ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި މާފަންނު ދެކުނު ދައިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން އެ އޮފީހަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށާާއި އެ ދެ މައްސަލަ ވެސް މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި މާފަންނު ދެކުނު ދައިރާގެ މެންބަރު އިބްރާހިމް ރަޝީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސް އިން މި އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި. މިހާރު އެ ދެ މައްސަލަ ވެސް ދިރާސާ ކުރަމުން ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ހާމިދުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގަ އެވެ.

ބޮންޑޭގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު އޭނާގެ މައްޗަށް ވަރަށް ގިނަ ތުހުމަތު ތަކެއް ފުލުހުން ކުރެއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ފުލުހުންނާއި މެދު މާރާމާރީ ހިންގުމާއި އަމަންނަގާލަން މަސައްކަތް ކުރުމާއި އިންޒާރުދިނުން ހިމެނެވެ.