މީގެ 21 އަހަރުކުރިން ވުޖޫދަށް އައި ބޮލީވުޑްގެ މަގުބޫލު ފްރެންޗައިސް "މަސްތީ"ގެ ހަތަރު ވަނަ ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި ފްރެންޗައިސްގެ ދަށުން ކުރިން ގެނެސްދިން ތިން ފިލްމުގައި ވެސް ބަތަލުންގެ ރޯލް ކުޅުނު އެކްޓަރުން ކަމަށްވާ ވިވެކް އޮބްރޯއި، އަފްތާބް ޝިވްދަސާނީއާ އަދި ރިތޭޝް ދޭޝްމުކް މިފަހަރުވެސް ފެންނާނެ "މަސްތީ 4"ގެ ޑައިރެކްޓަރަކީ މިލަފް ޒަވޭރީއެވެ.

މިލަފް އަކީ 2021 ވަނަ އަހަރު އެކްޓަރު ޖޯން އަބްރަހަމް ލީޑް ރޯލް ކުޅުނު ފިލްމު "ސަތިއަމޭވް ޖަޔަތޭ 2"ގެ ވެސް ޑައިރެކްޓަރެވެ.

ފިލްމު "މަސްތީ"ގެ ކުރީގެ ތިން ފިލްމު ވެސް ޑައިރެކްޓްކޮށްފައި ވަނީ ތަޖުރިބާކާރު ފިލްމު ޑައިރެކްޓަރު އިންދަރު ކުމާރެވެ. މި ފިލްމުގައި ބަތަލާއިންގެ ރޯލްއިން ފެންނާނީ ޓެލެވިޒަން ދާއިރާގައި މަސައްކަތް ކުރުމަށްފަހު ބޮލީވުޑަށް ތައާރަފްވެފައިވާ ޝްރޭޔާ ޝަރްމާ، އިންޑިއާގެ މަޝްހޫރު މޮޑެލް ރޫހީ ސިންގް އަދި ނެޓްފްލިކްސްގެ ކާމިޔާބު ޝޯ "ސޭކްރޭޑް ގޭމްސް"ގެ ބަތަލާ އެލްނާޒް ނޫރޫޒީއެވެ.

ފިލްމު "ގްރޭންޑް މަސްތީ"ގެ މަންޒަރެއްގައި ވިވެކް، އާފްތާބް އަދި ރިތޭޝް--ފޮޓޯ/އިންޑިއާފޯރަމްސް

ޒީ ސްޓޫޑިއޯސް އާއި ވޭވްބޭންޑް ޕްރޮޑަކްޝަން ބެނާގެ ދަށުން ޝީކާ ކަރަން އަހްލުވާލިއާ ޕްރޮޑިއުސްކުރާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެކަން އިއުލާނުކޮށްފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 21ގައެވެ.

ކުރީގެ ތިން ފިލްމެކޭ އެއްގޮތަށް ހަތަރު ވަނަ ބައިން ވެސް ބެލުންތެރިން ހެއްވާލަދޭނެ ގިނަ ހާދިސާތަކެއް ފެންނާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ. ފިލްމު "މަސްތީ 4"އަކީ މި އަހަރު ބޮލީވުޑްއިން ގެނެސްދޭނެ އެއްމެ ކާމިޔާބު ކޮމެޑީ ފިލްމަށް ހެދުމަކީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ އަމާޒުކަމަށް ރިޕޯޓުތައް ބުނެއެވެ.

"މަސްތީ" 2004 ގައި ގެނެސް ދިނުމަށް ފަހު "ގްރޭންޑް މަސްތީ" ގެނެސްދިނީ 2013 ގަ އެވެ. އަދި ގްރޭންޑް ގްރޭންޑް މަސްތީ" ރިލީޒްކުރީ 2016 ގައެވެ.