29 Aug 2010, 10:39
15:40
ތަފާތު ކުރުމެއްނެތި ޖެހިލުންނުވެ، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ހިއުމަންރައިޓްސް ކޮމިޝަނަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފި އެވެ.
ހިއުނަމް ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ދެ ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ނަންފުޅުތައް ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރިއަށްގެން ދިޔަ ބަހުސްގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާމަނިކު ވިދާޅުވީ، ރާއްޖޭގައި އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނެއް އުފެދިގެން މިހާތަނަށް އައިއިރު، ސަރުކާރުތަކުންނާއި އެހެންވެސް ގޮތްގޮތުން ރައްޔިތުންނަށް ލާއިންސާނީ އަނިޔާތަކެއް ކޮށްފައިވާކަމަށެވެ. އަދި ވަރަށް ގިނަ ބަޔަކު އެކަމާ ބެހޭ ޝަކުވާކޮށް އަޑު އުފުލި ނަމަވެސް ހިއުމަންރައިޓްސް ކޮމިޝަނުން އެކަމަށް ބީރު ކަންފަތެއް ދީފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ހައްގުތައް ނިގުޅައިގަނެފައިވާ ފަރާތްތަކުން ދައްކާ ވާހަކަތައް އަޑުނީވި، ސިޔާސީ ބައެއް މީހުންގެ ހަރަކާތްތަކަށް ހިއުމަންރައިޓްސް ކޮމިޝަނުން ފާރަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިން ރާއްޖޭގައި އޮތީ ޖަލުތަކުގައި މީހުން މެރުމުގެ ސަގާފަތެއް ކަމަށާއި ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންތައްތައް ބަލައި އެކަމުން އިބުރަތް ލިބިގެން ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އާ ކޮމިޝަނުން މަސައްކަތް ކުރުމަށް ވެސް މޫސަ ގޮވައިލެއްވި އެވެ.
ޕީއޭގެ މެންބަރު މާވަށު ދާއިރާގެ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ، ޑިމޮކްރަސީއެއް ގާއިމް ކުރުމަށް އެންމެ މުހިއްމު އެއް ހައްގަކީ، ގާނޫނު ތަންފީޒު ކުރުންކަމަށެވެ. އެހެންކަމުން ގާނޫނާ ހިލާފަށް ހިނގާ ކޮންމެ ކަމެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުން އަޑު އުފުލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން މަސައްކަތް ކުރަންވާނީ، ސިޔާސީ އެއްވެސް ފަރާތަކަށް ޖެހިލުމެއްނުވެ ހަމަހަމަ ގޮތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ މެންބަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވީ، ރާއްޖެ އަށް ދިމާވީ އެންމެބޮޑު ކާރިސާގައި، ހާލުގައި ޖެހުނު އެއްބަޔަކަށް އަދި އަދަށްދާންދެން ވެސް އިންސާނީ ހައްގުތައް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި، އެ މީހުންގެ، ގެއްލިފައިވާ ހައްގުތައް ހިއުމަން ރައިޓްސް ކޮމިޝަނަށް ފެނިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ސާރުކާރު އައިތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެ މީހުންނަށް ބޯހިޔާވަހިކަން ދޭނަމޭ ބުނި ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށާއި، އެފަދަ އެއްވެސް ކަމެއް ކޮމިޝަނުން ފާހަ ކޮށްފައިނުވާކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން ވެފައި ވަނީ ކުށްވެރިން ހިމާޔަތްކުރާ ކޮމީޝަނަކަށް ކަމަށާއި، އެ ކޮމިޝަނަށް އަލަށް މެންބަރުން ހޮވުގެން މިދިޔައިރު ކޮމިޝަން، އަނެއްކާ މިފަހަރު ދާނީ ކޮންދިމާއަކަށްކަން ނޭނގޭ ކަމަށް ވެސް، ކޮމިޝަނަށް ފޮނުއްވި ނަންތައް ދިރާސާކުރި ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި ރިޔާޒު ރަޝީދު ވިދާޅުވި އެވެ.