24 Sep 2025, 09:59
ބޮކްސް އޮފީހުގައި ހީވެސް ނުކުރާފަދަ ކާމިޔާބީއެއް ހޯދި މަޅަޔާލަމް ސުޕަހީރޯ ފިލްމު "ލޮކާ ޗެޕްޓަ 1: ޗަންދްރާ" ޑިޖިޓަލް ޕްލެޓްފޯމަކަށް ދޫކޮށްލަން އަދި ނުވިސްނާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަދި އެކްޓަރު ދުލްގާރު ސަލްމާން ބުނެފިއެވެ.
ސައުތު ސިނަމާގެ އެންމެ ކުޅަދާނަ އެކްޓަރުންގެތެރޭ ހިމެނޭ ދުލްގާރު މިގޮތަށް ބުނެފައި ވަނީ، އޭނާގެ ފިލްމު ވަރަށް އަވަހަށް ސްޓްރީމިންގް ޕްލެޓްފޯމަކަށް ދޫކޮށްލާނެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރަން ފެށުމާ ގުޅިގެންނެވެ.
އެކްސްގައި މިކަމާ ގުޅިގެން ކުރި ޕޯސްޓުގައި ޕްރޮޑިއުސަރު/އެކްޓަރު ދުލްގާރު ބުނީ، "ލޮކާ" ފިލްމު އަވަސް ކުރިމަގެއްގައި އޯޓީޓީއަށް ދޫކޮށްނުލާނެ ކަމަށެވެ. އެހެންކަމުން އެފަދަ ހަގީގަތެއް ނެތް ޚަބަރުތަކަށް ސަމާލުކަން ނުދީ ފިލްމާ ގުޅޭ މައުލޫމާތު ރަސްމީކޮށް އިއުލާނުކުރަންދެން އިންތިޒާރު ކުރުމަށް އެކްޓަރު ވަނީ ސަޕޯޓަރުން ގާތު އެދިފައެވެ.

ފިލްމު "ލޮކާ"ގެ ޕްރޮޑިއުސަރު އަދި އެކްޓަރު ދުލްގާރު ސަލްމާން--ފޮޓޯ/އިންޑިއާފޯރަމްސް
މަޅަޔާލަމް ސިނަމާގެ މަގުބޫލު ޑައިރެކްޓަރު ޑޮމިނިކް އަރުންގެ ސްކްރީންޕްލޭ ތައްޔާރުކޮށް ޑައިރެކްޓްކޮށްފައިވާ ފިލްމު "ލޮކާ"އަކީ ދުލްގާރުގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ބެނާގެ ދަށުން ގެނެސްދިން ފިލްމެކެވެ.
އެންމެ 30 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމުގެ ޝޯތައް އަދިވެސް ސިނަމާތަކުގައި ދައްކަމުން އަންނައިރު މިހާތަނަށް ފިލްމަށް ވަނީ 270 ކްރޯޑު ރުޕީސް (32.4 މިލިއަން އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިފައެވެ.
މި ފިލްމުގައި ސުޕަހީރޯއެއްގެ ރޯލްއިން ފެންނާނީ ސައުތު ސިނަމާގެ ޒުވާން ބަތަލާ ކަލްޔާނީ ޕްރިޔާދަރުޝަންއެވެ. ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާކޮށްފައި ވަނީ ހަށިގަނޑުގެ ގުނަވަންތައް ވަގަށް ނަގައި ވިއްކުމުގެ ވަގު ވިޔަފާރި ހިންގާ ގޭންގެއް ހުއްޓުވުމަށް ކުރާ މަސައްކަތަށެވެ.
މިއީ މިހާތަނަށް އިންޑިއާގެ ސިނަމާގައި އަންހެން ތަރިއަކު ސުޕަ ހީރޯއެއްގެ ރޯލް ކުޅުނު ފުރަތަމަ ފިލްމު ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ތައުރީފުކޮށްފައެވެ. އޭގެތެރޭގައި ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވެސް ހިމެނެއެވެ.