ބިދޭސީން ދުއްވާ ބައިސްކަލްތައް އެކްސިޑެންޓުވުމުން އޭގެ ބަދަލަށް ބިދޭސީންގެ އަތުލުން ގިނަ އަދަދަކަށް ފައިސާ އަތުލުން އާންމުވާން ފަށައިފި އެވެ.

ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ ބިދޭސީން ދުއްވާ ބައިސްކަލްތަކުން އެކްސިޑެންޓްތައް ވުމުން ބިދޭސީންގެ އަތުން ފައިސާ އަތުލާ ކަމުގެ ރިޕޯޓް ލިބެމުންދާ ކަމަށެވެ. އަދި އެފަދަ ހާދިސާތައް ހިނގަމުންދަނީ ވެރިރަށް މާލޭގައި ކަމަށެވެ.

މި ރޯދަމަހުގައި އެފަދަ ހާދިސާތައް ހިނގުން އާންމުވެފައިވާއިރު، މިއަދު ވެސް އެފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. މާވެޔޮ މަގު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީން މީހެއްގެ އަތުން ފައިސާ އަތުލަން އުޅުން އެ މީހާ ވަނީ، ބައިސްކަލް ދޫކޮށްލުމަށްފަހު، ދުއްވައިގަނެފަ އެވެ. ފައިސާ އަތުލަން އުޅުނު މީހާ ވެސް ބަންގާޅީ މީހާ ފަހަތުން ދުއްވަމުންދަނިކޮށް އެ ސަރަހައްދުގައި ތިބި ފުލުހުންނަށް އެ މަންޒަރު ފެނިގެން އެ ދެ މީހުން ހުއްޓުވައި ސުވާލު ކުރި އެވެ.

ފުލުހުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ބިދޭސީ މީހާ ބުނީ މަގުން ދުއްވާފައި ދަނިކޮށް ބައިސްކަލުން ސައުކަލެއްގައި ޖެހި އެކްސިޑެންޓުވުމުން އަތުގައި ހުރި ފައިސާތައް ދިނުމަށް ސައިކަލުގައި އިން ދެ މީހުން އެދުނު ކަމަށެވެ. އަދި ފަހުން ބިރެދެއްކި ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ބިދޭސީ މީހާ ދެއްކެވި ވާހަކަތައް އެ މީހުން އިންކާރު ކުރި އެވެ. އޭގެ ތެރެއިން އެކަކު ބުނީ ފައިސާތަކެއް އަތުލަން މަސައްކަތް ނުކުރާ ކަމަށާއި ބިދޭސީ މީހާ ފިލަން އުޅުމުން އޭނާ ފަހާ ދުވީ ކަމަށެވެ.

"މީނަ [ފައިސާ އަތުލަން އުޅުނު މީހާ] ބުނަނީ އަހަރެން އަހަރެން ފައިސާދޭށޭ! ދެން މީނަ އަހަރެން ހިފަހައްޓާ ފައިސާ އަތުލަން އުޅެނީމަ އަހަރެން ދުއްވަނީ [ދުއްވައިގަންނަނީ]،" ބަންގްލަދޭޝްގެ މީހާ ބުންޏެވެ.

"މައްސަލައަކީ އޭނާ އެކްސިޑެންޓްކޮށްލައިފައި ދުއްވައިގަތީދޯ. އެއީ މައްސަލައަކީ. އެހެންވެ މީނަ އަތުލަން އަހަރެން އުޅުނީ،" ބަންގާޅީ މީހާ ފަހާ ދުވި މީހާ ބުންނެވެ. ފައިސާ އަތުލަން މަސައްކަތް ނުކުރާ ކަމަށާއި އެކްސިޑެންޓުވި މައްސަލަ ވެސް ޖައްސަން ބޭނުންނުވާ ކަމަށް ބުނުމުން ފުލުހުން އެ ދެ މީހުން ދޫކޮށްލި އެވެ.

މިއަދު އެފަދަ ހާދިސާއެއް ހިނގާފައިވާއިރު މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ މަޖީދީ މަހު ސަންފްރަންޓް ކައިރީގައި ވެސް އެފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. އެ ހާދިސާގައި ބިދޭސީއަކު ދުއްވި ބައިސްކަލަކުން މީހެއްގެ ގައިގައި ޖެހުމުން ހާހަކަށް ވުރެ ގިނަ ރުފިޔާ އަތުލަން އުޅެނިކޮށް ފުލުހުން ވަނީ އެކަން ހުއްޓުވައި ފައިސާ ބިދޭސީ މީހާއާ ހަވާލުކޮށްފަ އެވެ.