"ސިކުނޑިއަކީ ދަގަތްފާނެއްފަދަ އެއްޗެކެވެ. ރަހުމަތާއިމެދު ވިސްނަންޏާ ރަހުމަތް ތިބާއާއި ދިމާލަށް ދަމައިގަންނާނެއެވެ. މައްސަލަތަކާއިމެދު ވިސްނަންޏާ މައްސަލަތައް ކައިރިވާނެއެވެ. އެހެންވީމަ އަބަދުވެސް ފައްސި ވިސްނުން ގެންގުޅޭށެވެ. ﷲ ތައާލާއަށް ވަކީލުކުރާށެވެ."

***

އަޒިއެލްގެ ހަޔާތަށް މިފަހަރު ތޫފާނެއް އައީ ހީނުކުރާފަދަ ގޮތަކަށެވެ. ރުޚުސާ އޭނައާއި ދަރިފުޅު ދޫކޮށްލާފައި މާމަ ގާތަށް ފުރީއެވެ. ދަރިފުޅު ނިދަން އޮތްވާ މަންމަ ގެ ގެއަށް ގޮސްލާފައި އަންނަން ބުނިގޮތަށް އެރޭވެސް ޚަބަރެއްނުވެގެން ގުޅައިލުމުން އެނގުނީ ފުރައިގެން ދިޔަކަމެވެ. ދަރިފުޅު އެރޭ ނިންދެވުން އެކަކަށްވެސް ފަސޭހައެއްނުވިއެވެ. އިންފެންޓް ފޯމިއުލާ ގަނެގެން ގެނެސް އެތައް ވަރުން ދިނަސް ގިސްލަގިސްލާފައި ރުއީއެވެ. އެކަމާއިހެދި އެންމެން ރުޚުސާއަށް ގުޅަން މަސައްކަތްކުރިއެވެ. ފޯނު އޮތީ ނިވާލާފައެވެ.

ހެނދުނުގެ އަލިކަން ކުޑަދޮރުގެ ފަރުދާގެ ހިންމިތަކުން ވަންނަންފެށީ ފަނޑު ހުރަސް ރޮގުތަކެއް ތަޅުންމައްޗަށް އަޅުވައިލަމުންނެވެ. ގެއަށް ވެރިވެފައިވާ ހިމޭންކަމައެކު ދޫންޏެއްގެ ލަވަ ޖެހުމުގެ އަޑެއްވެސް ނީވެއެވެ. ކޮންމެވެސް ކަމެއް ގޯސްވެފައިކަން ދޫނިތަކަށް ފަހުމްވެފައިވާފަދައެވެ.

އަޒިއެލް ކައުޗްގައި އިށީދެލައިގެން އިނެވެ. ކުރީ ރޭގައިވެސް ލައިގެން ހުރި ހެދުން ރޫޖެހިފައިވިޔަސް ފަރުވާލެއްނެތެވެ. އިނގިލިތައް ރޫރޫ އަލުން ދިޔައީ ފިނިވެގެނެއްނޫނެވެ. ކަށިގަނޑުގެ އެންމެ އެތެރެއަށް ފޭދި މޫ ހަރުލާފައިވާ ވޭނުގެ ސަބަބުންނެވެ. އޭނަގެ ލޯ ހުއްޓިފައިވަނީ ދޮރާއި ދިމާލަށެވެ. އަދިވެސް އޭނައަށް ރުޚުސާ ދިޔަކަން ގަބޫލުކުރަން ދަތިވަނީއެވެ.

އޭނަގެ ފޯނަށް ރޭ މެސެޖެއް އައެވެ. "އަހަންނަށް އިތުރަށް މިކަމެއްނުވާނެ އާޒް...މި ހަލަބޮލިކަމުގެ ތެރޭގައި އުޅެން ހަދައިގެން އަހަރެންވެސް މޮޔަވެދާނެ..ދަރިފުޅަށް އަނިޔާ ނުކުރާނެކަމުގެ ޔަގީންކަން އޮތީމަ ބާއްވާފައި ދިޔައީ،....އަނާ ރަގަޅަށް ބަލާދޭތި.."

