ފިލްމު "އާރް އާރް އާރް" އަދި ދާދިފަހުން ބޮލީވުޑަށް ތައާރަފްވި ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރަށް ފިލްމު ސެޓެއްގައި އުޅެނިކޮށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ ހައިދަރުއާބާދުގެ އަންނަޕޫނާ ސްޓޫޑިއޯގައި ކުރިއަށްދިޔަ އިޝްތިހާރެއްގެ ޝޫޓިންގްތެރޭ ޖޫނިއަ އެންޓީއާރަށް އަނިޔާވި ނަމަވެސް އެއީ މާ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްޓަރަށް ލިބުނު އަނިޔާއާ ބެހޭ މާބޮޑު ތަފުސީލެއް ހާމަނުކޮށް ޖޫނިއަ އެންޓީއާރުގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޑޮކްޓަރުންގެ ލަފާ އާއި އިރުޝާދުގެ ދަށުން ކުރިއަށް ދެ ތިން ހަފްތާއަށް ފިލްމީ މަސައްކަތްތަކާ ދުރުވެ އެކްޓަރު އަރާމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރިތިކް ރޯޝަން އަދި ޖޫނިއަ އެންޓީއާރް ފިލްމު "ވޯ 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ޖޫނިއަ އެންޓީއާރަށް މާބޮޑު ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާތީ ހަގީގަތާ ޚިލާފު ވާހަކަތައް މީޑިއާތަކުން ނުފެތުރުމަށާއި އެކްޓަރުގެ ހާލު އިހުނަށްވުރެ ރަނގަޅު ކަމަށް ވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ސައުތު ސިނަމާގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ ޖޫނިއަ އެންޓީއާރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ބޮލީވުޑް ފިލްމު "ވޯ 2"އިންނެވެ. ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން ގެނެސްދިން މި ފިލްމުގައި އެންޓީއާރުއާ އެކު ދެން ފެނުނީ ރިތިކް ރޯޝަންއެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުއްމީދުކުރި "ވޯ 2"އަށް ބެލުންތެރިންގެ ފަރާތުން މިހާތަނަށް ލިބުނީ ފިނި ތަރުހީބެކެވެ. އެންޓީއާރުގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ދެވަރަ: ޕާޓް 1"ގެ ދެވަނަ ބައި އަދި "އެންޓީއާރްނީލް"ގެ ނަމުގައި އަދި ރަސްމީކޮށް އިއުލާނު ނުކުރާ ފިލްމެއް ހިމެނެއެވެ.