ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދިނުމަށް ނިންމާފައިވާ ކަމަށް އެ ޓީވީ އިން ރޭ ފެތުރި ހަބަރު ދޮގުކޮށް، ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދިނުމަށް ނިންމާފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭން ނިންމާފައިނުވާ ކަމަށާއި ރައީސް އޮފީހުގެ ފަރާތުން މައުލޫމާތަށް އެދޭ ހުރިހާ ފަރާތްތަކަށް ވެސް ގާނޫނު އަސާސީގައި ބުނާ ގޮތުގެ މަތިން މައުލޫމާތް ފޯރުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކައިރިން މައުލޫމާތް ހޯދާ ފަރާތްތަކަށް ހަގީގަތުގައި މިހާރު މައުލޫމާތު ލިބޭނެ،" އައްބާސް ވިދާޅުވި އެވެ. "އިވެންޓެއް އޮތިއްޔާ މިސާލަކަށް ޕުރެސް ކޮންފަރެންސެއް އޮތިއްޔާ އަޅުގަނޑުމެން ޕުރެސް އޮފީހުން ގުޅަމުންގެންދާނެ. ދެން އެލިސްޓްގެ ތެރޭގައި ގުޅާފަރާތެއް އުނިވުމަކީ އެކުސިޑެންޓަކަށް ވެސް ވެދާނެ، އުސޫލެއްގެ ގޮތުން އެއްވެސް ފަރާތެއް ވަކިކުރުމަށް އެއްވެސް ސިޔާސަތެއް ކަނޑައަޅާފައެއް ނުވާނެ،"

އާދިލް ވިދާޅުވީ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭނެ ކަމަށް ދައްކަވާ ވާހަކައަކީ އެ ބޭފުޅާ އަމިއްލައަށް ދައްކަވާ ވާހަކަފުޅެއް ކަމަށާއި ރައީސް އޮފީހުގެ ރަސްމީ ސްޓޭންޑަކީ ހުރިހާ މީޑިއާތަކަށް ވެސް ހަމަހަމަކޮށް ކަންތައްތައް ކުރެއްވުން ކަމަށެވެ. އޭގައި ރާއްޖެ ޓީވީ އަށް ވަކި ގޮތެއް ނުގެންގުޅުއްވާ ކަމަށެވެ.

ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ ރަސްމީ ގޮތަކަށް ރާއްޖެ ޓިވީ އަށް އެއްބާރުލުން ނުދޭނެ ކަމަށް ރައީސް އޮފީހުން އަންގާފައި ނުވާ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އޯއިސީ ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން އެއްނަންބަރު ފާލަން ދޮށުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމަށް ރާއްޖެ ޓީވީ އަށް ދައުވަތު އަރުވާފައި ނުވާ ކަމަށެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނު މަސްއޫދު އީމާދުއާ ރާއްޖެ ނިއުސްޓީމުގެ ފަރާތުން ގުޅާލުމުން ރައީސް އޮފީހުން ވެސް ރާއްޖެ ޓީވީ އަށް އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭގޮތަށް މިހާރު ނިންމަވާފައިވާ ކަމަށާއި ރައީސް އޮފީހުގައި ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލްވުމަކަށް ވެސް ރާއްޖެ ޓީވީ އަށް ދައުވަތު ނާރުވާނޭ ކަމަށް އެބޭފުޅާ ވިދާޅުވެފައިވާ ކަމަށެެވެ.

"އަޅުގަނޑުމެން މިތިބީ ރައީސް އޮފީހަށް ވެސް އަދި ސަރުކާރަށް ވެސް އެއްބާރުލުން ދޭން. އަޅުގަނޑުމެންގެ ދައުރަކީ މިނިވަން މީޑިއާއެއްގެ ދައުރު،" ޔާމީން ވިދާޅުވި އެވެ.

އެމައްސަލައާ ގުޅޭ ގޮތުން ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓާ މަސްއޫދު އީމާދުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.