އޭނަ ޖަވާބެއް ނުދެއެވެ. ދޭނެ ހިތްވަރު ނުލިބުނީއެވެ. އޭނަގެ ސިކުނޑީގެ ތެރޭގައި އެތައް އަޑުތަކެއް ހަޅޭއްލެވިއެވެ. މާނައެއް ދޭހަނުވާ ހަޅޭއްތަކެވެ. އޭނަވަނީ ހަދާނެގޮތް ހުސްވެފައެވެ. އޭނަ އެތައް އުއްމީދެއްކުރިއެވެ. ކުރިމަގަށްޓަކާ ޕްލޭންތަކެއްކުރިއެވެ. އޭނަގެ އަތުގެތެރެއަށް އަނާ ފުރަތަމަ ލެވުނު ވަގުތު ލިބުނު އުފާތައް...އެހުރިހާކަމަކީވެސް ދަޅައެއްހެއްޔެވެ؟ ހުވަފެނެއްހެއްޔެވެ؟ ހަގީގަތެއްނޫންހެއްޔެވެ؟

އަޒިއެލްއަށް އަތުތެރޭގައި މޫނު ފޮރުވައިލެވުނެވެ. ކަރުނަތައް އަންނަން ފެށިގޮތަށް ހުއްޓުމެއްނެތެވެ. އޭނައަށް ކައުޗްގައި އޮށޯވެލެވުނީ ކަކޫ މޭގައި ޖައްސާ ކުރުގެޅިލައިގެންނެވެ.

"އައިމް ސޮރީ.."އޭނަ ހުސް ކޮޓަރިއާއި މުޚާތަބުކުރިއެވެ."އައި ޑިޑްންޓް މީން ޓު ބީ ދިސް ވޭ......."

ރުޚުސާ ބިރުގަތީއެވެ. އޭނަ ރުޚުސާ ކުށްވެެރިއެއް ނުކުރާނެއެވެ. އޭނަ އަބަދުވެސް ބުނަމުން ދިޔައީ އޭނައާއި ދެކޮޅަށް ރާވާ ރޭވުންތަކުގައި ރުޚުސާވެސް ބައިވެރިވާކަމުގައެވެ. އެހެނޭ ކިޔާފައި ހަޅޭއްލަވައިގަތުމުން އަންހެންކުއްޖެއްވިއްުޔާ ބިރުވެސް ގަންނާނެ ނޫންހެއްޔެވެ؟ ސީރިއަލް ފޮށްޓެއްގެ ބޭރުގައި މެނިފެސްޓޯއެއް ލިޔެފައި އަދިވެސް ކޮޓަރީގެ މޭޒުމަތީގައި އެބައޮތެވެ.

އޭނަ ޓީޝާޓުގެ އަތުކުރިން ލޯ ފޮހެލިނަމަވެސް ކަރުނަތަެއް ނުުހުއްޓުނެވެ. މިފަހަރު އަމިއްލަ ނަފުސަށްޓަކައެއްނޫނެވެ. އޭނަގެ ކުޑަ ކުޑަ އަންހެން ދަރިފުޅުގެ ހައްގުގައެވެ. ކޮޓަރިއާއި ދިމާލުން އަނާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުން ހިތަށް ފުން އަސަރުތަކެއްކުރުވީއެވެ. ބަނޑުހައިވެގެން އެކުއްޖާ ރުއިވަރު އަދިވެސް ސިކުނޑީގައި ހަރުލާފައިވިއެވެ. އެކުއްޖާ އެއްލާލާފައި މަންމަ މާ ދުރަށް ދިޔަކަން އެ މައުސޫމްކުއްޖާއަށް ފަހުމްވީކަން ނޭގެއެވެ. މަންމަ ނެތުމަކީ ތުއްތު ކުއްޖަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ.

"ތިއްތި.....ސައިބޯން ތެދުވެބަލަ..."ކައިލާ ގާތަށް ހުއްޓުނުކަން އެނގުނަސް އޭނަ އޮތީ ކުޝަން މޫނުގައި ޖައްސާ ބާރުކޮށްލައިގެންނެވެ."އަނާވެސް އުޅެނީ ޑެޑީ ނުފެނިގެން...މިތަނަށް ގެނައިމަ މިހާރު ހުއްޓާލައިފި. ބަލާލަބަލަ ތިއްތި...ސްމައިލްވެސް އެބަކުރޭ......"

އަޒިއެލްގެ އެ ހިތްވަރެއްނެތެވެ. އޭނަ ބޭނުންވީ އެކަނިވެރިކަމެވެ. ނާއުއްމީދުން ސިކުނޑި ބަރާވެފައެވެ.

