ނ. މާފަރު ކައުންސިލްގެ މުވައްޒިފުނަށް މިދިޔަ މަހުގެ މުސާރަ ދީފައިނުވާތީ އެ ރަށު ކައުންސިލް ދަށުގައި ތިބި މުވައްޒިފުންގެ ތެރެއިން ކައުންސިލަރުން ފިޔަވާ ދެން ތިބި މުވައްޒިފުން މަސައްކަތް ހުއްޓަލައިފި އެވެ.

މާފަރު ކައުންސިލްގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ އެ ރަށު ކައުންސިލްގެ މުވައްޒަފުނަށާއި ކައުންސިލަރުނަށް މިދިޔަ މަހުގެ މުސާރަ އަދި މިހާތަނަށް ދީފައިނުވާތީ އެ ރަށު ކައުންސިލްގެ ދަށުގައި ތިބި ކައުންސިލަރުން ފިޔަވައި އެހެން މުވައްޒިފުންގެ މުސާރަ ލިބެންދެން މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކައުންސިލްގެ މަސައްކަތްތަށް މެދުކެނޑިފައިވާ ކަމަށެވެ.

"މުސާރަ ނުދޭތީ އަޅުގަނޑުމެނަކަށް ނުބުނެވޭނެ ދެއްތޯ މަސައްކަތްކުރާށެކޭ ވެސް. މިހާރު މިރަށު ކައުންސިލްގެ މަސައްކަތް ވަނީ ހުއްޓިފައި. ޒަކާތް ނެގުން ފަދަ މަސައްކަތްތަށް ވެސް ނުކުރެވޭ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުވައްޒިފުނަށާއި ކައުންސިލަރުނަށް މިދިޔަ މަހުގެ މުސާރަ ޖަމާނުވާތީ މުސާރަ ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީއާ އެތައް ފަހަރަކު ވާހަކަ ދައްކާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އަދި ވެސް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކައުންސިލުން ފިނޭންސް މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތަކާ ގުޅުމުން ފޯނަށް ޖަވާބް ނުދެއްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަބަދުވެސް ކައުންސިލަށް ބަޖެޓް ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށާއި އެކަމުގެ ސަބަބުން ކައުންސިލުން ކުރަން ޖެހޭ މަސައްކަތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ. އަދި ރޯދަމަހުގެ އިނާޔަތް ވެސް އެކައުންސިލްގެ މުވައްޒިފުނަށް ލިބިފައި ވަނީ ރޯދަ މަހުގެ 15 ގެ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމައްސަލައާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ އެފަރާތުން ފޯން ނުނެއްގެވުމުން ކާމިޔާބް ނުވެފަ އެވެ.