މީގެ ހަފުތާއެއްހާ ދުވަސްކުރިން ބޮލީވުޑް ބަތަލާ ދިޝާ ޕަޓާނީގެ އާއިލާ ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދިން ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ބަޑީގެ ހަމަލާތަކެއް ދީފައި ވަނީ އުއްތަރު ޕްރަދޭޝްގެ ސިޓީ ބަރީލޭގައި ދިޝާގެ އާއިލާގެ މެމްބަރުން ދިރިއުޅޭ ގެއަށެވެ. މި ހާދިސާގެ ޒިންމާ އިންޑިއާގެ މަޝްހޫރު ބިޝްނޯއީ ގޭންގުން ނަގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައި ވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މި ގޭންގާ ގުޅުން އޮންނަ ގޯލްޑީ ބްރާ-ރޯހިތު ގޮދާރާ ގޭންގަށް ނިސްބަތްވާ ދެ މެމްބަރުންނެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އުއްތަރު ޕްރަދޭޝްގެ ގާޒިއާބާދުގައި ހިންގި ހާއްސަ އެންކައުންޓަ އޮޕަރޭޝަނެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ ދިޝާގެ ގެއަށް އެ ގޭންގުން ވަނީ މި މަހުގެ 11 ވަނަ ދުވަހު ވެސް ބަޑީގެ ހަމަލާތަކެއް ދީފައެވެ.

ދިޝާ ބަތަލާގެ ދައްތަ ޚުޝްބޫ އަދި މައިންބަފައިންނާ އެކު--ފޮޓޯ/އިންޑިއާފޯރަމްސް

ނަމަވެސް އެކަން އެއްވެސް ބައެއްގެ ސަމާލުކަމަށް ނައުމާ އަދި އެ މީހުން ހިތްހަމަޖެހޭ ވަރަށް އެ ގެއަށް ހަމަލާ ނުދެވުމުން ޖެހިގެން އައި ދުވަހު ވެސް ހަމަލާދޭން ނިންމީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދިޝާގެ އާއިލާގެ މެމްބަރުން ދިރިއުޅޭ ގެއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރު ކުރިއިރު އުއްތަރު ޕްރަދޭޝްގެ ފުލުހުންނާ އެ މީހުންނާ ދެމެދު ބަޑީގެ ހަމަލާތަކެއް ވެސް ބަދަލު ކުރެވުނު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެ ހަމަލާތަކުގައި އޭގެތެރެއިން އެކެއްގެ ގަޔަށް ބަޑީގެ ވަޒަން އަރައި ޒަޚަމްވެފައިވާތީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

ބަތަލާގެ އާއިލާއަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުން ފުލުހުން ހޯދީ އެކަމަށް ހިންގި ހާއްސަ އިންވެސްޓިގޭޝަންގައި އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުގެ އެހީ އަދި އިންޓެލިޖެންސް ރިޕޯޓްތަކުގެ އެހީގައެވެ.

މީގެއިތުރުން އެ ސަރަހައްދުގެ އަވައްޓެރި ސްޓޭޓްތަކުގެ އާއްމު ރައްޔިތުން ވެސް އެ މައްސަލައިގެ ތަހުގީގަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދިޝާގެ އާއިލާއަށް އަމާޒުކޮށް ދިން ހަމަލާގައި އާއިލާގެ އެއްވެސް މެމްބަރަކަށް އަނިޔާވެފައެއް ނުވެއެވެ.

މި ހަމަލާ އަމާޒުވި ގޭގައި ދިރިއުޅެނީ ދިޝާގެ މައިންބަފައިންނާއި ދައްތަ ޚުޝްބޫ ޕަޓާނީގެ އިތުރުން ބަތަލާގެ ފިރިހެން ކޮއްކޮއެވެ. މި ހަމަލާ ދިން ވަގުތު ދިޝާ ދިރިއުޅެމުން ދިޔައީ ބަތަލާ އާއްމުކޮށް ދިރިއުޅެމުން އަންނަ މުމްބާއީ ސިޓީގައެވެ.

މި ހަމަލާ ދީފައި ވަނީ ދިޝާގެ ދައްތަ ޚުޝްބޫ ޕަޓާނީ އިންޑިއާގެ ގިނަ ބަޔަކު އިހުތިރާމްކުރާ ގުރޫއިން ކަމަށްވާ ޕްރަމަނާންދް ޖީ މަހާރާޖް އަދި އަނިރޫދު އަޗަރުޔާ ޖީ މަހާރާޖްއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވާތީ ކަމަށް އެ ގޭންގުން ވަނީ ބުނެފައެވެ.