23 Sep 2025, 23:27
ލިންކްޑިންއިން އޭއައި މޮޑެލްތަކަށް ޔޫޒަރުންގެ މައުލޫމާތު ބޭނުންކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ލިންކްޑިންއިން އެ ކުންފުނީގެ ޚިދުމަތްތަކުގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް ތަމްރީނުކުރުމަށް ޔޫޒަރުންގެ މައުލޫމާތު ބޭނުންކުރަން ފަށާނީ އަންނަ ނޮވެމްބަރު ތިނަކުން ފެށިގެން ކަމަށް ވަނީ ބުނެފައެވެ.
ލިންކްޑިންގެ މި ބަދަލުތަކުގެ ދަށުން، ޔޫޒަރުންގެ ޕްރޮފައިލް މައުލޫމާތާއި އާންމުކޮށް ހިއްސާކުރާ ޕޯސްޓްތައް އޭއައި މޮޑެލްތައް ތަމްރީނު ކުރުމަށް ބޭނުންކުރާނެއެވެ. ނަމަވެސް ޕްރައިވެޓް މެސެޖްތަކުގެ މައުލޫމާތު މިކަމަށް ބޭނުން ނުކުރާނެ ކަމަށް ލިންކްޑިންއިން ބުނެއެވެ. މި ބަދަލުތަކުގެ މަޤްސަދަކީ ޕްލެޓްފޯމްގެ އޭއައި ފީޗާސްތައް އިތުރަށް ހަރުދަނާކޮށް، ޔޫޒަރުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން ލިންކްޑިން އިން ވަނީ ޔޫޒަރުންގެ ބައެއް މައުލޫމާތު މައިކްރޮސޮފްޓްއާއި އެހެނިހެން ގުޅުންހުރި ކުންފުނިތަކާ ހިއްސާކުރަން ވެސް ނިންމާފައެވެ. މިކަމުގެ ސަބަބުން ޔޫޒަރުންނަށް ޓާގެޓްކޮށްފައިވާ އިޝްތިހާރުތައް ދެއްކޭނެ ކަމަށް ލިންކްޑިންއިން ބުނެއެވެ.
މި ބަދަލުތަކުގެ ސަބަބުން ޑޭޓާ ޕްރައިވެސީއާ ބެހޭ ކަންބޮޑުވުންތަކެއް އުފެދިފައިވީ ނަމަވެސް، ލިންކްޑިން އިން ބުނެފައިވަނީ ޔޫޒަރުންނަށް މިކަމުން ބަރީއަވުމުގެ ފުރުސަތު (އޮޕްޓް-އައުޓް) ލިބިގެންވާ ކަމަށެވެ.
ޔޫޒަރުންގެ މައުލޫމާތު އޭއައި މޮޑެލްތައް ތަމްރީނު ކުރުމަށް ނުވަތަ ޓާގެޓްކޮށްފައިވާ އިޝްތިހާރުތައް ދެއްކުމަށް ބޭނުންކުރުން ހުއްޓުވުމަށް، ލިންކްޑިންގެ 'ސެޓިންގްސް އެންޑް ޕްރައިވެސީ' މެނޫއިން 'ޑޭޓާ ޕްރައިވެސީ' ސެލެކްޓްކޮށް، 'ހައު ލިންކްޑިން ޔޫސަސް ޔުއާ ޑޭޓާ' ގެ ދަށުން 'ޑޭޓާ ފޯ ޖެނެރޭޓިވް އޭއައި އިމްޕްރޫވްމަންޓް' އޮފް ކުރެވޭނެއެވެ.
ހަމަ އެފަދައިން، އިޝްތިހާރުތަކަށް މައުލޫމާތު ބޭނުންކުރުން ހުއްޓުވުމަށް 'އެޑްވަޓައިޒިން ޑޭޓާ' އަށް ގޮސް 'ޝެއާ ޑޭޓާ ވިތް އެފިލިއޭޓްސް އެންޑް ޕާޓްނާސް' އޮޕްޝަން އޮފް ކުރެވޭނެއެވެ.
މި ބަދަލުތަކުގެ އަސަރު ބޮޑަށްކުރާނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި، ޔޫރަޕިއަން އިކޮނޮމިކް އޭރިއާ (އީއީއޭ) އާއި، ކެނެޑާއާއި، ހޮންގްކޮންގް އަދި ސްވިޒަލެންޑްގެ ޔޫޒަރުންނަށް ރިޕޯޓްތައް ބުނެއެވެ.