"ގޯ އަވޭ ކައިލާ....."އޭނައަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"ތިއްތި...ރުޚުސާ އަށް އަދި ވިސްނޭނެ..މިހާ ކުޑަކުއްޖަކު އެއްލާލާފައި މަންމައަކަށް ދުރުގައި ނުހުރެވޭނެކަން...ޕްރޭންކަކަށްވާނީ. ނޫނީ ތިއްތި އިމްތިހާންކުރަން...އަދި އަންނާނެ އިންޝާﷲ.........."

"ކައިލާވެސް ދުރުގައި މަންމަ ބެހެއްޓީނު...ހަމަ ކުޑައިރު. އަހަރެންދެކެ ބިރުން..."

އަޒިއެލްގެ އެ ޖުމްލަ ތީރެއްފަދައިން އޭނަގެ ހިތަށް ހެރުނެވެ. އެއީ މުޅިން ދޮގެއްނޫނެވެ. ނަމަވެސް އޭނަގެ މަންމަ އޭނަ ސަލާމަތްކުރީ އަޒިއެލްގެ ފަރާތުން އަނިޔާއެއް ލިބިދާނެތީއެވެ. ނަފްސާނީ ގެއްލުމެއްވެދާނެތީއެވެ. ރުޚުސާ އަމިއްލަ ޖާނު ސަލާމަތްކުރަން ދަރިފުޅު ގުރުބާން ކުރީ ނޫންހެއްޔެވެ؟އެ ދެ ހާލަތު ހާސް ބައި ތަފާތެވެ. ރުޚުސާ ދަރިފުޅު ގޮވައިގެން ދުރަށް ދިޔަނަމަ އޭނައަށް އެކަން ގަބޫލުކުރެވުނީހެވެ.

ކައިލާ ގުދުވެފައި ދަރިފުޅު އަޒިއެލްގެ މަގަތުގައި ބޭއްވިއެވެ.

އެތުއްތު ދަރިފުޅު އަމިއްލަ ބަހުރުވައިން ވާހަކަދައްކާފައި އަތްްފައި ހަލުވަމުން އެކުޑަ ކުޑަ އަތުން ބައްޕަގެ އަތުގައި ޖެހެމުން ދިޔައެވެ. އެންމެފަހުން އަޒިއެލްގެ އަތް އެކުއްޖާ ވަށައިލެވުނެވެ. މޭގައި ޖައްސައިލެވުނެވެ.

އޭނަގެ ހިތުގައި އުއްމީދުގެ އަލިކޮޅެއް ދިއްލުނެވެ. ކައިލާ ބުނިހެން ރުޚުސާއަށް ތުއްތު ދަރިފުޅާއި ވަކިން ހުންނަން ފަސޭހައެއްނުވާނެއެވެ. އޭނަގެ ލޮލުން އެންމެ މިނިޓަކަށްވެސް އަނާ ކައްސައިލިޔަ ނުދޭން ބޭނުންވާއިރު އަދި މަންމައަށް ކިހާވަރެއްވާނެހެއްޔެވެ؟ އުއްމީދުގެ އަލިކަން ހިތުގައި އުފަންވުމާއެކު އޭނަ ހިތާހިތުން ދުޢާކުރިއެވެ. ހިތަށް ހަމަޖެހުމެއްލިބުނީ ހެއްދެވި ފަރާތާއި ވާހަކަދައްކައިލެވުމުންނެވެ. އޭނަ އެދުނީ އޭނަގެ ދަރިފުޅަށް މަންމައެއްގެ ލޯބި ލިބުމަށެވެ. އޭނަގެ ބަލިން ފަސޭހަކުރައްވާ ދުނިޔެއާއި ކުރިމަތިލުމުގެ ހިތްވަރު ދެއްވުމަށެވެ.ލޯ ހުޅުވައިލެވުމާއެކު ހަތަރުކަޅި ހަމަވީ އަނާއާއެވެ. އެލޮލުން ފެނުނީ ދެނެގަތުމާއި ލޯބީގެ މަތިވެރިކަމެވެ.ވިދުންގަދަ އެލޯ ފެނުމާއެކު އަޒިއެލްގެ ހިތް ގުރުބާންވާވަރުވިއެވެ. ދަރިފުޅަކީ ލޯބީގެ ދެވަނަ ނަމެވެ.

