13 Aug 2012, 14:54
ދެ އޮފީހެއް ފަޅާލައި ވައްކަން ކުރި މީހަކާއި ކުޑަ ތިން ކުއްޖެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ އަމީނީމަގުގައި ހުންނަ އައިލެންޑް އޭވިއޭޝަން އޮފީސް ފަޅާލައި އެ އޮފީހުން ވައްކަން ކުރި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާ ކުރާ ދެ މީހުންނަކީ މ. އޭޝިއާ، އަހުމަދު ފާރިޝް 25، އާއި 16 އަހަރުގެ އަންހެންކުއްޖެކެވެ.
އެ ދެ މީހުންގެ ތެރެއިން ފާރިޝް ހައްޔަރުކޮށްފައި ވަނީ މިއަހަރު މާޗް 15 ވަނަ ދުވަހު އައިލެންޑް އޭވިއޭޝަން އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލައާއި ގުޅިގެން އޭޕްރީލް 10 ވަނަ ދުވަހު އެވެ. އަދި މައްސަލައިގައި ދަޢުވާ ކުރާ 16 އަހަރުގެ އަންހެންކުއްޖާ ހައްޔަރު ކުރީ އޭޕްރީލް ހަތް ވަނަ ދުވަހު އެވެ.
ފުލުހުން އަދި ބުނީ ހ. ކަބުރުވިލާގޭގައި ހުންނަ އައިރިސް އެންޓަ ޕްރައިސް އޮފީސް މިއަހަރު އޭޕްރީލް 23 ވަނަ ދުވަހު ފަޅާލައި ވައްކަން ކުރި ކަމުގެ ތުހުމަތުގައި ދެ ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. މިމަހުގެ އެއްވަނަ ދުވަހު ޕީޖީއަށް ފޮނުވި އެ މައްސަލައިގައި ދައުވާ ކުރަނީ، އުމުރުން 16 އަހަރުގެ ދެ ކުއްޖެއްގެ މައްޗަށެވެ.