23 Sep 2025, 14:54
ބައިރޫތު (23 ސެޕްޓެމްބަރު 2025) : އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ނާޅައި އަދި ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތްނުކޮށް ހަމައެކަނި ފަލަސްތީނުގެ ދައުލަތަށް އިއުތިރާފް ވުމަކީ ނަމެއްގައި ކުރި ކަމެއްކަމަށާ އެކަމުގެ މާބޮޑު އަސަރެއް ފަލަސްތީނުގެ ރައްޔިތުންނަށް ނުކުރާނެ ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.
ހަމާސްގެ އިސްވެރިއެއްކަމަށްވާ އުސާމާ ހަމްދާން ވިދާޅުވީ ޔޫރަޕްގެ ގައުމުތައް ފަލަސްތީނަށް އިއުތިރާފްވީ ވަގުތު ފާއިތުވުމުން ކަމުގައެވެ. އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގެ ތިންބައިކުޅަ ދެބައި ބިމުގައި މިހާރު ޔަހޫދީން ވަޒަންވެރިކޮށް ޔަހޫދީ އަވަށްތައް ބިނާކޮށްފައިވާ ކަމަށާ މި ހާލަތުގައި ފަލަސްތީނުގެ ދައުލަތަށް އިއުތިރާފް ވިނަމަވެސް ފަލަސްތީނުގެ ދައުލަތެއް އުފެއްދޭނެ އެއްވެސް ގޮތެއް އަދި ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ބޭލޭނެ ގޮތެއްވެސް ނެތްކަމަށް ހަމާސް ގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
މީގެއިތުރުން ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވި ޔޫރަޕްގެ ގިނަ ގައުމުތަކާއި ކެނެޑާ އަދި އޮސްޓްރޭލިއާއަކީ މިހަރުވެސް ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުތަކަށް އަސްކަރީ ގޮތުން އެހީތެރިވަމުންދާ ގައުމުތަކެއްކަން ހަމާސްގެ މަސްއޫލުވެރިޔާ ފާހަގަ ކުރެއްވިއެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކާއި ކެނެޑާ އަދި އޮސްޓްރޭލިޔާ ހިމެނޭގޮތަށް އެމެރިކާގެ ނުފޫޒު ގެ ދަށުގައިވާ އަދި އިސްރާއީލަށް ވާގިވެރިވާ 10 ގައުމެއް ފާއިތުވި ދެތިންދުވަހުގެ ތެރޭގައިވަނީ އިސްރާއީލާއި އެމެރިކާއަށް ގޮންޖެހުމަށްފަހު ފަލަސްތީނުގެ ދައުލަތަށް އިއުތިރާފް ވެފައެވެ. މިއާއެކު ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވި ގައުމުތަކުގެ އަދަދުވަނީ 160 އާ ގާތަށް ގޮސްފައެވެ. މިއީ އިސްރާއީލަށް އިއުތިރާފް ވެފައިވާ ގައުމުތަކަށް ވުރެ މާގިނަ ގައުމުތަކެވެ.
ހަމާސް އިންވަނީ ޔޫރަޕްގެ ބައެއް ގައުމުތަކާއި ކެނެޑާ އަދި އޮސްޓްރޭލިޔާ ހިމެނޭގޮތަށް 10 ގައުމަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފް ވުމުން އެކަމަށް ތާއީދުކޮށް އެއީ ކުރިޔަށް އެޅި ފިޔަވަޅެއްކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފްވުމުގެ މާނައަކީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނު ރައްޔިތެއްވާކަމާއި އެރައްޔިތުންނަށް ފަލަސްތީނުގެ ބިމުގައި މިނިވަން ދައުލަތެއް ބިނާކުރުމުގެ ހައްގުވާކަން ގަބޫލުކުރުމެވެ.
