އެޕަލް-1ގެ ވަރަށް މަދުންނޫނީ މިހާރު ނުފެންނަ ލަކުޑި ކޭސްގެ ކޮމްޕިއުޓަރެއް 475,000 ޑޮލަރަށް ނީލަމުގައި ވިއްކާލައިފިއެވެ.

މި ކޮމްޕިއުޓަރަކީ އާރުއާރު އެކްޝަން އިން ނީލަން ކީ އެއްޗެއް ކަމަށްވާއިރު، މިއީ އެމެރިކާގެ މަޝްހޫރު ޝަޚްސިއްޔަތެއްކަމަށްވާ ޖޫން ބްލޮޑްޖެޓް މޫރްގެ މުދަލުގެ ތެރެއިން ނީލަމަށް ހުށަހެޅުނު އެއްޗެކެވެ. ޖޫން ބްލޮޑްޖެޓް މޫރް އަކީ ސްޓެންފޯޑް ލޯ ސްކޫލްގެ ފުރަތަމަ އަންހެން ގްރެޖުއޭޓެވެ.

މި ކޮމްޕިއުޓަރު މަރާމާތުކޮށްފައިވަނީ އެޕަލް-1ގެ ތަޖުރިބާކާރު ކޯރީ ކޯހެންއެވެ. މީގެ ޚާއްސަ ކަމަކީ އޭގެ އަސްލު ބައިޓް ޝޮޕް ލަކުޑީގެ ކޭސްގައި ހުރުމެވެ. މި ކޭސްގައި އެޕަލްގެ ފުރަތަމަ އުފެއްދުންތައް ވަރަށް މަދުން ނޫނީ ނުހުރެއެވެ.

މި ކޮމްޕިއުޓަރުގައި އޭގެ އަސްލު ބޯޑާއި، ކެސެޓް އިންޓަރފޭސްއާއި، ޑޭޓަނެޓިކްސް ކީބޯޑްއާއި، ޓްރައިއަޑް ޕަވާ ސަޕްލައިއާއި، މޮނިޓަރު އަދި ކެސެޓްތައް ހިމެނެއެވެ. މި ކޮމްޕިއުޓަރުގެ ހާލަތު ނުވަތަ ކޮންޑިޝަން 10 އިން 8 ގައި ހުރި ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މީގެ އިތުރުން، ސްޓީވް ޖޮބްސް ސޮއިކުރައްވާފައިވާ ޗެކެއްވެސް ނީލަމުގައި 46,250 ޑޮލަރަށް ވިކިފައިވެއެވެ. މި ޗެކްގައި ސޮއިކުރައްވާފައިވަނީ 1976 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.

މި ނީލަން ނިމިފައިވަނީ 2025 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. މި ކޮމްޕިއުޓަރު މިހާ ބޮޑު އަގަކަށް ވިކުނު ސަބަބުތަކުގެ ތެރޭގައި އެއީ ވަރަށް މަދުން ފެންނަ އަދި ތާރީޚީ ގޮތުން މުހިންމު އެއްޗަކަށް ވުމާއި، އޭގެ އަސްލު ލަކުޑި ކޭސްގައި ހުރުމާއި، އަދި އެޕަލް-1ގެ ތަޖުރިބާކާރަކު މަރާމާތުކޮށް ރަނގަޅު ހާލަތެއްގައި ހުރުން ހިމެނެއެވެ.

މީގެ ކުރިން 2021 ވަނަ އަހަރުވެސް މިފަދަ ކޮމްޕިއުޓަރެއް 500,000 ޑޮލަރަށް ވިކިފައިވެއެވެ. މިފަދަ ތަކެއްޗަށް ޑިމާންޑް ބޮޑުވުމަކީވެސް އަގު ބޮޑުވާ ސަބަބެކެވެ.