މާޅޮސްމަޑުލު ދެކުނުބުރީގެ ހަތަރު ރަށަކަށް ހުޅުވާލައިގެން ފެށި 16 އަހަރުން ދަށުގެ މުބާރާތް "ވިޒިޓް ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2025" ގައި ބ. ކުޑަރިކިއްޔާއި ބ. ދޮންފަން ކުޅުނު ދެ މެޗުން މޮޅުވެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗު ކުޑަރިކިލު ކާމިޔާބުކުރީ މުބާރާތް ބާއްވާ ދަރަވަންދޫއާ ވާދަކޮށް 5-2 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު ދޮންފަނުން ކާމިޔާބުކުރީ މާޅޮހާއި ވާދަކޮށް 6-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ކުޑަރިކިއްޔާއި ދޮންފަނަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. ތިންވަނައިގައި ދަރަވަންދޫ އޮތީ އިއްޔެ މާޅޮސް ބަލިކޮށްގެން ހޯދި ތިން ޕޮއިންޓާއެކުއެވެ.

މި މެޗުތަކާއެކު މާޅޮހަށް ވަނީ ފައިނަލުގެ ދޮރު ބަންދުވެފައެވެ. އެއީ ކުޅުނު ދެ މެޗުންވެސް ބަލިވުމުންނެވެ. ނަމަވެސް ރޭންކިންގެ ތިންވަނަ ހޯދުމުގެ ފުރުސަތު އެ ޓީމަށް އަދި އެބައޮތެވެ. އެއީ މާދަމާ ކުޑަރިކިލުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ލީގު ބުރުގެ ފަހު މެޗުގައި ދޮންފަން ބައްދަލުކުރާނީ ދަރަވަންދޫއާއެވެ.

މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 15،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އަދި ފުޓްސަލް ކިންގަށްވަނީ 1،000 ރުފިޔާ ހުށަހަޅާފައެވެ.

ޖުމްލަ ހަތަރު ރަށަކަށް ހުޅުވާލައިގެން މި މުބާރާތް ކުރިއަށްދާއިރު އެ ރަށްތަކަކީ މުބާރާތް ބާއްވާ ދަރަވަންދޫގެ އިތުރުން ކުޑަރިކިއްޔާއި މާޅޮހާއި ދޮންފަނެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް އެސްއެސް މީޑިއާގެ އެސްއެސް ޓީވީ އާއި ސަން ޕްލޭއިން ވަގުތުން ގެނެސްދޭނެއެވެ.