24 Sep 2025, 16:56
ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ސައިކަލެއް ދުއްވާފައި ދަނިކޮށް މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓަށް މިއަދު ވަނީ، އެއްގަމު އުޅަނދެއް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ފިރިހެނަކު ހާޒިރުކޮށްފައެވެ. އެއީ، ށ. ފޯކައިދުއަށް ނިސްބަތްވާ 30 އަހަރުގެ މީހެކެވެ.
އެ ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ "ސައިކަލެއް ވަގަށް ނަގައިގެން ދުއްވާފައި" ދަނިކޮށެވެ.
އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅައިފައިވާ ކަމަށާއި އޭގެ ތެރޭގައި އޭނާ ހައްޔަރުކުރި ފުލުހުންގެ ރިޕޯޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރާއްޖޭގައި ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކުރަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2،432 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު، މިދިޔަ އަހަރު އެފަދަ 3،762 މައްސަލަ ހުށަހަޅައިފައިވެއެވެ.