މަނާމާ (އޮގަސްޓް 13): ގަލްފުގެ ހުރްމުޒް ކަނޑުއޮޅީގެ ކައިރިން ދަތުރުކުރަމުންދިޔަ އެމެރިކާގެ ޢަސްކަރީ މަނަވަރަކާއި ޖަޕާނުގެ ތެޔޮ ޓޭންކަރެއްޖެހި މުޑިއެރުމުގެ ސަބަބުން އެދެއުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެވެ.

ބަޙްރައިންގައި މަރުކަޒު ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން މިސައިލް ޙަމަލާދިނުމަށް ޚާއްސަ ހަނގުރާމަމަތީ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ޕޯޓް އާއި ޕެނަމާގެ ދިދަ ނަގާފައިވާ ޖަޕާނުގެ ތެޔޮ ޓޭންކަރެއް މިދިޔަ އާދީއްތަ ދުވަހު ޖެހި މުޑިއަރާފައިވަނީ އެކްސިޑެންޓެއްގެ ތެރެއިންނެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. އަދި ތެޔޮ ޓޭންކަރަށް ލިބުނު ގެއްލުންތަކާއެކު ވެސް އެއިން ތެޔޮ ލީކުވެފައި ނުވާ ކަމަށާއި އެކްސިޑެންޓަށްފަހު ވެސް ތެޔޮޓޭންކަރު އޭގެ ދަތުރުގައި ކުރިޔަށްދިޔައެވެ. ނަމަވެސް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު ޕޯޓް ވަނީ މިޙާދިސާއިން ލިބުނު ގެއްލުންތަކާއެކު ބަޙްރައިންގައިވާ އެމެރިކާގެ ކަނޑުގެ ބޭހެއްގައި ބަނދަރުކޮށްފަ އެވެ.

މިޙާދިސާގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އެއްވެސް ހުރަހެއް އެޅިފައިނުވާކަމަށް އުމާންގެ ކޯސްޓްގާޑުގެ މަސްއޫލުވެރިއަކު ވަނީ ހާމަކުރައްވާފައެވެ. – އަލް ޖަޒީރާ