އޭނަ އެ ކަަފަކޮޅެއްފަދަ މަޑު މޫނުގައި އިނގިލިން ފިރުމައިލިއެވެ.

"ޑެޑީގެ ލަވް...އައި ޕްރޮމިސް...އަބަދަށް ދުނިޔޭގެ ހުރިހާކަމަކުން ހިމާޔަތްކޮށްދޭނަން އިންޝާﷲ...އަބަދަށް ލޯބިވާނަން ދަރިފުޅުދެކެ..އަބަދު ތިހެން ސްމައިލްކުރައްޗޭ ސްވީޓްހާޓް...."

އަނާ ގެ ލޯބިން ފުރިގެންވި ހިނިތުންވުމުން ހީވީ ހުރިހާ ވާހަކަތަކެއް ދޭހަވީހެންނެވެ. ޖަވާބުދޭން ބޭނުންވިގަޮތަކަށް އަޑެއް ލައްވައިލިއެވެ. ދޫންޏެއް ލަވަ ކިޔައިލިފަދައެވެ. ދެބަފައިންގެ އެ ރީތި ހިނދުކޮޅު ކައިލާ ފޯނުގައި ރައްކާކޮށްލިއެވެ.

***

"ޒާމިލް..އައިމް ސޮރީ..އަހަންނަށް މި ކައިވެންޏަށް އެއްބަސްވެވެން ނެތް. މިހާރު ހަމަ ވިސްނަނީ ޕީއެޗްޑީއައި ހަމަޔަށް ކިޔަވަން..ހުރިހާ އެއްޗަކީ ކެރިއާ...ހަޒްބެންޑެއް ހުރިއްޔާ ވަގުތުދޭންވާނެ. އެފަދަ ޒިންމާއެއް ނެގޭވަރަށްވުރެ އަދި ކިޔެވުމާއިގެން ބިޒީ..ޒާމިލްއަށް އަހަންނަށްވުރެ މާ ރަގަޅު އަންހެންކުދިންވާނެކަން ޔަގީން.އަހަރެންގެ ކަޒިން ކައިލާއަކީ ހަމަ ޖަވާހިރެއް. މިޒަމާނުގައި އެފަދަ ރަގަޅުކުއްޖެއް މަދުވާނެ..ޒާމިލްއަށް އެކަން ކާމިޔާބުވެއްޖެއްޔާ އެންމެ އުފާވާނީ އަހަރެން......ގުޑް ލަކް..."

ޒޭބާ އެ މެސެޖް ފޮނުވާލާފައި އޭނަގެ މަންމަ ކައިރީގައިވެސް ޒާމިލްގެ ކައިވެނީގެ ހުށަހެޅުމަށް ނޫނެކޭ ބުނެލިވާހަކަ ބުނެލިއެވެ. މަންމަގެ ރުޅިގަނޑު ފަޅައިގެންގޮސްފާ ވަގުތުން އޭނަގެ މޫނުމަތީގައި ޖެހިއެވެ. އޭނަގެ ލޮލުން ތަރިބުރައިގެން ދިޔައެވެ. އޭނައަށް މޫނުގައި އަތް އަޅައިގެން ބަލަން ހުރެވުނީ ހަމަ ހައިރާންވެ ޝޮކެއްގައެވެ. މިއީ މަންމަގެ ފަރާތުން ނުފެންނަ ނުރައްކާތެރި ރުޅިއެކެވެ. މަންމަ އެހާވަރުގެ ރުޅި އަންނަކަމެއް އޭނައަށް ކުރެވުނީހެއްޔެވެ؟އެ ރުޅީގެ ސަބަބު އަދި ސުވާލުނުކުރަނީސް އެނގުނީ މަންމަގެ ޖުމްލައިންނެވެ.

"އާނ...މިހާރު އެނގިއްޖެއޭ ކުއްލިއަކަށް ކަލޭ ތިހެން ނިންމި ސަބަބު..ދޮންމަންމައަކަށްވާން ބޭނުންވީ؟ހާދަ ނުވިސްނެއޭ...."

"މަންމާ..ކީކޭ ތިކިޔަނީ؟"އޭނަގެ މޫނު އެއްކޮށް ރަތްވިއެވެ."ކަލޭ" އެ ލަފުޒަކީ އޭނަގެ އާއިލާތެރޭގައިވެސް އެކަކު އަނެކަކާއި މުޚާތަބުކުރަން ގެންގުޅޭ ބަހުރުވައެއްނޫނެވެ.

