރޯލަށް އަރުޖުން ގެންދިއުމަށް އެކްޓަރާ އެކު މަޝްވަރާ ބައްދަލުވުންތަކެއް އެކްސެލް އެންޓަޓެއިންމަންޓްއިން ކުރިއަށް ގެންދާ ކަމަށް ވެސް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ.
ފިލްމުގައި އަރުޖުންއަށް ހުށަހެޅި ރޯލަކީ ހަމައެކަނި ވިލެންއެއްގެ ރޯލް ނަމަވެސް ފިލްމުގެ ވަރަށް މުހިއްމު ކަންކަން އަރުޖުން ކުޅޭ ރޯލާ ގުޅިފައިވާތީ "ޑޮން 3" ކުޅެން އަރުޖުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އަރުޖުންގެ މަގުބޫލު ސައުތު ފިލްމުތަކުގެތެރޭ "ކައިތީ"، "މާސްޓާ"، "ވިކްރަމް" އަދި "ގުޑް ބޭޑް އަގްލީ" ހިމެނެއެވެ. އަރުޖުންގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ މި މި މަހުގެ 12 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ބޮމް"އެވެ.