މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން ދައްކަވާ ވާހަކަތައް ސަރުކާރުން އަޑުއަހާ ބައްދަލުވުމަކަށް މާދަމާގެ ބައްދަލުން ވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމުގައި އެއްވެސް ކަމެއް ނިންމަން ސަރުކާރުން ހުށަނާޅާނެ ކަމަށާއި މާދަމާގެ ވާހަކަތަކީ ދައްކާ ވާހަކަތައް ސަރުކާރުން އަޑުއެހުމުގެ ދުވަހެއް ކަމަށެވެ.


"މާދަމާގެ ބައްދަލުވުން [ސަރުކާރުން] އަޑު އަހާ ގޮތަށް އޮތީ އެއްވެސް ކަމެއް ނިންމާގޮތަކަށް ނޫން އޮތީ. މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންނަވާތީވެ އެބޭފުޅުންގެ ހުރި ޝަކުވާތަކެއް އެބޭފުޅުން ދައްކަވާ ވާހަކަފުޅުތައް އަޑުއަހާނެ. އެއަށް ފަހުގައި ސަރުކާރުން ވަކި ގޮތެއް ނިންމަވާނެ،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ މާދަމާ ބައްދަލުވުން ކުރިއަށް ގެންދިޔަނަމަވެސް ކުރިއަށް އޮތްތާގައި އިތުރު ބައދަލުވުމެއް ބާއްވަން އަދި އެޖެންޑާކުރެވިފަ ނުވާކަމަށާއި މާދަމާގެ ބައްދަލުވުމުގައި ރައީސް ގެ މަންދޫބެއްގެ ހައިސިއްޔަތުން ނައިބު ރައީސް ވަހިއްދީނު ބައިވެރިވެ ވަޑައިގެންނަވާނެ ކަމަށެވެ.

"ސަރުކާރަކުން ރަޢީސުލްޖުމުހުރިއްޔާ އެއްވެސް ގޮތަކަށް އެދިވަޑައިނުގަންނަވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސަރުކާރުން ވަދެވަޑައިގެންނަވާކަށް ރައީސުލް ޖުމުހުރިއްޔާ ބޭނުންފުޅެއްނުވޭ. ރައްޔިތުންގެ މަޖިލިހަކީ ވަރަށް މިނިވަން މުސްތަގިއްލު ބާރެއް އެއީ ދައުލަތުގެ ގަދަރާއި އިއްޒަތް ދެވިފައިވާ ވަކި ބާރެއް އެހެން ވީމައި ކަން ކުރަން ވީ ގޮތާއި ކުރިއަށް ގެންދަވަންވީ ގޮތް ކަނޑައަޅުއްވާނީ އެބޭފުޅުން އަދި މަޖިލިސްގެ ރައީސް އިސްކޮށް ހުންވައިގެން. އެހެންވީމަ ރައީސުލް ޖުމުހުރިއްޔާ އަށް ކޮށްދެވޭނީ އެބޭފުޅުން އިދާރީ ގޮތުން ކޮށްދެއްވަން ބޭނުންވާކަމެއް އެކަނި. އޭގެ އިތުރުން ސިޔާސީ ގޮތުން އެއްވެސް ކަމެއް ކޮށްދެވޭނެ ޖާގައެއް ގަނޫނީ ގޮތަކުން ނޯވޭ،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ހުއްޓާލައިފައި ބާއްވާއިގެން ވާނެ ކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށާއި އެފަދަ ހާލަތަކަށް ގައުމުގެ ކަންކަން ނުދާ ކަމަށެވެ. އޭނާ ވިދާޅުވީ މިދުވަސް ވަރަށް ވުރެ މާއުނދަނގޫ ދުވަސްވަރެއް ކަޑައްތުކުރިއިރު ވެސް މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދެވިކަމަށާއި މަޖިލިހުގެ ޖަލްސާތައް މިހާރު ހުއްޓާލާފައި އޮތް އޮތުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އާސަންދަ އާއި އެހެނިހެން ހިދުމަތްތައް މެދުކަނޑާލުމަށް ފަހު ރައްޔިތުން މަޖިލީސް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެމްޑީޕީން މަޖިލީސް ހުއްޓުވާލުމާ އެކު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ވަރަށް ވުރެ ބޮޑަށް މަޖިލީހުގެ ނިޒާމް ގެއްލިފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާ މުއްދަތެއް ނެތް ގޮތައް މެދުކަނޑާލާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމަށް ސަރުކާރުން ގޮވާލާފައިވާ އިރު ސަރުކާރުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެމްޑީޕީން ހުއްޓުވާލައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިސް ނަންގަވައިގެން ފައްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ވެރިންގެ ފެންވަރުގެ މަޝްވަރާތަކާއި މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް ހުރަސް އެޅުމަށް ކަމަށެވެ.