"އަޒިއެލްގެ ދަރިއަށް ދޮންމަންމައަކަށްވާން..."

ޒޭބާ ޖަވާބެއްނުދީ އަނެއް ފަރާތަށް އެނބުރުނެވެ. ދީނުގައި މަންމައިންނަށް ދެވިފައިވާ ޚާއްސަ މަގާމު އޭނަ ދަނެއެވެ.

"ރުޚުސާއަށް ދަރިއަކު ލިބިފައި ހުއްޓާ އެ ދަރިފުޅު އެއްލާލާފައި ދާނީ ކިހާވަރެއްވީމަ. އެމޮޔަކުއްޖާއާއެެކު އެކަކަށްވެސް ދިރިނޫޅެވޭނެ...ހީނުކުރާތި އެ އަޒިއެލްކިޔާ މޮޔަ މީހާއައި ކައިވެނިކޮށްގެން ދުވަހެއްގެވެސް މަގޭ ހިތް ހެޔޮވާނެއޭ..."މަންމަ އިންޒާރެއްދިނެވެ. ހަގީގަތުގައި އޭނައަށްޓަކާ އެއީ އެންމެ ބިރުވެރި އިންޒާރެކެވެ. މަންމަގެ ރުހުމާއި ނުލާ އޭނައަށް ހަޔާތުގެ އެހާ ބޮޑު ފިޔަވަޅެއް ނޭޅޭނެއެވެ.

"މަންމާ އާޒްއަކީ މޮޔައެއްނޫން. ވަރަށް އިންޓެލިޖެންޓް...އައިކިއުވެސް ވަރަށް މަތި....މެންޓަލް މައްސަލަ ހުންނަނީ ކޮންމެހެން މޮޔައަކަށްވީމައެއްނޫން މަންމާ....މަންމަ ހާސްނުވޭ.......އަހަރެން މިއުޅެނީ މީހަކާއި އިންނާކަށް ނޫން. ކިޔަވަން މިއުޅެނީ. ޕީއެޗްޑީއާއި ހަމަޔަށް ކިޔަވާފައި ހުއްޓާނީ އިންޝާﷲ..މަންމަ ހެޕީތަ؟ ޝައްކު ނުކޮށްފާނަންތަ؟."

މާހިރާގެ މޫނަށް ވެރިވި ބަނަ ކޮޅިގަނޑު ކެހި އުޖާލާވިއެވެ.

"އަލްހަމްދުލިﷲ....އެ ކުލްސޫމްގެ ހިތަށް ނިކަން އަސަރުކުރާނެ. އޭނަ ހީކުރީ އޭނަގެ ދަރި ކަމިލާއަށް އެކަނިކަމަށް ކިޔެވޭނީ...އަހަރެންވެސް އައްމާރު ދަނބިދަރިއަށް ހަދަން ހުއްޓާ ދައްތަގެ ބޮލަށް އެރިގެން އެކަން ކުރީ...ވަރަށް މީހުންނާއި ހަސަދަލައިގެން ހުންނަ އަންހެނެއް...."

"މަންމާ މީހުންގެ ވާހަކަ ދައްކާކަށްނުވާނެ.."

"މީހުންގެ ވާހަކަ ދައްކަނީއެއްނޫން. މިއީ ހަގީގަތް، އަދި ނެތިނުމޮށެނީއެއްނޫން.."

"މީހަކު ނެތްތާގައި އެމީހެއްގެ ވާހަކަދެއްކުން މަނާކުރައްވާފައިވަނީ. އެމީހަނު ނުރުހޭކަމެއްގެ ވާހަކަ. އެހެންނޫނަސް ކުލްސޫމްދައްތަ ގެ ހިތުގައި ހަސަދަ އޮންނަކަމެއްވެސް ނޭގެއެއްނު މަންމާ...ކުށްހީއަކަށްވާނީ.."

"ކަމީލާއަށްވެސް މިހާރު ޖެހުނީ ވަޒީފާއަށް ނުގޮސް ގޭގައި ދަރިން ބަލަން އިންނާކަށްނު.....ރަގަޅަށްވިއްޔާ ވަގު ސެޓްފިކެޓެއް އޮތީ......"

