23 Sep 2025, 09:09
ފިލްމު "ސައްޔާރާ"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ޒުވާން ބަތަލާ އަނީތު ޕައްޑާއަށް ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ބުނާ ވާހަކަތައް ދިނޭޝް ދޮގުކޮށްފިއެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދެމުން އަންނަ މެޑްޑޮކް ފިލްމްސްއިން "ޝަކްތީ ޝާލިނީ"ގެ ނަމުގައި އުފައްދާ ސުޕަނެޗުރަލް ކޮމެޑީ ފިލްމަކުން އަނީތުއަށް ފުރުސަތު ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.
އެ ފިލްމުގެ ބަތަލާގެ ރޯލް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ދާދިފަހުން އަލަތު ދަރިފުޅު ލިބުނު ބަތަލާ ކިއާރާ އަދުވާނީއަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އަނީތު ޕައްޑާ އަދި ބަތަލާ ސޮއިކުރި ކަމަށް ބުނާ މެޑްޑޮކް ފިލްމްގެ ޕްރޮޑިއުސަރު ދިނޭޝް--ފޮޓޯ/ބޮލީވުޑްހަންގާމާ
ނަމަވެސް, އަލަތު ދަރިފުޅު ވިހެއުމަށް ފަހު ފިލްމީ މަސައްކަތްތަކާ މި ވަގުތު ދުރުގައި ހުރި ކިއާރާއަށް ފިލްމީ މަސައްކަތްތަކަށް އެނބުރި އާދެވޭނެ ދުވަހެއް ނުނިންމޭތީ ކިއާރާގެ ބަދަލުގައި އެ ފިލްމުގެ ރޯލަށް އަނީތު ގެންދަން ނިންމާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން އަނީތު ވަނީ "ޝަކްތީ ޝާލިނީ"ގެ ލުކް ޓެސްޓުތައް ނިންމައި, އެ ކަމަށް ބޭނުންވާ ފޮޓޯޝޫޓެއް ވެސް ނިންމާފައެވެ. ދިނޭޝާ އެކު އެ ފިލްމުގެ މަޝްވަރާތައް އަނީތު ކުރަމުން އަންނަތާ މިހާރު ދެ މަސްވެފައިވާ ކަމަށް ވެސް ޕިންކްވިލާގައި ވަނީ ބުނެފައެވެ.
ނަމަވެސް، މީޑިއާތަކުން މި ޚަބަރުތައް ފަތުރާ މިންވަރު އިތުރުވުމާ ގުޅިގެން މެޑްޑޮކް ފިލްމްސްއިން ވަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭގޮތުން ރަސްމީކޮށް ވާހަކަދައްކާފައެވެ.
މެޑްޑޮކް ފިލްމްސްގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ނެރެނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޕްރޮޑަކްޝަންގެ ހޮރޯ ކޮމެޑީ ޔުނިވާސްގެ ކުރިއަށް ހުރި ފިލްމުތަކަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެހެންނަމަވެސް، އެ ޔުނިވާސްގެ ކުރިއަށް ހުރި ފިލްމުތައް ކަމަށްވާ "ޝަކްތީ ޝާލިނީ"އާއި "މަހާ މުންޖްޔާ"އާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ދައްކަމުން އަންނަނީ ހަގީގަތާ ޚިލާފު ވާހަކަތައް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ފިލްމުތަކުގެ ކާސްޓުންގެ ގޮތުގައި ހޮވާނެ ތަރިން އަދި ކަނޑައަޅާފައިނުވާ ކަމަށް ވަނީ ބުނެފައެވެ. ފިލްމަށް ގެންނާނެ ތަރިންނާ ބެހޭ މައުލޫމާތު މެޑްޑޮކްއިން އިއުލާނު ނުކުރަނީސް ޔަގީންނުވާ މައުލޫމާތު މީޑިއާތަކުން ޝާއިއު ނުކުރުމަށް މެޑްޑޮކް ފިލްމްސްއިން ވަނީ އެދިފައެވެ.