13 Aug 2012, 13:01
އެމްއެންޑީއެފްގެ ޓްރެއިނިންތަކުގައި ބޭނުން ކުރާ، ކ. ތަނބުރުދޫ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްއެންޑިއެފްގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ތަނބުރުދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްލޭން ސަރުކާރުން އެޕްރޫވް ކުރީ 2010 ވަނަ އަހަރު ކަމަށާއި ނަމަވެސް އެ މަޝްރޫއު އެކި ސަބަބުތަކާ ހުރެ އޭރު މަޑުޖެހިފައި އޮތީ ކަމަށެވެ.
"އެ ރަށް ތަރައްގީ ކުރުމާ ބެހޭ ޕްލޭންގެ މަސައްކަތް އޭރު މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާ ވެސް އެ މަސައްކަތް ބާރު ސްޕީޓްގައި މިހާރު ކުރިއަށް އެބަދޭ،" އަބްދުﷲ ވިދާޅުވި އެވެ.
ރާޅާ އެޅުންތެރިންގެ މެދުގައި ވެސް މަޝްހޫރުވެފައިވާ، ސާފް ޕޮއިންޓެއްގެ ގޮތުގައި ބެލެވޭ ތަނބުރުދޫ، ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްލޭން ގެންގުޅޭ ކަމަށް އެމްއެންޑީއެފްއިން ބުނެފައި މިވަނީ އެމްއެންޑީއެފްއިން މިދިޔަ ހަފްތާގައި ވިޔަފާރި ކުންފުންޏެއް ރަޖިސްޓްރީކޮށްފައި ވަނިކޮށެވެ.
އަބްދުﷲ ވިދާޅުވީ އެމްއެންޑީއެފްގެ ވިޔަފާރި ކުންފުނިން ނިންމާފައި ވަނީ އެރަށް ތަރައްގީ ކުރުމަށް އެކަނި ނޫން ކަމަށާއި ސިފައިންގެ ވެލްފެއާގެ ކަންތައްތައް ރަނގަޅު ކުރުމަށް ކުރަން ޖެހޭ އެހެން ވިޔަފާރިތައް ވެސް އެ ކުންފުނިން ކުރަން ރާވާފައިވާ ކަމަށެވެ. އެ އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނީ ޖޮއިންޓް ވެންޗާ އުސޫލުން ކަމަށްވެސް އަބްދުﷲ ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓް [ތަނބުރުދޫ ރިސޯޓަކަށް ހެދުމުގެ] މަސައްކަތް އެބަ އޮތް ކުންފުނީގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި. ނަމަވެސް އެކަން އެކަންޏެއް ނޫން ކުރާނީ،" އަބްދުﷲ ވިދާޅުވި އެވެ.
ރާޅާ އެޅުންތެރިންނަށް ހާއްސަކޮށްގެން އެ ރަށް ތަރައްގީ ކުރުމަށް މީގެ ކުރިން ސިންގަޕޫރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުންޏެވެ.
ތަނބުރުދޫގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ވާހަކަތަކާ އެކު ސާފަރުން އަންނަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އެއީ އެރަށް ތަރައްގީ ކުރާ ގޮތުން އެ ހިސާބަށް ނަގައި ބިޔަ ރާޅުތަކަށް ބަދަލުތަކެއް އައިސް އެ ސަރަހައްދު ސާފު ޕޮއިންޓަކަށް ނުވެދާނެތީ އެވެ.
މީގެ އިތުރުން ވިޔަފާރީގައި އަމަލީ ގޮތުން އެމްއެންޑީއެފް ބައިވެރިވާތީ އެކަމާ މެދު ވެސް ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް މިހާތަނަށް އުފައްދާފައި ހުރި ނަމަވެސް އެ ކުންފުނިތަކުން މާލީ ކޮންމެ އަހަރެއް ނިންމާލަން ޖެހެނީ މާބޮޑު ފައިދާއެއް ނުލިބި އެވެ.