21 Sep 2025, 22:14
ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗު ހޭންޑްބޯޅަ ޗެންޕިއަންޝިޕްގެ ސެމީފައިނަލުގައި ސްރީ ލަންކާ އަތުން ބަލިވެ ރާއްޖެއަށް މުބާރާތުގައި ކުރިއަށްދިއުމުގެ ހުރިހާ ދޮރެއް ބަންދުވެ, ތިންވަނަ ހޮވާ މެޗު ކުޅެން ޖެހިއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ލަންކާގެ މައްޗަށް އަތްގަދަކުރި ނަމަވެސް ސެެމީގައި ލަންކާ ވަނީ ރާއްޖޭގެ ކިބައިން ބަދަލުހިފައިފައެވެ. ސެމީގެ މެޗުން ރާއްޖެ ބަލިވީ ސީދާ ދެ ސެޓުންނެވެ.
މެޗުން ބަލިވި ނަމަވެސް ދިވެހި ކުޅުންތެރިންގެ ހިތްވަރަށް ގިނަ ބަޔަކު ސާބަސް ދެމުން އަންނައިރު، މިއީ ބައިނަލްއަގުވާމީ ހޭންޑްބޯޅައިގައި ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބެކެވެ.
މުބާރާތުގެ ސެމީއަށް ލަންކާ ދަތުރުކުރީ ލީގު ބުރުގައި ކުޅުނު ފަސް މެޗުން ހޯދި ހަ ޕޮއިންޓާއެކުގައެވެ. ރާއްޖެ ސެމީފައިނަލުން ޖާގަ ހޯދީ ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ހަ ޕޮއިންޓާއެކު ލީގުބުރުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.

ސެމީގައި ރާއްޖެއާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން --
ކުޅުދުއްފުށީ ސިޓީ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓު ދެ ޕޮއިންޓްގެ ލީޑަކާއެކު 14-12 ގެ ނަތީޖާއަކުން ލަންކާ ކާމިޔާބުކުރިއިރު ދެވަނަ ސެޓު ލަންކާއިން ކާމިޔާބުކުރީ އަށް ޕޮއިންޓްގެ ލީޑަކާއެކު 22-14 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްރީލަންކާގެ ސަންޖީވް ސަމްޕަތެވެ.
ރާއްޖެއަށް ދެން ޖެހޭނީ މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅޭށެވެ. އެ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. އަދި މުބާރާތުގެ ފައިނަލުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ސްރީ ލަންކާއާއި ޕާކިސްތާނެވެ.