ތަފާތު ވީޑިއޯތައް ރެކޯޑުކުރުމަށް ޚާއްސަކޮށްފައިވާ އެކްޝަން ކެމެރާތައް އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި ގޯޕްރޯ ކުންފުނިން އެ ކުންފުނީގެ އާ 360 ޑިގްރީ އެކްޝަން ކެމެރާ، ގޯޕްރޯ މެކްސް 2، އަދި ކޮމްޕެކްޓް ކެމެރާ ގޯޕްރޯ ލިޓް ހީރޯ އާއި ފްލުއިޑް ޕްރޯ އޭއައި ގިމްބަލް ތަޢާރަފުކޮށްފިއެވެ.

މި ތިން އުފެއްދުން ވެސް ވަރަށް އަވަހަށް ހޮވާލެވޭ ބާޒާރުތަކަށް ނެރެން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް، ގޯޕްރޯ މެކްސް 2 އާއި ލިޓް ހީރޯ މިހާރުވެސް އެ ކުންފުނީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ޕްރީ-އޯޑަރަށް ހުޅުވާލާފައިވެއެވެ.

އަގާއި ލިބެންހުންނާނެ ތާރީޚު:

ގޯޕްރޯ މެކްސް 2 ގެ އަގަކީ 499.99 ޑޮލަރެވެ. ޕްރީ-އޯޑަރު ކުރާ ފަރާތްތަކަށް ސެޕްޓެމްބަރު 30 އިން ފެށިގެން އުފެއްދުންތައް ފޮނުވަން ފަށާނެއެވެ. އަދި މި ތާރީޚުގައި އޮފްލައިން ސްޓޯރުތަކުންވެސް މި ކެމެރާ ލިބެން ހުންނާނެއެވެ. ގޯޕްރޯ މެކްސް 2 ގެ ބަންޑަލްތައް ލިބެންހުންނާނީ އެ ކުންފުނީގެ ވެބްސައިޓުން އެކަނި ކަމަށް އެ ކުންފުނިން ބުނެއެވެ.

ގޯޕްރޯ ލިޓް ހީރޯ ގެ އަގަކީ 269.99 ޑޮލަރެވެ. މި ކެމެރާ ވެސް މިހާރު ޕްރީ-އޯޑަރަށް ހުޅުވާލާފައިވާއިރު، އޮކްޓޯބަރު 21 އިން ފެށިގެން ވިއްކަން ފަށާނެއެވެ. ގޯޕްރޯ ފްލުއިޑް ޕްރޯ އޭއައި ގިމްބަލް ގެ އަގަކީ 229.99 ޑޮލަރެވެ. މި ގިމްބަލްވެސް އޮކްޓޯބަރު 21 އިން ފެށިގެން ލިބެން ހުންނާނެއެވެ.

ގޯޕްރޯ މެކްސް 2 ގެ ސްޕެސިފިކޭޝަންތައް:

ގޯޕްރޯ މެކްސް 2 އިން 8ކޭ 360 ޑިގްރީ ވީޑިއޯ ރެކޯޑް ކުރެވޭނެއެވެ. މީގެ އިތުރުން، 1 ބިލިއަނަށް ވުރެ ގިނަ ކުލަތައް ރެކޯޑް ކުރުމުގެ ގާބިލިއްޔަތު މި ކެމެރާގައި ހުރެއެވެ. މި ކެމެރާގައި ބަދަލުކުރެވޭ ލެންސްތަކާއި، ފެންނުވަންނަ އޮޕްޓިކަލް ގްލާސް ހުރެއެވެ.

ނަވާވީސް މެގާޕިކްސަލްގެ 360 ޑިގްރީ ފޮޓޯ ނެގުމުގެ ގާބިލިއްޔަތުވެސް މި ކެމެރާގައި ހުރެއެވެ. އެ ކުންފުނިން ބުނާ ގޮތުގައި މިއީ ބިލްޓް-އިން ޖީޕީއެސް ހިމެނޭ ދުނިޔޭގެ ހަމައެކަނި 360 ކެމެރާއެވެ.

މި ކެމެރާގައި ހަ މައިކްރޯފޯން ސެޓަޕެއް ހުރެއެވެ. މީގެ އިތުރުން، ބްލޫޓޫތް ކަނެކްޓިވިޓީ، "އޯޑިއޯ ފީލްޑް-އޮފް-ވިއު" އަދި 360 ސްޓޫޑިއޯ އޯޑިއޯ ސަޕޯޓްވެސް ހުރެއެވެ. ކުންފުނިން ބުނެފައިވަނީ 360 އެމްބިސޮނިކް އޯޑިއޯ ސަޕޯޓްވެސް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ. މި ކެމެރާގައި 1,960މިލިއެމްޕިއާ ހައުއާގެ ކޯލްޑް-ވެދާ އެންޑޫރޯ ބެޓެރީއެއް ހުރެއެވެ.

