ދިވެހި ލީގުގެ ގަދަ ހަޔަކުން ކަޓައި ރެލިގޭޝަން ކުޅެންޖެހިފައިވާ ވެލެންސިއާ އަށް "މިަށް ވުރެ ދެރަގޮތެއްވާން،" ނޭދޭ ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ރޭ ބުނެފި އެވެ.

އޭނާގެ މިބަހުގެ މާނައަކީ ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާން ބޭނުންނުވުމެވެ.

ފުރަތަމަ ފަހަރަށް ފައިސާ އަށް ކުލަބު ބަދަލު ކުރި އެއް ކުޅުންތެރިޔާގެ ގޮތުގައި 1992 ވަނަ އަހަރު ވެލެންސިއާ އަށް ބަދަލުވި ސުޒޭން ބުނީ އޭނާ ވެލެންސިއާ އަށް ކުޅުނުއިރު އެއީ ވަރަށް އޮގަނައިޒް ޓީމެއް ކަމަށާއި ނަމަވެސް މިހާރު ވެލެންސިއާ ލައްވައި ފުޓްބޯޅަ ކުޅުވަން އެކުލަބުގެ ހިންގުންތެރިން ބޭނުންވާހެން ހީނުވާ ކަމަށެވެ.

"ވެލެންސިއާ ރެލިގޭޝަން ކުޅެން ޖެހޭ. ވަރަށް ބޮޑު އިހުމާލެއްވެފަ އޮތީމަ ވެލެންސިއާ މިހިސާބަށް ދާނީ. ކޮންމެ މެޗެއްގެ ހަތަރު ފަސް ގޯލު ޖަހާ. ދެހާހަށް އެޅުނުއިރު ވެލެންސިއާ ވަރުގެ ޓީމެއް ނުވެސް ނެތް. ފަސް ފަހަރު ލީގު ހޯދާފައިވާ ޓީމެއްގެ ވާހަކަ މިދައްކަނީ. ވެލެންސިއާއާ ހަވާލުވެގެން ތިބި އަމިއްލަ ބޭނުންތަކެއް ފުއްދަން ވެލެންސިއާ ބޭނުންކުރާތަން މިފެންނަނީ،" ސުޒޭން ބުންޏެވެ.

އޭނާ އަދި ބުނީ ވެލެންސިއާއަކީ ސްޕޮންސާހޯދަން އެންމެ ފަސޭހަ ޓީމު ކަމަށާއި ނަމަވެސް މިދިޔަ ފަސް އަހަރު ކުލަބު ހިންގެވި ބޭފުޅުން ނާޖާއިޒު ގޮތުގައި ވެލެންސިއާ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ނާޖާއިޒު ގޮތުގައި ވެލެންސިއާ ބޭނުން ކުރަން ފެށީ 2008 ވަނަ އަހަރު ކަމަށާއި އޭގެ ފަހުން އަހަރަކަށްވުރެ އަހަރަކު ކުލަބުގެ ހާލަތު ދެރަވަމުން ދިޔަ ކަމަށެވެ.

"އަޅުގަނޑު ވެލެންސިއާ އަށް ކުޅުނުއިރު ހާފް ޓައިމްގައި ޖާޒީ ބަދަލުކޮށްގެން އަރަނީ. އެއިރު ދިވެހި ކުލަބެއް ހިތަށް ވެސް ނާރާނެ ޖާޒީ އެކަން ކުރަން. އެކަމަކު މިަދު ވެލެންސިއާގައި ހާފްޓައިމްގައި ބަދަލުކޮށްލާނެ ޖާޒީއެއް އޮތްހެނެއް ވެސް ހިޔެއްނުވޭ. މިއީ ހަމަގައިމު ވެސް ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށްފަ އޮތީމަ ވާގޮތެއް. އަޅުގަނޑު ގޮވާލަން ނުފޫޒު ބޭނުންގޮށްގެން ތިބި ބަޔަކު މިކަން ހުއްޓާލައި ވެލެންސިއާދެކެ ލޯބިވާ ބަޔަކާ ވެލެންސިއާ ހަވާލުކުރަން،" އެންމެ ކުޑައިރުއްސުރެ ވެސް ވެލެންސިއާ އަށް ސަޕޯޓްކުރި ސުޒޭން ބުންޏެވެ.

އޭނާ އަދި ބުނީ ވެލެންސިއާ ރެލިގޭޝަން ކުޅެން ޖެހުނަސް ކުލަބް ރެލިގޭޓްވާން ބޭނުންނުވަނީ އެއީ ދިވެހި ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު ދެރައަކަށްވާތީ ކަމަށެވެ.

"ހަމައެކަނި ވެލެންސިއާގެ ސަޕޯޓަރުން އެކަންޏެއްނޫން މިކަމާ ހިތާމަ ކުރާނީ. މިއީ މުޅި ފުޓްބޯޅަ އަށް ލިބޭ ގެއްލުމެއް. ހަގީގަތުގައި ވެލެންސިއާ ރެލިގޭޝަން ކުޅެން ޖެހުމަކީ ވަރަށް އައިބު ކަމެއް، ސުޒޭން ބުންޏެވެ.