13 Aug 2012, 14:35
މަސްތުވާތަކެއްޗާ އެކު ހދ. އަތޮޅުގެ ދެ ރަށަކުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓާ އެކު އުމުރުން 26 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ ދެ މީހުން ހައްޔަރު ކުރީ ހއ. ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުޅުދުއްފުށިން ހޯރަފުއްޓަށް ފުރަން އޮތް ލޯންޗަކަށް އެ ދެ މީހުން އަރާ ތިއްބައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ޕެކެޓްތައް ފެނިފައި ވަނީ އެ ލޯންޗު ބަލައި ފާސްކުރިއިރު ލޯންޗުގެ ތެރޭ ބޮނޑިކޮށްފައި އޮތް ޓިޝޫ ޕެކެޓެއްގެ ތެރެއިން ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓު ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ރަމަޟާން މަހަށް ހާއްސަކޮށްގެން ފުލުހުން ހަނިމާދޫގައި ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ މަސްތުވާތަކެއްޗާ އެކު 33 އަހަރުގެ މީހަކު ހައްޔަރު ކޮށްފަ އެވެ. އެމީހާގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ރަބަރު ދެ ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހުގެރޭ 9:15 ހާއިރު އެރަށުގެ ގެއެއްގެ ތެރެއިން ކަމަށެވެ.
އަދި މަސްތުވާތަކެތި ފެނިފައި ވަނީ އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުތެރެއިން ކަމަށް ވެސް ފުލުހުން ބުނެ އެވެ.