މިމަހުގެ 22 ވަނަ ދުވަހު އިންޑިޔާގައި ފަށާ ނެހުރޫ ކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމުގެ ފަރިތަކުރުންތައް އަންނަ ބުދަ ދުވަހު ފަށާގޮތަށް ހަމަޖައްސައިފި އެވެ.

ގައުމީ ޓީމުގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) ވިދާޅުވީ ނެހެރޫ ކަޕަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް އަންނަ ބުދަދު ވަހުގެ ރޭ ފަށާއި އިރު، ފަރިތަކުރުންތައް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައި ވަނީ ދެ ސްޓޭޑިއަމްގައި ކަމަށެވެ. އެއީ ހެންވޭރު ދަނޑާއި ގަލޮޅު ދަނޑުގައި ކަމަށް އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުބާރާތުގައި ވާދަކުރުމަށް މިހާރު ހަމަޖެހިފައި އޮތް ގޮތުން މިމަހުގެ 21 ވަނަ ދުވަހު ޓީމް ދިއްލީއަށް ފުރަން ހަމަޖެހިފައިވާ ކަމަށެވެ.

ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީގެ އިރުސާދުގެ ދަށުން މުބާރާތަށް ތައްޔާރުވާ ގައުމީ ޓީމަށް ނަގާފައި ވަނީ 26 ކުޅުންތެރިންގެ ސްކޮޑެކެވެ.

އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ބާއްވާ މިމުބާރާތުގައި ރާއްޖެ ފުރަތަމަ މެޗު ކުޅޭނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ މުބާރާތް ބައްވާ ގައުމު ކަމަށްވާ އިންޑިޔާއާ ދެކޮޅަށެވެ. މިމެޗް ކުލޭނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އަދި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ސީރިއާއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އަދި ލީގު ބުރުގައި ރާއްޖެ ކުޅެން ޖެހޭ ފަހު މެޗުގައި ބައްދަލުކުރާނީ ކެމަރޫނާ ދެކޮޅަށެވެ. މިމެޗުވެސް ކުޅޭނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި ކެމަރޫން އަދި ސީރިއާ ވާދަކުރާ މި މުބާރާތުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލަށް ދަތުރު ކުރާނެވެ. އަދި މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.


މިއީ މި އަހަރު ރާއްޖޭން ވާދަކުރާނެ ހަމައެކަނި ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަށްވާ އިރު ނެހެރޫ ކަޕަކީ އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 1982 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.