"ނޫން. އަދި ޖޮބަށްދާނެ. ކުލްސޫމް ދައްތައަށް މެލެކް ބެލޭނެއްނު...ދަރިފުޅު ކުޑަވީމަ އަދި ކަމީލާ ގޭގައި މަޑުކޮށްލީ....."އޭނަގެ ދުޢާއަކީ މަންމަގެ ހިތް ސާފުވުމެވެ. މަންމަ ގަވާއިދުން ނަމާދުކޮށް ރޯދަ ހިފާ ހައްޖުގެ އަޅުކަން އަދާކޮށްގެން ޒަކާތްދޭއިރުވެސް މަންމަގެ ހިތް ސާފުނޫންކަން އެނގި އޭނައެކަމާއި ދެރަވެއެވެ. ބައެއްމީހުން އެހުރިހާ ހެޔޮ އަމަލުތަކާއެކުގައިވެސް ޖަހަންނަމަށް ދާކަމަށްވެއެވެ. އެހެން އެކަންވަނީ ހަގީގަތުގައި ބޭރުފުށުން އަޅުކަން ކުރުމުންނެވެ. ދެއްކުންތެރިކަން އޮތުމުންކަން ޔަގީނެވެ. ގިނަމީހުން ނަމާދުކުރާއިރު ޚުޝޫއަތްތެރިކަމެއް ނުހުރެއެވެ. ގުރުއާން ކިޔަވަނީ ދެލިގަނޑެވެ. މާނަ އެނގުމެއް އިލްމު އުނގެނުމެއްނެތެވެ. ގުރުއާން އަޑުއެހުމުން ހިލަ ހިތްތަކަށް އަސަރެއްނުކުރެއެވެ. ﷲތައާލާއަށް ބިރުވެރިވެތިވެ އަޅުކަންކުރާ މީހުންގެ ހިތުގައި އެއްވެސް ކިލަބުކަމެއްނުވާނެއެވެ. ސްނޯކޮޅެއްފަދައިން ސާފުވާނެއެވެ. މިދުނިޔެއަށްވުރެ އެ ފަރާތްތަކަށް މުހިއްމުވާނީ އާޚިރަތެވެ. ހަސަދައާއި ރުޅިވެރިކަން އަދި ވާދަވެރިކަމަކީ ދުނިޔޭގެ ހެއްލުމާއި ދަޅައާއި ގުޅިފައިވާ ނުބައި ސިފަތަކެވެ. އޭނަގެ ދުޢާއަކީ މަންމައަށް ހެޔޮ ވިސްނުން ދެއްވުމެވެ. މަންމަގެ ހިތުގައި އޮތް ވާދަވެރިކަންވެސް ދެނެހުރީ އޭނައެވެ. މަންމަ ބޭނުންވަނީ ކަމީލާ ޑޮކްޓަރަކަށްވުމުން އޭނަ މޮޅަށް ކިޔެވުމެވެ. އޭނައަށް އިނގިރޭސި ރަށްވެރިކަން ހޯދަން ބާރު އަޅަނީވެސް ކުލްސޫމްއައި ދަރިފުޅުގެ ސަބަބުންނެވެ. އެހެންމީހުންނާއި ވާދަކުރުމުގެ ޝައުގެއް އޭނަގެ ނެތެވެ.

***

"އަހަންނަށް އަބަދުވެސް ހީވަނީ އަހަރެން ދުނިޔެއަށް އައީ ކޮންމެވެސް ބޮޑުކަމެއްކުރަންހެން......."އަޒިއެލް އުނގުގައި ދަރިފުޅު ބައިންދައިގެން ފަޔާ ޕްލޭސްކައިރީ އިންއިރު އޭނަގެ އަތުގައި "ޖައްވުގައި ދަތުރުކުރުން" ކިޔާ ފޮތެއް އޮތެވެ. ކުރިމަތީގައި ކުއެންޓަމް ފިޒިކްސްއަކާއި އަދި މީނިން އޮފް ލައިފް ފޮތެއްވެސް އޮތެވެ. އަނާވެސް ޝައުގުވެރިކަމާއެކު ފޮތުގެ ސަފުހާއަކާއި ކުޅެލަމުން ލަވަ ޖަހައިލިއެވެ. އަމްރާން ކުރިމަތީގައި އިންއިރު އޭނަވެސް ދޭތެރެއަކުން އަނާގެ އަތުގައި ހިފައިލަމުން ލޯބިން އެއްޗެކޭ ބުނެލައެވެ.

