ފިލްމީ ތަރިން ކަމަށްވާ ފަތިމާ ސަނާ ޝެއިހާއި ވިޖޭ ވަރުމާ ލީޑް ރޯލްއިން ފެންނާނެކަން އިއުލާނުކޮށް ޓީޒާއެއް ވެސް ދައްކާލާފައިވާ ފިލްމު "ގުސްތާކް އިޝްޤް" ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފިއެވެ.

އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތުރާ ޕްރޮޑިއުސްކޮށް އުފައްދާ "ގުސްތާކް އިޝްޤް" ސިނަމާތަކަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 21ގައެވެ.

ބޮލީވުޑްގެ އެތައް ފިލްމެއްގެ ކޮސްޓިއުމް ތައްޔާރުކޮށްދީފައިވާ އިންޑިއާގެ އެންމެ ނުފޫޒުގަދަ ފެޝަން ޑިޒައިނަރުންގެ ތެރޭ ހިމެނޭ މަނީޝްގެ ސްޓޭޖް5 ޕްރޮޑަކްޝަން އިން ގެނެސްދޭ މި ފިލްމަކީ އޭނާ ފިލްމު ޕްރޮޑަކްޝަނަށް ތައާރަފްވާނެ ފުރަތަމަ ފިލްމު ވެސް މެއެވެ.

ފިލްމު "ގުސްތާކް އިޝްޤް"ގެ ކާސްޓުން އަދި ވިޖޭ އާއި ފާތިމާ ފިލްމުގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ވިބޫ ޕޫރީ ޑައިރެކްޓްކުރާ މި ފިލްމުގައި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން މަނީޝްއާ އެކު އޭނާގެ ބޭބެ ދިނޭޝް މަލްހޯތުރާ ވެސް މަސައްކަތް ކުރާނެއެވެ. ވިބޫ ޕޫރީ އަކީ އެކްޓަރު އަޔުޝްމާން ކުރާނާގެ ފިލްމު "ހަވާއީޒާދާ"ގެ ޑައިރެކްޓަރެވެ.

ލޯބީގެ ތީމަކަށް ބިނާކޮށްގެން ގެނެސްދޭ ފިލްމު "ގުސްތާކް އިޝްގް"އަކީ ރީތި ލޯބީގެ ވާހަކަތަކަށް ލޯބިކުރާ މީހުންނަށް ހާއްސަކޮށްގެން ގެނެސްދޭ ކްލެސިކަލް ފިލްމެކެވެ.

މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ ފިލްމު "ކަމީނޭ" އަދި "ހައިދަރު"އަށް މިއުޒިކް އުފައްދައިދިން ޑައިރެކްޓަރު ވިޝާލް ބަރަދްވާޖެވެ. ފިލްމަށް ޅެން ތައްޔާރުކޮށްދީފައި ވަނީ ވަރަށް ރީތި ޅެންތައް ބޮލީވުޑްގެ ލޯބީގެ ފިލްމުތަކަށް ތައްޔާރުކޮށްދީފައިވާ ގުލްޒާރެވެ.

މި ފިލްމުން ފާތިމާ އާއި ވިޖޭގެ އިތުރުން ކުޅަދާނަ އެކްޓަރު ނަސީރުއްދީން ޝާހް ވެސް ފެންނާނެއެވެ. ބޮލީވުޑްގެ ހިތްގައިމު ލޯބީގެ ފިލްމުތަކަށް ކުޑައިރުއްސުރެ ހިތުގައި އުފެދުނު ލޯތްބާއި ޝައުގުވެރިކަމުގެ ބޮޑުކަމުން އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސްއެއް އުފައްދައި ރީތި ލޯބީގެ ކްލެސިކަލް މިއުޒިކް ހިމެނޭ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދިނުމަކީ މީގެ އަހަރުތަކެއް ކުރިން މަނީޝް ދެކެމުން އައި ހުވަފެނެކެވެ.