13 Aug 2012, 14:27
ޖީއެމްއާރާ ގުޅިގެން އެންޓި ކޮރަޕްޝަން (އޭސީސީ)ން ބަލަމުންދާ ތިން މައްސަލައަކާ ގުޅިގެން ބޭރުގެ ފޮރެންސިކް އިންވެސްޓިގޭޓަރުންގެ އެހީއަށް އެދިފައި ވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ "ސަން އޮންލައިން" އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ޖީއެމްއާރަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އެވޯޑް ކުރި މައްސަލައިގެ އިތުރަށް އޭޑީސީގެ 25 ޑޮލަރު ކޮންސެޝަން ފީއިން އުނިކުރަމުން ދާ މައްސަލަ އާއި އިތުރު އެހެން މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ މައްސަލަތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. ނަމަވެސް ތިން ވަނަ މައްސަލައަކީ ކޮބައިކަމެއް ލުތުފީ ވިދާޅެއްނުވެ އެވެ.
"އަޅުގަނޑުމެން މިބަލާ މައްސަލަތަކަކީ ވަރަށް ޓެކްނިކަލް މައްސަލަތަކެއް، އެހެންވެ އަޅުގަނޑުމެން މިހާރު ފޮރިން މިނިސްޓްރީގައި އެދިފައި އޮންނާނީ ނިއުޒިލޭންޑް ސިންގަޕޫރު އަދި ފިލިޕީންސް ކަހަލަ ގައުމެއްގެ ހިލޭ އެހީއެއް ކޮމިޝަނަށް ހޯދައިދެވޭތޯ މަސައްކަތް ކޮށްދެއްވުމަށް،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެމްއާރާ އެކު ކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމުގައި ތުހުމަތު ކުރެވޭ ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އެކަންތައްތައް ބެލުމުގެ އެންމެ ފުރިހަމަ ވަސީލަތްތައް އެސީސީ އަށް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޖީއެމްއާރުގެ މައްސަލަ މިހާތަނަށް ވެސް ދިގުލައިގެން ގޮސްފައި ވަނީ އެ ސަބަބުތަކާއި ހުރެ ކަމަށެވެ.
"ބައެއް ތުހުމަތުތައް އެބަހުރި ކުރެވިފައި ސަރުކާރުން ސޮއި ކުރި އެގްރިމަންޓަކީ ޖީއެމްއާރުން ދިން އެގްރިމަންޓެކޭ ވެސް. މި ހުންނަނީ ވެސް ކުރެވޭ ތުހުމަތުތައް. އެހެންވީމާ މިކަންކަން ބަލާއިރު އަޅުގަނޑުމެންގެ އެންމެ ފުރިހަމަ ވަސީލަތްތަކެއް ނެތް. ބޭރުގެ ފޮރެންސިކް އިންވެސްޓިގޭޓަރެއްގެ އެހީ ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރި ނަމަވެސް ބަޖެޓްގައި ވެސް އުޅޭ ތާށިކަން. އެހެންވެ މިޖެހެނީ ބޮޑަށް މިކަހަލަ އެހީތެރިކަމެއް ހޯދަންވެސް. ގިނަ ބޭފުޅުންނަށް ހީވެފައި އޮންނަނީ މިކަހަލަ މައްސަލަތައް ނިންމާލެވޭނޭ ވަރަށް އަވަހަށް. އެކަމަކު ކޮރަޕްޝަންގެ ބޮޑަތި މައްސަލަތަކުގައި އެބަޖެހޭ އެ ހުންނަ އިޖުރާއަތުތައް ފުރިހަމަ ކުރަން، އެކަން ނުކޮށް ނިންމައެއް ނުލެވޭނެ،" ލުތުފީ ވިދާޅުވި އެވެ.