"ބަލާލަބަލަ ދޮންބެ..އަނާވެސް ކިހާ ފޯރި އެބަހުރި..މިދަރިފުޅުވެސް ވާނީ އެސްޓްރޮނޯޓަކަށް އިންޝާﷲ..ހަމަ ޖީނިއަސް އެއް......."

"އެހެންވެއްޖެއްޔާ ރަގަޅު.."

"އީންސްޓައިންއަށްވުރެ މި ދަރި އައިކިއު ހައި..މިހާރުވެސް ފޮތް މިކިޔަނީ...ޑްރީމްއަކީވެސް އަނާ އެހާ މޮޅުކުއްޖަކަށް ހެދުން..."

"އެހެންވެ އެންމެ ބޮޑު ފޮތްތަކުން އަނާ ލައްވާ ފެށީ...ބަޓް ކޮބާ އާޒް ދުނިޔެއަށް އައުމުގެ އެންމެ ބޮޑުސަބަބު؟"

"އައިމް ޗޫޒެން ފޯ ސަމްތިން ބިގް...އައިމް ޓޯކިން ޓު ގޯޑް..ޔޫ ނޯ..."

"އާޒް..އެންމެންވެސް ﷲތައާލާއާއި އެގޮތަށް ކޮމިއުނިކޭޓްކުރޭ....އެއަށް ކިޔަނީ މުނާޖާ..އެކަނިވެރިވިޔަސް އެކަމާއި މާޔޫސްނުވެ މުނާޖާކުރަންވީ..އާއްމުކޮށް ޝަކުވާތަކާއި ހިތާމަތަކާއި އިހުސާސްތައް ދެނެގަނެވޭ އެކުވެރިން މަދުވާނެ. އެއަށްވުރެ މާރަގަޅުވާނެ އެ ހިތާމަތައް ގޮސް ﷲއަށް ދެންނެވިއްޔާ....ހީ ވިލް ލިސެން......ބަޓް.....އާޒް.......ޑަޒް ހީ ރިޕްލައި؟" އަމްރާން އެހިއެވެ. ބައެއްފަހަރު މިފަދަ މައްސަލަ ހުންނަ ކުދިންނަށް އިލްހާމް އަންނަކަމަށް ގަބޫލުކުރެއެވެ. ބައެއްކުދިން އިމާމް މަހުދީކަމަށް ދައުވާކުރެއެވެ. އަމްރާންގެ ބިރަކީ ނަފްސާނީ ޑޮކްޓަރުން ނުބައިކޮށް ބަލި ބުނުމެވެ. ސްކިޒްފްރީނިއާހެން ހީވާފަދަ ދިމާލަކަށް އާޒް ދިޔަސް އެހެން ނުވުމަކީ އޭނަގެ ދުޢާއެވެ.

"ނޮޓް ޔެޓް....."އަޒިއެލް ހިނިތުންވެލިއެވެ.

"އާޒް...ގަވާއިދުން ބޭސްކައި ތެރަޕީ ނަގަންވާނެ...އަނާއަށްޓަކާ..."

"ހޫމް. މިހާރު މިވިސްނަނީ ޔޫޓިއުބް ޗެނަލެއް ހުޅުވަން..އަދި އެޕެއްވެސް...ފޮތެއް ލިޔެފައި..މުޅި ދުނިޔެއަށް އަޒިއެލް މަޝްހޫރުވާނެ ﷲތައާލާ އިރާދަކުރެއްވިއްޔާ...." އޭނަގެ އަޑުގައި އުއްމީދާއި ޔަގީންކަމެއްވިއެވެ."މި ޗެނެލްއިން ނަފްސާނީކުދިންގެ ވާހަކަތައް އަޑުއަހައިލެވޭނެ......"

އަމްރާން އޭނަގެ ކޮނޑުގައި އަތް ޖައްސައިލަމުން ހިތްވަރުދިނެވެ.

***

"ދަރިފުޅަކަށް ބުއްފުޅި ހަދާކަށް ނޭގޭނެ..."ފަރުޒާނާ އެ ފުޅި އަތުލާން އުޅުނެވެ.

