ޒޯނަލް ކޮންސްޓްރަކްޝަން އޮފީސް ފަޅާލައި އެތަނުން ވަގަށް ނަގާފައިވާ ބައެއް ތަކެތި ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މިމަހުގެ އަށްވަނަ ދުވަހު އެ އޮފީހުން ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެ އޮފީހުން ވަގަށް ނަގާފައިވާ ލެޕްޓޮޕަކާއި އަދިވެސް އެހެނިހެން ބައެއް އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާ ކަމަށެވެ. އަދި ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދިފައި ވަނީ އެ އޮފީސްތެރެއިން ލިބުނު ފިންގާ ޕްރިންޓްގެ އެހީގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރި ކުރި އިރު، އެ އޮފީހުން ވަގަށް ނަގާފައިވާ ލެޕްޓޮޕާއި ލެޕްޓޮޕްގެ ބައިތަކާއި، ހާޑް ޑިސްކާއި، އެހެންވެސް ބައެއް އިލެކްޓްރޯނިކް ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި މިމަހުގެ 10 ވަނަ ދުވަހު ގެސްޓް ހައުސްއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފަތި ޓީވީއެއް ވެސް އޭނާ ދިރިއުޅޭ ކޮޓަރިތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.