ގޯޕްރޯ ކުންފުނިން ބުނެފައިވަނީ މި އާ ކެމެރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބިނާކޮށްފައިވާ ސޮފްޓްވެއާއެއް ހުންނަ ކަމަށާއި، އެއިން 360 ޑިގްރީ ވީޑިއޯ އެޑިޓް ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. މީގެ އިތުރުން، އޭއައި އޮބްޖެކްޓް ޓްރެކިން އިން މޯޝަންފްރޭމް އެޑިޓިންގަށްވެސް ސަޕޯޓް ކުރެއެވެ. ގޯޕްރޯ މެކްސް 2 އާއެކު 16 އާ އެކްސެސަރީސްވެސް ތަޢާރަފުކޮށްފައިވެއެވެ.

ގޯޕްރޯ ލިޓް ހީރޯ ގެ ސްޕެސިފިކޭޝަންތައް:

ގޯޕްރޯ ލިޓް ހީރޯ އަކީ ގޯޕްރޯގެ އާ ލައިޓްވެއިޓް އެކްޝަން ކެމެރާއެކެވެ. މި ކެމެރާގެ ބަރުދަނަކީ ގާތްގަނޑަކަށް 93ގ. އެވެ. މި ކެމެރާއިން 4ކޭ ރިޒޮލިއުޝަންގެ ވީޑިއޯ ސިކުންތަކު 60ފްރޭމްސްއަށް ރެކޯޑް ކުރެވޭނެއެވެ. އަދި 2އެކްސް ސްލޯ-މޯޝަން ވީޑިއޯ ރެކޯޑް ކުރުމުގެ ގާބިލިއްޔަތުވެސް ހުރެއެވެ. މި ކެމެރާ 5 މީޓަރަށް ފެނަށް ލުމަކުން ފެން ނުވަންނާނެ ކަމަށް ބުނެފައިވާއިރު، ވަރުގަދަ ޑިޒައިނެއްވެސް ހުރެއެވެ. މީގެ އިތުރުން، ބިލްޓް-އިން ލައިޓެއްވެސް ހުރެއެވެ.

މި ކެމެރާއިން 12 މެގާޕިކްސަލްގެ ފޮޓޯ 4:3 އެސްޕެކްޓް ރޭޝިއޯގައި ނެގޭނެއެވެ. އަދި މި ކެމެރާގައި އެންޑޫރޯ ބެޓެރީއެއް ހުރެއެވެ. އެ ކުންފުނިން ބުނާ ގޮތުގައި މި ބެޓެރީއިން އެއް ފަހަރު ޗާޖުކޮށްގެން 100 މިނިޓް ވަންދެން 4ކޭ ވީޑިއޯ ރެކޯޑް ކުރެވޭނެއެވެ.

ގޯޕްރޯ ފްލުއިޑް ޕްރޯ އޭއައި ގިމްބަލް ގެ ސްޕެސިފިކޭޝަންތައް:

ގޯޕްރޯ ފްލުއިޑް ޕްރޯ އޭއައި ގިމްބަލް އިން ގޯޕްރޯ ކެމެރާތަކާއި، ސްމާޓްފޯންތަކާއި، ޕޮއިންޓް-އެންޑް-ޝޫޓް ކެމެރާތަކަށް އޭއައި ސަބްޖެކްޓް ޓްރެކިން ސަޕޯޓް ކުރެއެވެ.

މި ގިމްބަލްއަށް 400ގ. އާ ހަމައަށް ބަރުދަން އުފުލޭނެއެވެ. މިއީ 3-އެކްސިސް ގިމްބަލްއެއް ކަމަށްވާއިރު، ބަދަލުކުރެވޭ މައުންޓްތައްވެސް ހުރެއެވެ. މީގެ އިތުރުން، ފިލް ލައިޓެއްވެސް މި ގިމްބަލްގައި ހިމެނެއެވެ. މި ގިމްބަލްއަށް 18 ގަޑިއިރުގެ ބެޓެރީ ލައިފެއް ލިބޭނެ ކަމަށް ބުނެފައިވެއެވެ.