ފުލުހުންނަށް އަނިޔާ ކުރަން ހިތްވަރުދީ އެކަމަށް ގޮވާލި މައްސަލައިގައި ހައްޔަރު ކުރި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ ފުލުހުންގެ ދޫކޮށްލައިފި އެވެ. ފުލުހުންގެ ހައްޔަރުން ރޭ 12:00 ޖަހާކަންހާއިރު މާހިރު ދޫކޮށްލިއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މާދަމާ މެންދުރަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާހިރު ދޫކޮށްލީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ކަމަށާއި ކޯޓު އަމުރު ހަމަވުމުގެ ކުރިން ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު ބަންދުން ދޫކޮށްލާނީ ކޯޓަށް އެންގުމަށްފަހު ކަމަށެވެ. އަދި މާހިރު ވެސް ދޫކޮށްލާފައިވަނީ އެ އުސޫލުން ކަމަށެވެ.

މާހިރު ހައްޔަރުކޮށްފައިވަނީ އެމްޑީޕީން ކޭމްޕްޖަހާފައިވާ އުސްފަސްގަނޑުގައި މިދިޔަ މަހުގެ 12 ވަނަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ސަލާމާތީ ޚިދުމަތް ދޭ ފަރާތްތަކަށް ހަމަލަ ދިނުމަށާއި އަދި އެފަދަ ޢަމަލުތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ގޮވާލާފައިވާތީ އެވެ.

ފުލުހުން ނޫސްވެރިންނަށް ދެއްކި ވީޑިއޯއެއްގައި މާހިރު ގޮވާލާފައި ވަނީ އަތުޖެހުނު އެއްޗެއް ހިފައިގެން ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ހަމަލަދީ ހެދުމަށެވެ. އަދި އިސްލާމްދީނުގައި ވެސް އޮތީ ބަޣާވާތް ކުރިމީހުން "އެންމެފަހު މީހާއާ ޖެހެންދެން ތަޅާ ބިމަށް ތިރިއަރުވާލަން" ކަމަށް ވެސް އޭނާ އެ ވީޑިއޯގައި ބުނެ އެވެ.