މީގެ 13 އަހަރު ކުރިން ހިނގި ހަމަނުޖުހުމެއްގައި އޭރުގެ ސަރުކާރުން ގާނޫނާއި ޚިލާފަށް ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ތަހުގީ ކުރުވައި ދައުވާ ކޮށްދިނުމަށް 14 މީހަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުގައި އެދެފި އެވެ.

ފ. މަގޫދޫގައި 1999 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި ރައީސް މައުމޫނުގެ ސަރުކާރުން ހައްޔަރުކުރި 14 މީހަކު ޕީޖީއަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އެ އޮފީހަށް ހުށަހަޅާފައި ވަނީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށާއި އެކަން މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އޭގެ ފަހުން އެ މީހުންނަށް ޖަވާބެއް ދެއްވާނެ ކަމަށެވެ.

"އެ މައްސަލަ އަޅުގަނޑުމެން މިގެންދަނީ ދިރާސާ ކުރަމުން. ދިރާސާކޮށް ނިމުމުން އެ މީހުންނަށް ޖަވާބެއް ދޭނަން،"

މަގޫދޫގެ 14 މީހަކު ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުއަށް ފޮނުއްވެވި ސިޓީގެ ކޮޕީތައް ސަން އޮންލައިނަށް ވެސް ވަނީ ލިބިފައެވެ.

އެ ސިޓީތަކުގައި ބުނަނީ ރައީސް މައުމޫންގެ ވެރިކަމުގައި އަމަލު ކުރެވެމުންދިޔަ ގާނޫނު އަސާސީގައި ހަތް ދުވަހަށްވުރެ ދިގު މުއްދަތަކަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެފަދައިން އޭރުގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު ހަތް ދުވަހަށް ވުރެ ދިގު މުއްދަތަށް މީހުން ހައްޔަރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގާނޫނުގައި "ދިގު މުއްދަތަކަށް މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނީ" ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ ތިން މީހެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއަކަށް ހުށަހަޅައި، އެކޮމިޓީގެ ހުއްދަ ލިޔުމުން ލިބިގެންކަމާއި އަދި ހުއްދަ ދެވޭނީ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް ކަމަށް އެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އެ ސިޓީތަކުގައި ބުނަނީ އެ ގާނޫނުގައި އެހެން ބުނެފައި ވިޔަސް 1999 ވަނަ އަހަރު މަގޫދޫގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އެ މީހުން 110 ދުވަސް ވަންދެން ގާނޫނާއި ޚިލާފަށް ދޫނިދޫ ގައި ހައްޔަރުކޮށްގެން ގެންގުޅެފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަތައް ތަހުގީގު ކޮށްދެއްވުމަށް ފުލުހުންނަށް އަމުރުކޮށްދެއްވައި ފުލުހުންގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކުރީގެ ރައީސް މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދޭ ކަމަށެވެ.