ބޯޑާ ކޮންޓޯލް މައްސަލައާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން އެ ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ނެކްސްބިޒުން އިލްތިމާސް ކޮށްފި އެވެ.

ނެކްސް ބިޒުގެ ވަކީލު އިސްމާއިލް ވިޝާމް މިއަދު ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީ ހައިކޯޓުން ވަގުތީ އަމުރު ނެރުނު އިރު ގާނޫނީ މައްސަލަތަކެއް ހުރިކަމަށް ފެންނާތީ ކަމަށެވެ.

ބޯޑާ ކޮންޓްރޯލް މައްސައްކަތް ހުއްޓާލުމަށް އޭސީސީން އެންގި އެންގުމަށް އިމިގްރޭޝަނުން ތަބާނުވުމުން އޭސީސީން ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން އެ ކޯޓުން ހުކުމް ކޮށްފައި ވަނީ އެ މަސައްކަތް ހުއްޓާލުމަށް އިމިގްރޭޝަނަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާ ކަމަށެވެ.

ބޯޑާ ކޮންޓްރޯލް މައްސައްކަތް ހުއްޓާލުމަށް އޭސީސީން އެންގި އެންގުމަށް އިމިގްރޭޝަނުން ތަބާނުވުމުން އޭސީސީން ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން އެ ކޯޓުން ހުކުމް ކޮށްފައި ވަނީ އެ މަސައްކަތް ހުއްޓާލުމަށް އިމިގްރޭޝަނަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާ ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް އޭސީސީން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފަ އެވެ. ނަމަވެސް އެ މައްސަލައިގައި އަދިވެސް ހުކުމް ކޮށްފައެއް ނުވެ އެވެ.

އޭސީސީގެ ހުށަހެޅުމަކަށް ހައިކޯޓުން ވަނީ އެ މައްސަލައިގެ ހުކުމް ކުރަންދެން ބޯޑާ ކޮންޓްރޯލް ގާއިމް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.

ބޯޑާ ކޮންޓްރޯލް ގާއިމް ކުރުމުގެ މަޝްރޫއަކީ 500 މިލިއަން ރުފިޔާގެ އަގު ބޮޑު އެ މަޝްރޫއު އެކެވެ. އެ މަސައްކަތް ނެކްސްބިޒާ ހަވާލު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ.
ހައިކޯޓުން ވަގުތީ އަމުރެއް ނެރެފައި ވިޔަސް އެއަމުރު ނެރުމުގެ ކުރިން އެ މަޝްރޫއުގެ ބޮޑުބައެއް ވަނީ ނިންމާލާފަ އެވެ.

ބޯޑާ ކޮންޓްރޯލްގެ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލަރު އިލްޔާސް ހުސެއިން އިބްރާހިމާއި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުގެ ކުރީގެ ޑިރެކްޓާރު ސާމީ އަގީލްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި އޭސީސީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ދައުވާ ނުކޮށް ލަސް ވަނީ އިތުރަށް ސާފުކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށާއި މިހާރު އެ މައުލޫމާތުތައް ހޯދުމަށް އޭސީސީގައި އެދިފައިވާ ކަމަށެވެ.