ޖީއެމްއާރުގެ މައްސަލައިގެ ތެރެއިން އެންމެ މުހިންމު ކަމެއް ދީގެން ބަލަމުން ގެންދަނީ އޭޑީސީގެ 25 ޑޮލަރުގެ މައްސަލަ ކަމަށް ފާހަގަ ކުރައްވަމުން ލުތުފީ ވިދާޅުވީ ތަހުގީގަށް އެއްބާރުލުން ލިބޭނަމަ އަންނަ މަހުގެ 15ހާތާންގައި އެ ތަހުގީގު ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް ރާއްޖޭން ބޭރުގައި ތިބި ބައެއް ފަރާތްތަކުގެ ބަޔާންތައް ނަގަން ޖެހޭތީ ބޭރަށް ދަތުރު ކުރުމުގައި ދަތިތަކެއް ހުރި ކަމަށް ލުތުފީ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ހާޒިރުކުރަން ބޭނުން ބައެއް ފަރާތްތައް އެބަ ތިއްބެވި ބޭރުގައި ވެސް، އަޅުގަނޑުމެން މިޖެހެނީ އެބޭފުޅުންގެ ބަޔާންތައް ނަގަން ބޭރަށް ދާން. މިކަމުގައި ވެސް ބަޖެޓުގެ ދަތިތަކެއް އެބައުޅޭ. އެއާ އެކުވެސް އަޅުގަނޑުމެން މި ބަލަނީ އަންނަ މަހު 15 އެހާ ހިސާބުގައި 25 ޑޮލަރުގެ މައްސަލަ ނިންމާލެވޭތޯ،" ލުތުފީ ވިދާޅުވި އެވެ.
ޖީއެމްއާރު މައްސަލައިގެ ފޮރެންސިކް އިންވެސްޓިގޭޓަރެއް ހޯދުމަށް ކުރެވުނު އެކި މަސައްކަތްތަކާ ގުޅޭ ގޮތުންވެސް ލުތުފީ ބައެއް ވާހަކަތައް ހިއްސާ ކުރެއްވި އެވެ. އެގޮތުން އެފަދަ ފުރަތަމަ މަސައްކަތް ކުރެއްވީ ހޮންގޮންގްގެ އިންވެސްޓިގޭޓަރެއް ހޯދުމަށް ކަމަށާއި އަދި އޭގެ އިތުރުން މެލޭޝިޔާ އާއި ސިންގަޕޫރު ވެސް ބެއްލެވި ކަމަށް ލުތުފީ ވިދާޅުވި އެވެ. އެ މަސައްކަތް ތަކުން މެލޭޝިޔާގެ ފަރާތަކުން އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ އަގެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޕްރޮޕޯސަލް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް އަޅުގަނޑުމެން މިބަލަނީ ހިލޭ އެހީއެއްގެ ދަށުން މިކަން ކުރެވޭތޯ، މެލޭޝިޔާގެ ޕްރޮޕޯސަލް ވެސް އަޅުގަނޑުމެން ބަލަމުން މިދަނީ،" ލުތުފީ ވިދާޅުވި އެވެ.
އޭޑީސީގެ 25 ޑޮލަރުގެ މައްސަލަ ޖީއެމްއާރުން މީހާރު ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ވައްދައިފަ އެވެ. އަދި އޭޑީސީގެ 25 ޑޮލަރު ކޮންސެޝަން ފީއިން ކެޑުމަށް އެމްއޭސީއެލްގެ ކުރީގެ ޗެއާމަން ހުއްދަ ދެއްވި ސިޓީ ބާތިލް ކުރުމަށް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ވައްދައިފަ އެވެ.
ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އިން އެއާޕޯޓުން ދަތުރުކުރާ ކޮންމެ މީހެއްގެ ބޮލަށް 25 ޑޮލަރު ކެޑުމުން މިދިޔަ ތިން މަހު ސަރުކާރަށް އެއްވެސް އެއްޗެއް ނުލިބި ޖީއެމްއާރަށް 1.5 މިލިއަން ޑޮލަރު ވަނީ ސަރުކާރުން ދައްކަން ޖެހިފަ އެވެ.