ފުލުހުންނަށް އަނިޔާކުރަން ހިތްވަރުދީ ގޮވާލި މައްސަލައިގައި ހައްޔަރު ކުރި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ ހައްޔަރުން އޭނާ ރޭ 12:00 ޖަހާއެހާކަންހާއިރު ދޫކޮށްލި އިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މިއަދަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާހިރު ދޫކޮށްލީ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ ކޯޓު އަމުރު ހަމަވުމުގެ ކުރިން ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ބަންދުން ދޫކޮށްލާނީ ކޯޓަށް އެންގުމަށް ފަހު ކަމަށެވެ. އަދި މާހިރު ވެސް ދޫކޮށްލާފައި ވަނީ އެ އުސޫލުން ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

މާހިރު ހައްޔަރުކޮށްފައި ވަނީ އެމްޑީޕީން ކޭމްޕްޖަހާފައިވާ އުސްފަސްގަނޑުގައި މިދިޔަ މަހުގެ 12 ވަނަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ސަލާމާތީ ޚިދުމަތް ދޭ ފަރާތްތަކަށް ހަމަލާ ދިނުމަށާއި އަދި އެފަދަ ޢަމަލުތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ގޮވާލާފައިވާ ކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން ނޫސްވެރިންނަށް ދެއްކި ވީޑިއޯއެއްގައި މާހިރު ގޮވާލާފައި ވަނީ އަތުޖެހުނު އެއްޗެއް ހިފައިގެން ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ހަމަލާދީ ހެދުމަށެވެ. އަދި އިސްލާމްދީނުގައި ވެސް އޮތީ ބަޣާވާތް ކުރިމީހުން "އެންމެ ފަހު މީހާއާ ޖެހެންދެން ތަޅައި ބިމަށް ތިރިއަރުވާލަން" ކަމަށް ވެސް އޭނާ އެ ވީޑިއޯގައި ބުނެ އެވެ.