ރާއްޖެ ޓީވީ އަށް ފުލުހުން އެއްބާރުލުން ނުދިނުމަށް ނިންމާފައިވާ ނިންމުމާ މެދު މަޝްވަރާ ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާ މިއަދު ބައްދަލުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ބައްދަލުކުރުމުގައި ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދިނުމަށް ފުލުހުން ނިންމާފައިވާ ނިންމުމަށް ހައްލެއް ހޯދުމާ ބެހޭ ގޮތުން ކޮމިޝަނަރާ ވާހަކަ ދައްކަވާފައިވާ ކަމަށާއި މިއަދުގެ ބައްދަލުވުމަށް ފަހު އެކަމާ ގުޅޭ އިތުރު މަޝްވަރާތަކެއް ބޭއްވުމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

"ބިނާކުރަނިވި ބައްދަލުވުމެއް، މީޑިއާ ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ސްޓޭންޑް ބަޔާންކޮށްދެވުނު އެ ބައްދަލުވުމުގައި،" އެ ބައްދަލުވުމަށް ފަހު ރިޔާޒު ވިދާޅުވެފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަން ޕޮލިސް ކޮމިޝަނަރާ ބައްދަލުކޮށްފައިވާއިރު އެކޮމިޝަނުން ވަނީ ރާއްޖެ ޓީވީ ހިންގަމުން އަންނަ އިމާރާތުގައި، އެސްޓޭޝަން ހުންނަ ބައިން މިދިޔަ ހަފުތާގައި ކަރަންޓް ކަނޑާލައި، އެޗެނަލްގެ ކޮންޓްރޯލް ރޫމްގެ ތެރެއަށް ބަޔަކު ވަދެ ނަރުތަކެއް ބުރިކޮށްލި މައްސަލަ ކުށްވެރިކޮށް، އަދި ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމާފައިވާ ނިންމުން އަނބުރާ ގެންދިއުމަށް ވެސް ގޮވައިލައިފަ އެވެ.

ރާއްޖެޓީވީން އެއްބާރުލުން ނުދޭން ފުލުހުން ނިންމާފައި ވަނީ ފުލުހުންގެ ގަދަރާއި ހުރުމަތް ކަނޑާލައި ފުލުހުންގެ ގިދުމަތާއި މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެއްދުމަށް ޓަކައި ފުލުހުންގެ މުއައްސަސާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ހަބަރާއި މައުލޫމާތު ފަތުރަމުން ގެންދާ ކަމަށް ބުނެ އެވެ.