ޔޫރަޕާއި އެމެރިކާ އަދި ދުނިޔޭގެ އެނޫންވެސް އެކިކަންކޮޅުތަކުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީންނަށް ފަލަސްތީނުގެ ބިމަށް ހިޖުރަ ކުރުމުގެ ފުރުސަތު ދިނީ އިނގިރޭސިވިލާތުގެ އަތްދަށުގައި އިސްތިއުމާރީ އުސޫލުން ފަލަސްތީނުގެ ބިންއޮއްވައި އިނގިރޭސި ދައުލަތުންނެވެ. މިއީ އެދުވަސްވަރު އޮތް ލީގް އޮފް ނޭޝަންސްގެ އުސޫލާވެސް މުޅިން ގަވައިދާ ޚިލާފަށް އިނގިރޭސީން ކުރިކަމެކެވެ.
1984 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ޔަހޫދީ ދައުލަތް އުފެއްދުމުގެ ކުރިން 1947 ވަނަ އަހަރުވެސް އދ. ން ފަލަސްތީނުގެ ބިން ދެބައިކޮށް އޭގެތެރެއިން އެއްބައިގައި ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށް ކަނޑައަޅާފައިވެއެވެ.
ނަމަވެސް ފަލަސްތީނަށް އިއުތިރާފްވި އިނގިރޭސިވިލާތާއި ޔޫރަޕްގެ ގައުމުތަކުން 80 އަހަރުވިއިރުވެސް މިކަން ބަލައިގަނެ ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވުމަށްވަނީ ފަސްޖެހިފައެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދަކީ ޓެރަރިޒަމްކަމަށް ސިފަކޮށް އިސްރާއީލުގެ އިސްތިއުމާރީ ހަރަކާތްތަކަށް ސަޕޯޓްކޮށް އެކަމަށް ވާގިވެރިވީވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައްކަން ހަމާސް އިން ފާހަގަ ކުރެއެވެ.
މިކަމުގެ ސަބަބުން މުޅި ފަލަސްތީނު ހިފައި އަދި ފަލަސްތީނުގެ ދައުލަތް އުފައްދަން އޮތް ސަރަހައްދުގައިވެސް ޔަހޫދީން ވަޒަންވެރި ކުރުވައި ފަލަސްތީނުގެ ދައުލަތް އުފައްދަން އޮތް ބިންކޮޅު ފޭރިގަތުމުގެ ފުރުސަތު އިސްރާއީލަށް ލިބުނުކަމަށާ މިޖަރީމާތައް އިސްރާއިލު ހިންގީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އެހީގައިކަންވެސް ހަމާސް އިން ފާހަގަ ކުރެއެވެ.
އެހެންކަމުން މިދެތިންދުވަހު ޔޫރަޕްގެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާ އެގައުމުތަކުގެ އާންމު ރައްޔިތުން ތެދުވެ މުޒާހަރާކުރަން ފެށުމާއެކު އާންމުންގެ ތާއީދު ގެއްލިދާނެކަމުގެ ސިޔާސީ ބިރަށްކަމަށާ މިއީ ހެޔޮ ނިޔަތެއްގައި ކުރި ކަމެއްކަމަށް ބެލެވޭނެ ގޮތެއްނެތްކަމަށް ހަމާސް މަސްއޫލުވެރިޔާ އުސާމާ ހަމްދާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ފަލަސްތީނުގެ ދައުލަތަށް އިއުތިރަފް ވުމަކީ ރަނގަނޅު އަދި ކުރިޔަށް އެޅި ފިޔަވަޅެއް ކަމަށް ވިޔަސް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ނާޅައި އަދި ފަލަސްތީނުގެ ދައުލަތެއް އުފައްދަން އިސްރާއީލަށް މަޖުބޫރުވާފަދަ މެކޭނިޒަމަކާނުލައި އަދި ޣައްޒާގައި އިސްރާއީލު ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތްނުކޮށް ހަމައެކަނި ފަލަސްތީނުގެ ދައުލަތަށް އިއުތިރާފް ވުމަކީ އެގައުމުތަކުން ހަމައެކަނި ނަމަކަށް ކުރިކަމެއްގެ ގޮތުގައި ނޫނީ ބެލެވެންނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.