21 Sep 2025, 09:01
އެމެރިކާގެ ހުޅަނގު އުތުރުގައި އޮންނަ ބޮޑު ސްޓޭޓެއް ކަމަށްވާ އަލާސްކާގެ އަލްސެކް ކޯރުގައި މުޅިން އަލަށް އުފެދިފައިވާ ރަށެއް އެމެރިކާގެ ޖައްވީ ސްޓޭޝަން ނާސާގެ ސެޓެލައިޓްތަކުން ހޯދައިފިއެވެ.
ނާސާއިން ބުނީ މި ރަށް އުފެދިފައިވަނީ އަލްސެކް ގްލޭޝިއާ ގިރައިގެން ދިއުމުގެ ސަބަބުން ކަމަށާއި، މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ހާމަކޮށްދޭ މިސާލެއް ކަމަށެވެ.
ނާސާގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، 1984 ވަނަ އަހަރުން ފެށިގެން 2025ވަނަ އަހަރާ ހަމައަށް އަލްސެކް ގްލޭޝިއާ 3 މޭލަށްވުރެ ބޮޑަށް ގިރާފައިވެއެވެ. މި ގިރާލުމުގެ ސަބަބުން، ކުރިން ބިމާ ގުޅިފައިވާ 'ޕްރޯ ނޮބް' ކިޔާ ސަރަހައްދެއް ވަނީ ފެނުން ވަށާލާފައި އައު ރަށަކަށް ބަދަލުވެފައެވެ. ގްލޭޝިއާ ގިރައިގެން ދިއުމުގެ ސަބަބުން ފެންގަނޑު ބޮޑުވެ، އަލްސެކް ކޯރު އުފެދިފައިވެއެވެ.
މި ހޯދުމުގެ މައިގަނޑު ހެއްކަކީ 1984 ވަނަ އަހަރު ލޭންޑްސެޓް 5 އިން ނަގާފައިވާ ފޮޓޯއަކާއި، 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ލޭންޑްސެޓް 9 އިން ނަގާފައިވާ ފޮޓޯއެކެވެ. މި ދެ ފޮޓޯއިން ގްލޭޝިއާ ގިރާފައިވާ މިންވަރާއި، ފެނުގެ ސަބަބުން އަލާސްކާގެ މި ސަރަހައްދުގެ ބިމުގެ ގޮތްގަނޑަށް އައިސްފައިވާ ބަދަލުތައް ވަރަށް ސާފުކޮށް ފެނެއެވެ.
މި އައު ރަށް އުފެދުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސީދާ ނަތީޖާއެއްކަން ސައިންސްވެރިން ފާހަގަކުރެއެވެ.
އަލާސްކާއަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ހުޅަނގު އުތުރުގައި އޮންނަ ބޮޑު ސްޓޭޓެކެވެ. އެމެރިކާގެ އެންމެ ބޮޑު ސްޓޭޓަކީ އަލާސްކާއެވެ. އޭގެ ސަރަޙައްދު ބޮޑުކަމުން އެމެރިކާގެ އެހެން ސްޓޭޓްތަކަށްވުރެ މާ ބޮޑެވެ. އަލާސްކާ މަޝްހޫރުވެފައިވަނީ އެތާންގެ ގުދުރަތީ ރީތިކަމާއި، ފިނި މާހައުލާއި، ބޮޑެތި ފަރުބަދަތަކާއި، ގްލޭޝިއާތަކާއި، ޖަނަވާރުގެ ވައްތަރުތައް ގިނަވެ މުއްސަނދިކަމުންނެވެ. އެއީ ގިނަ އަދަދެއްގެ ވައިލްޑްލައިފް ހިމެނޭ ސަރަޙައްދެކެވެ.
އަލާސްކާގެ މޫސުމަށް ބަލާއިރު، އަހަރުގެ ބޮޑު ބަޔެއްގައި ފިނި މޫސުން އޮންނައިރު އެދުވަސްވަރު ވަރަށް ގަދަޔަށް ފިނިވެއެވެ. އަދި ބޮޑު ބައެއްގައި ގްލޭޝިއާތައް ހުރެއެވެ.
މި ސަރަޙައްދުގައި ތެލާއި ގޭސްގެ ބޮޑެތި ރިޒާވްތައް ވެސް ހުރެއެވެ. އަލާސްކާއަކީ ކުރިން ރަޝިއާގެ ބައެކެވެ. ނަމަވެސް 1867 ވަނަ އަހަރު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން އެ ބިން ގަތެވެ.
މި ސަރަޙައްދުގައި ދިރިއުޅޭ މީހުން ވަރަށް މަދެވެ. އެހެންނަމަވެސް އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދެއެވެ. ޚާއްސަކޮށް، ކްރޫޒް ދަތުރުތަކާއި، ފިނި މާހައުލުގެ ތަފާތު ތަޖުރިބާތަކަށްޓަކައެވެ. އަލާސްކާގެ މައި ރަށްތަކުގެ ތެރޭގައި އެންކަރޭޖާއި ޖޫނޯ ހިމެނެއެވެ. ޖޫނޯއަކީ އެ ސްޓޭޓްގެ ވެރިރަށެވެ.