"މަންމާ އަޅުގަނޑުވެސް ދަރިފުޅުގެ ކަންތައް ދަސްކުރީމައެއްނު ކަމެއް ޖެހޭ ދުވަހަކުންވެސް އެނގޭނީ..ބަދިގޭގައިވެސް ހެލްޕްވީމަ އެކަނި އުޅެންވެސް ދަސްވާނީ..."އަޒިއެލް ފަރުޒާނާގެ ކޮނޑުގައި ކުޑަކޮށް ބައްދައިލިއެވެ."ކޮފީއާއި އޮމްލެޓް އަޅަން އެނގޭ މީހަކަށް މިއީ ހަމަ ވަރަށް ސިމްޕަލްކަމެއް..އެކަމަކު އެނގޭ ފޯމިއުލާ ތައްޔާރުކުރުމަކީ ރޮކެޓް ސައިންސަށް ނުވިޔަސް ރޫލްތަކެއް ހުންނަކަން..."

"އެންމެ ރަގަޅު..މަންމަ ދަސްކޮށްދޭނަން...."ފަރުޒާނާ އެއްބަސްވިއެވެ."ރުޚުސާ ނުގުޅާތަ؟ ހިތަށްވެސް ނާރާ....."

"މަންމާ. އެއްވެސް މީހެއްގެ ވާހަކަ މަންމަ ނުދައްކަމެއްނު. ލެޓް އިޓް ބީ....ޕްލީޒް މަންމާ...ކޮންމެ މީހަކު ކަމެއް ކުރުމުގެ ފަހަތުގައި މަގުސަދެއް އޮންނާނެ. ސަބަބެއް ނޫނީ ހިކުމަތެއް...މަންމަ ބުނަމެއްނު އެހެން...އެހެންވީމަ މިވަގުތަށް އަޅުގަނޑަށް މުހިއްމުވަނީ ދަރިފުޅަށް ބޭނުންވާ އަސާސީ ކަންތައް ފުރިހަމަކޮށްދިނުން..މަންމައާއި އާއިލާ އެންމެންގެ ލޯބި އަނާއަށް ހަމަ ފުދޭވަރުވޭ...އަލްހަމްދުލިﷲ.." އަޒިއެލް ފަރުވާތެރިކަމާއެކު މަންމަ ބުނެދިންވަރަށް ފެނުގެ ތެރެއަށް ފޯމިއުލާ އެޅިއެވެ.

"އާނ ދަރިފުޅު،،ހަގީގަތުގައި..ކޮންމެ ކަމެއްވާނީ ރަގަޅަށް. އަނާއާއި މެލެކްއަކީވެސް މިގެއަށް ލެއްވި ރަހުމަތް...މިގޭގެ ދިރުން...ކުޑަކުދިންގެ އަޑު ނީވި އެތައް އަހަރެންފަހުން މަންމަމެންގެ ހިތްތައް އުފަލުން ފުރުވާލައިފި..." ފަރުޒާނާ ހިނިތުންވެލިއެވެ.

ބުއްފުޅި ތައްޔާރުކުރެވުނުތަނާހެން ކައިލާ އަނާ އަތުތެރެއަށް ލައިގެން އައެވެ."ޑެޑީ މިސްވެގެން ރޮނީ..."

"ޑެޑީގެ ޕްރިންސެސް ވީމަ އެހެންތާ ވާނީ.."އަޒިއެލްގެ ލޮލުން އުފާވެރިކަމުގެ ވިދުވަރު ފެނުނެވެ. އޭނަ ދަރިފުޅު ނެގީ ނިކަން ލޯބިންނެވެ. ވާހަކަދައްކަންފެށީވެސް ނުލާހިކު ނޯމަލްކޮށެވެ. ފަރުޒާނާއާއި ކައިލާއަށްވެސް އަޒިއެލްގެ ފަރާތުން ނަފްސާނީ އެއްވެސް ކަމެއް ހުރިކަމެއް އެވަގުތު ފާހަގައެއްނުވިއެވެ. ބައިޕޯލާގެ ހަގީގަތަކީވެސް އެއީއެވެ. ބަދަލުވާ ތަބީއަތެކެވެ.

***

"ޒޭބް....ޒޭބް......އަހަރެން ވަރަށް ހާސްވެއްޖެ..."ކައިލާ އަށް ޒޭބާ ފެނުމުން ފިނިވެފައިވާ ދެއަތުން ހިފަހައްޓައިލިއެވެ.

"ބްރީތް....."އޭނަ ޒޭބާ ގެންގޮސް ސޯފާގައި ބޭންދިއެވެ."ކާމް ޑައުން........"

ކިހިނެއްވީތަ އަނެއްކާ؟"

ނުނިމޭ