މި ހަފުތާގައި މުޅި ތ. އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރެވޭނެ ކަމަށް، ގައުމީ ބޭންކް ބީއެމްއެލުން ބުނެފިއެވެ.

ތ. ބުރުނީގައި ގާއިމްކުރި އޭޓީއެމް ހުޅުވައި މިއަދު ވަނީ އެ ތަނުން ޚިދުމަތް ދޭން ފަށައިފައެވެ. އެ ޚިދުމަތް ފަށްޓަވައިދެއްވީ މިވަގުތު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ބީއެމްއެލުން ބުނީ، އެ އަތޮޅުގެ ބާކީ ހުރި ރަށްރަށުގައި މި ހަފުތާތެރޭގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް ނިންމައި، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ހަތަރު އަތޮޅަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. އަތޮޅާއި ފ. އަތޮޅުގެ ރަށްރަށުގެ ތެރެއިން އޭޓީއެމް ނެތް ރަށްރަށުގައި ވަނީ އޭޓީއެމް ހުޅުވައިދެއްވައިފައެވެ.

ބުރުނީގައި މިއަދު ހުޅުވި އޭޓީއެމާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 229 އޭޓީއެމަކުން ޚިދުމަތްލިބޭނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ. އަދި، 20 އަތޮޅުގައި 42 ބްރާންޗާއި 171 ސެލްފް ސާވިސް ސެންޓަރުތަކުން ޚިދުމަތް ލިބޭނެ ކަމުގައި ވެސް ބޭންކުން ބުންޏެވެ.