13 Aug 2012, 15:59
ދިހަ ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ 3-2 ލަނޑުން ބަލިކޮށް، އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއިން އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ، މިމެޗުގެ ފުރަތަމަ ލީޑް ނެގީ ޗެލްސީއިންނެވެ. އެ ލަނޑު ޗެލްސީއިން ޖެހި މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ނިމިގެން ދިޔަ ޔޫރޯ 2012 ފުޓްބޯޅަ މުބާރާތުގެ ރަން ބޫޓު ކާމިޔާބުކުރި ސްޕެއިންގެ ހުނަރުވެރި ފޯވާޑް ފެނާންޑޯ ޓޮރޭސް އެވެ. އެހެން ޗެލްސީން މެޗުގެ ލީޑް ނެގިތާ ދެ މިނެޓް ފަހަހުން އެޓީމުގެ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ރެފްރީ ކެވިން ފްރެންޑްވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ.
މެޗުގެ ފުރަތަމަ ހާގުގެ ކުޅުން ނިމުނު އިރު އެއް ލަނޑުގެ ލީޑަކާ އެކު ޗެލްސީން ކުރި ހޯދާފައިވީ ނަމަވެސް، މެޗުގެ ދެ ވަނަ ހާފާ އެ ޓީމުން ކުރިމަތިލާން ޖެހުނީ ޖުމްލަ 10 ކުޅުންތެރިންނާ އެކު އެވެ. އެހެން ކަމުގެ ސަބަބުން އިދިކޮޅު ޓީމުން ވަނީ އޭގެ ފައިދާ ލިބިގަނެ، ރަނގަޅު ކުޅުމެއް ދައްކަންފަށައިފަ އެވެ. ދެ ވަނަ ހާފުގައި ސިޓީން ދައްކަމުން އައި ހިތްވަރުގަދަ ކުޅުމުގެ ނަތީޖާ ފެނިގެން ދިޔައީ މެޗުގެ 52 ވަނަ މިނެޓްގައި އެޓީމުގެ ޔާޔާ ޓޫރޭވަނީ ލަނޑެއް ކާމިޔާބު ކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ތަނެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ސިޓީން ވަނީ މެޗުގެ ލީޑް ފުރަތަމަ ފަހަރަށް ނަގައިފަ އެވެ. އެލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިން ކާލޮސް ޓެވޭޒެވެ.
ފަހަތުން އަރާ ޗެލްސީގެ މައްޗަށް ސިޓީން ކުރި ހޯދާފައި ވަނިކޮށް، ސިޓީގެ އުންމީދިތަކަށް އިތުރު ފިނިކަމެއް ގެނެސްދީ ޗެލްސީގެ މައްޗަށް މެޗުގެ ލީޑް އިތުރަށް ސިޓީން ވަރުގަދަ ކުރީ މެޗުގެ މެޗުގެ 65 ވަނަ މިނެޓްގައި ސިޓީގެ ސާމިރް ނަސްރީ ކާމިޔާޞު ކޮށްދިން ގޯލުންނެވެ.
މެޗުގައި ސިޓީކޮޅަށް ޗެލްސީން ޖެހި އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ފެނިގެންދިޔަ ރަޔަން ބަރެޓްރެންޑްއެވެ.
މިމެޗު ނިމިގެންދިޔައިރު އަށް ރީނދޫ ކާޑާއި ރަތްކާޑެއް ފެނިގެން ދިޔަކަން ފާހަގަ ކޮށްލެވުނެވެ.
މެޗަށް ފަހު ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނީ، މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ފުރިހަމަ ކަމާއި ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ޓީމުން ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރި ކަމަށެވެ.