ވާވެޔޮ މަގުގައި ހުންނަ ތިލޭރުކަން ކުރާ ތަނެއް ފަޅާލައި 500000ރ.ގެ ރަންރިހީގެ ސާމާނު ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ މާވެޔޮ މަގު، މއ. ވައިކަރަދޫގޭގައި ހުންނަ ތިލޭރުކަން ކުރާ ތަނެއް ފަޅާލައިފައި ވަނީ އެތަނުގައި މަސައްކަތް ކުރާ މީހުން އިއްޔެ އަސްރު ނަމާދަށް ދިޔަ ވަގުތު ކަމަށެވެ. އަދި އެތަނުން ވަގަށް ގެންދިޔަ އެއްޗެހިތަކަކީ ގަހަނާ ހެދުމަށް މީހުން ގެނެސްފައިވާ ރަން ރިހި ކަމަށެވެ.

ތިލޭރުކަން ކުރާ ތަނުގައި މަސައްކަތް ކުރާ ޔާސިރު އަހުމަދު ސަންއަށް މައުލޫމާތު ދެމުން މިއަދު ބުނީ އިއްޔެ އަސްރު ނަމާދަށް ދިޔަ ވަގުތު އެތަނުގެ ތެރެއަށް ބަޔަކު ވަނީ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށާއި ވަގަށް ގެންދިޔަ ރަންރިހީގެ އަގު 500000ރ. އަރާނެ ކަމަށެވެ. އަދި އެތަނުން ވަގަށް ގެންދިޔަ ތަކެއްޗަކީ އެތައް ކަސްޓަމަރުންނެއްގެ ހައްގުތަކެއް ކަމަށާއި އެ ކަސްޓަމަރުންނަށް އޭގެ ބަދަލު ދޭނެ ގޮތެއް ވެސް ނޭނގޭ ކަމަށް ޔާސިރު ބުންޏެވެ.

"އަޅުގަނޑު އިއްޔެ އަސްރު ނަމާދަށް ގޮސްފައި އައިއިރު ހުރީ ފަޅާލައިފައި. މިއަށްވުރެ [ފޮޓޯއިން ފެންނަ] ބޮޑު ފޮއްޓަކަށް ރަންރިހި އަޅާފައި ހުންނާނީ. މި ފޮށީގައި ވެސް [ފޮޓޯއިން ފެންނަ] ހުންނާނީ ހުސް ރަން. އެ ހުރިހާ އެއްޗެއްގެ އަގު 500000ރ. އަށް އަރާނެ،" ރަންރިހީގެ މަސައްކަތް ކުރުމަށް މަޝްހޫރު ރަށެއް ކަމަށްވާ ދ. ރިނބުދޫއަށް ނިސްބަތްވާ ޔާސިރު ބުންޏެވެ.

ރަންރިހީގެ ގަހަނާ ހެދުމުގެ މަސައްކަތް ކުރަމުންދާތާ 20 އަހަރު ދުވަސް ވެފައިވާ އެތަނުގެ ވެރިމީހާ އާދަމް ނަސީރު (އާދަނު) މިދުވަސްކޮޅު ހުރީ ރިނބިދޫގަ އެވެ. ޔާސިރު ބުނީ ވަގަށް ގެންދިޔަ ތަކެތީގެ ބަދަލު ކަސްޓަމުރުންނަށް ދިނުމާ މެދު ގޮތެއް ނިންމާނީ އާދަނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ޔާސިރު ބުނީ އެތުން ވައްކަންކޮށްގެން ގެންދިޔަ ތަކެއްޗާ އެކު، އެތަނުގެ ކަބަޑެއްގެ ތެރޭގައި ހުރި 5000ރ. އަށް ވުރެ ގިނަ ފައިސާ ވެސް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

އިއްޔެ އަސްރު ނަމާދަށް ދިޔަ ވަގުތާ ދިމާކޮށް އެތަން ފަޅާލައިފައި ވާތީ ޔާސިރު ބުނީ އެތަނުން ވައްކަން ކުރި މީހުން އެކަންކޮށްފައި ވަނީ ދުރާލައި ރާވައިގެން ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ވެސް އެތަން ފަޅާލައި ވައްކަންކޮށްފައިވާ ކަމަށް ބުންޏެވެ.

"ވަރަށް ރާވައިގެން މިކަންކޮށްފައި ވަނީ. އެއީ މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ހަމަ މިތަން ފަޅާލައި ސާމާނުތަކެއް ގެންގޮސްފައިވޭ. އަނެއްކާ ދަނޑިވަޅާ ދިމާކޮށް ފާރަލައިގެން ނަމާދަށް ދިޔަ ވަގުތު މިކަންކޮށްފައި ވަނީ،"

ޔާސިރު ވިދާޅުވީ ރަންރިހީގެ ސާމާނުތަކެއް ހެޔޮއަގުގައި ބަޔަކު ވިއްކަމުންދާ ނަމަ ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަށާއި ނުވަތަ އޭނާގެ ނަންބަރު 7976604 އަށް ގުޅައި މައުލޫމާތު ދެއްވުމަށް އެދޭ ކަމަށެވެ.