21 Sep 2025, 12:25
މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓުތަކެއް މަގުމައްޗަށް އެއްލާލާފައި ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ފުލުހުން ހައްޔަރުކުރީ ތ. ތިމަރަފުށި / މާޖެހިގެ، މާދިން މުޙައްމަދު ނަޞީރު (19އ) އެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޕެޓްރޯލްކުރަމުން ދިޔައިރު، ކަންނެލި ޖެޓީ ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައެވެ.
ފުލުހުން ބުނީ، ސައިކަލެއްގެ ފަހަތުގައި އިން މާދިނަށް ފުލުހުން ފެނުމުން، އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލާލި ކަމަށާއި ފުލުހުން އެ ތަކެތި ނަގައި ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެެކެޓު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި މާދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކޯޓުން ނިންމީ 10 ދުވަހަށް އޭނާ ބަންދުކުރުމަށެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުންނެވެ.