ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޗާޖަރު ގަވާއިދަށް އެޕަލް ކުންފުނިން ތަބާވުމުގެ ގޮތުން އާ ސިޔާސަތެއް ތައާރަފްކޮށް އެކުންފުނިން އެންމެ ފަހުން ނެރުނު އެއާޕޮޑްސް ޕްރޯ، ޗާޖިން ކޭބަލް ނުލައި ވިއްކަން ފަށައިފިއެވެ.

މި އާ ސިޔާސަތަށް އަމަލު ކުރަން ފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވީ ހޯމަ ދުވަހު (އިއްޔެ) އެވެ.

މި ސިޔާސަތަށް އެޕަލްއިން އަމަލުކުރަށް ފަށާފައިވަނީ ހަމައެކަނި އީޔޫގެ ގައުމުތަކުގައި ކަމަށް ވިޔަސް ދުނިޔޭގެ އެހެން ބާޒާރުތަކަށް ވެސް މިކަމުގެ އަސަރު ފޯރާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިއީ އެޕަލްއަށް މާލީ ގޮތުން ފައިދާހުރި ކަމެއް ކަމަށް ވިޔަސް، ކަސްޓަމަރުންނަށް ގެއްލުންހުރި ކަމެއް ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން އެޕަލްގެ ފައިދާ އިތުރުވެ، ޕެކޭޖިން އަދި ޝިޕިން ހަރަދު ކުޑަވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެޕަލްއިން ބުނާ ގޮތުގައި މިއީ ތިމާވެއްޓަށް ރައްކާތެރިވުމުގެ ގޮތުން ކުރާ ކަމެކެވެ. އެ ކުންފުނިން ބުނާ ގޮތުގައި ގިނަ މީހުންގެ ގޭގައި މިހާރުވެސް ޔޫއެސްބީ-ސީ ކޭބަލް ހުންނާނެތީ، އިތުރު ކޭބަލެއް ދިނުމަކީ ބޭކާރު ކަމެކެވެ.

އެޕަލްއިން މިސިޔާސަތު ކަނޑައަޅާފައިވަނީ އީޔޫގެ ގައުމުތަކުގައި ވިއްކާ އިލެކްޓްރޯނިކް ސާމާނުތަކަށް ޔުނިވާސަލް ޗާޖަރެއް (ޔޫއެސްބީ-ސީ) ބޭނުންކުރުމަށް ކުންފުނިތަކަށް ލާޒިމް ކުރުމާގުޅިގެންނެވެ. އީޔޫގެ ގަވާއިދުތަކަށް އެޕަލްއިން ތަބާވަމުން ދާއިރު، ކަސްޓަމަރުންގެ އަތުގައި ޔުނިވާސަލް ކޭބަލް ހުންނާނެ ކަމަށް ބުނެ، އެޕަލްއަށް މިކަން ހުއްޖަތަކަށް ހަދަން ފަސޭހަވެފައިވެއެވެ.

މީގެ ކުރިން ވެސް އެޕަލްއިން އައިފޯނާއެކު ޗާޖިން އެޑެޕްޓަރާއި ހެޑްފޯން ދިނުން ހުއްޓާލާފައިވެއެވެ. މިކަމުގެ ސަބަބުން އެޕަލްއަށް ބިލިއަން ޑޮލަރުގެ ފައިދާ ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ 2022 ވަނަ އަހަރު ގިނަ ކަސްޓަމަރުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުތަކަށް ޔުނިވާސަލް ޗާޖަރެއް ކަމަށްވާ ޔޫއެސްބީ-ސީ ބޭނުންކުރުން މަޖުބޫރު ކުރުމަށް ގަވާއިދެއް ނެރެފައެވެ. މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ކުނި މަދުކޮށް، ކަސްޓަމަރުންނަށް ފަސޭހަ ކުރުމެވެ. މި ގަވާއިދު 2024 ވަނަ އަހަރުން ފެށިގެންދަނީ ފުރިހަމައަށް ތަންފީޒު ކުރެވެމުންނެވެ.

އެޕަލް ފަދަ ބޮޑެތި ކުންފުނިތަކުން މި ގަވާއިދަށް ތަބާވުމަކީ މަޖުބޫރުކަމެކެވެ.