22 Sep 2025, 08:50
މި އަހަރުގެ ޖުލައި މަހު ސިނަމާތަކުގައި ރިލީޒްކޮށް, ބޮޑު ކާމިޔާބީއެއް ހޯދި މިއުޒިކަލް ރޮމޭންޓިކް ޑްރާމާ "ސައްޔާރާ"ގެ ލީޑް ތަރިން ކަމަށްވާ އަހާން ޕާންޑޭއާއި އަނީތު ޕައްޑާއަކީ ހަގީގީ ދިރިއުޅުމުގައި ވެސް ލޯބިވެރިން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
މޯހިތު ސޫރީ ޑައިރެކްޓްކޮށް އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ ޔަޝް ރާޖް ފިލްމްސްގެ "ސައްޔާރާ"ގެ ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ ވެސް އެ ފިލްމުގެ ޝޫޓިން ތެރޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަނީތަކީ ވަރަށް އާދައިގެ ސާދާ ފިލްމީ ތަރިއެއް ކަމަށާއި ފިލްމު "ސައްޔާރާ"ގެ ޝޫޓިންތެރޭގައި އަނީތުއަށް އެންމެ ބޮޑަށް އެހީތެރިވެދިނީ ވެސް އަހާން ކަމަށް ހިންދުންސްތާން ޓައިމްސްގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
ފިލްމު ސިނަމާތަކަށް ގެނެވި ބެލުންތެރިންގެ ބޮޑު ތަރުހީބެއް "ސައްޔާރާ"އަށް ލިބި އެ ފިލްމުގެ ޖާދޫގައި މިހާރު ވެސް ގިނަބަޔަކު ޖެހިފައިތިބިއިރު ދެ ތަރިންގެ ލޯބީގެ ގުޅުން އޮތީ ސިއްރެއްގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަހާން އާއި އަނީތު--ފޮޓޯ/ބޮލީވުޑްހަންގާމާ
އެކަން އެގޮތަށް ކުރީ ވެސް ގަސްތުގައި ކަމަށާއި އޭގެ ސަބަބުން ފިލްމަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެކަމުގެ ބިރު އޭރުވެސް ހީވި ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
"ސައްޔާރާ" ރިލީޒްކުރިތާ މިހާރު ދެ މަސް ފާއިތުވެފައިވީ ނަމަވެސް އަހާންއާއި އަނީތު އެކީގައި ބޭރުތެރެއިންނާއި އަހާންގެ އާއިލާގެ ބައެއް ހަފްލާތަކުން ވެސް ފެންނަމުން ދާތީ އެކަމާ ގުޅިގެން ވެސް ދެތަރިންގެ މެދުގައި އޮތް ޚާއްސަ ގުޅުމާ ގުޅޭގޮތުން ގިނަ މީހުން ވަނީ ސުވާލު އުފައްދާފައެވެ.
އަހާންއާއި އަނީތު ފިލްމުގައި ވެސް ފެނުނީ ވަރަށް ލޯބި ދެ ބައިވެރިންގެ ގޮތުގައި ކަމަށާއި ހަގީގީ ދިރިއުޅުމުގައި ވެސް އަހާން އާއި އަނީތު ލޯބީގެ ގޮތުން ގުޅިގެން އުޅޭތަން ދެކެން ބޭނުންވާ ކަމަށް ބައެއް ސަޕޯޓަރުން ވެސް ވަނީ ބުނެފައެވެ.
ދެ ޒުވާނުންގެ ފިލްމަށް ލިބުނު ކާމިޔާބީއާ ގުޅިގެން އެކަން ފާހަގަ ކުރުމަށް ސޯޝަލް މީޑިއާގައި ދާދިފަހުން ޕޯސްޓުކުރި ފޮޓޯތަކުން ވެސް އަހާން އާއި އަނީތުގެ ދެމެދު އޮތީ ހަމައެކަނި ރަހްމަތްތެރިކަމުގެ ގުޅުން ނޫންކަން ދޭހަވާ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
އަހާންއާއި އަނީތުގެ ކެމިސްޓްރީއަށް ލިބުނު ބޮޑު ތަރުހީބާ އެކު ފިލްމު ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާ ވަނީ ވަކިވަކިން ތިން ފިލްމީ ޕްރޮޖެކްޓެއް ދެ ތަރިންނަށް ހުށަހަޅާފައެވެ. ނަމަވެސް، އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ.