13 Aug 2012, 10:39
މަދީނާގައި އެއްފަހަރަކު ދިމާވި ޙާދިޘާއެއްގައި ވަރަށްބޮޑު ކުށްހީއެއް އުފެދިގެން ދިޔައެވެ. އެޙާދިޘާއާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި އަރަހުށި މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. "އެވާހަކަތައް ތިޔަބައިމީހުން އެހި ހިނދު، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން އެއުރެންގެ އަމިއްލަ ނަފުސުތަކާމެދު ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑު ދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ!" (އައްނޫރު: 12)
މި ބަސްފުޅުން އެނގެނީ އިސްލާމްދީން އެދެނީ މުޖްތަމަޢުގައި ރަނގަޅު ހީގެ ޖައްވެއް ޢާއްމުވެފައި އޮތުން ކަމެވެ. މީހަކަށް އަނެކަކާ އިދިކޮޅު ވާހަކައެއް އަޑުއިވުނު ކަމުގައި ވިޔަސް އެވާހަކައެއް ފަތުރައިގެން ނުވާނެކަމެވެ. އަދިކީއްތޯއެވެ. އެވާހަކައެއް ހިތުން ޤަބޫލުކޮށްގެންވެސް ނުވާނެކަމެވެ. ތިމާގެ ސިކުނޑި އަބަދުވެސް އާބާދުކުރަން ވާނީ ރަނގަޅު ހީތަކުންނެވެ.
ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގައި އިރްޝާދު ދެއްވައިފައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެ ތެރެއިން ގިނަ ކަންތައްތަކާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ." (އަލްޙުޖްރާތު: 12) މުޖްތަމަޢުގައި ދެބަސްވުމާއި ބައިބައިވުމުގެ ސުންޕާ ބަލި އަބަދުވެސް ފެށިގެން އަންނަނީ ކޮންމެވެސް ކަހަލަ ކުށްހީއަކުންނެވެ. ކުށްހީއެއް އުފެދޭއިރަށް އެ ކުށްހީއެއް ނައްތައިލެވިއްޖެނަމަ ދޭދޭމެދުގެ ގުޅުންތަކަށް ބުރޫއަރައި މުޖުތަމަޢުގެ ހީރަސް ކެނޑޭތަނެއް ނާންނާނެއެވެ. މުޖުތަމަޢުގައި އުފާވެރި އެކުވެރި ވެއްޓެއް ޤާއިމުވެފައި އޮންނާނެއެވެ. އާދެ، ހީތަކުން ދުރުހެލިވުމަކީ ފިތުނައެއް ބޯހިއްލާލުމާއެކު އެ ފިތުނައިގެ ބޯ ޗިސްޗިސްކޮށްލުމެވެ.
އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ކުށްހީތަކުގެ ނުބައިކަމާ މެދު އުންމަތަށް އިންޒާރު ކުރައްވައިފައެވެ. އިތުރު ސާހިބާގެ ޙަދީޘުފުޅެއްގައި ވެއެވެ. "ތިޔަބައިމީހުން ކުށްހީތަކާ ދުރުހެލިވާށެވެ. އެހެނީ ހަމަކަށަވަރުން ކުށްހީއަކީ އެންމެ ބޮޑު ދޮގެވެ." (މުއްތަފަޤުން ޢަލައިހި)
މި މޭރުމުން ވަރަށް ގިނަ ޙަދީޘުފުޅުތަކެއް ރިވާވެފައި ވެއެވެ. އެ ޙަދީޘުފުޅުތަކުން ކުށްހީއާމެދު އިސްލާމްދީނުގެ ޙުކުމަކީ ކޮބައިކަމާއި، މި މަސްއަލައިގައި އިސްލާމްދީން ބާރު އަޅުއްވާގޮތް ވަރަށް ޞަރީޙުކޮށް އޮޅުންފިލައެވެ. އާދެ، އިސްލާމްދީން ބާރުއަޅުއްވަނީ މުސްލިމުން އެކަކު އަނެކަކަށް ހިތް ސާފުކުރުމަށެވެ. މީހަކާ ބެހޭގޮތުން ނުރަނގަޅު ވާހަކައެއް އަޑުއިވުނުކަމުގައި ވިޔަސް ހަމައެކަނި މީހަކު ބުނާ ބުނުމެއްގެ މައްޗަށް އެވާހަކައެއް ޤަބޫލު ނުކުރުމަށެވެ. ރަނގަޅު ހީގެ މައްޗަށް އިޙްތިމާލުކޮށް އެވާހަކައެއް ހިތުން ފޮހެލުމަށެވެ. ކޮންމެވެސް ސަބަބަކާހުރެ އެކަމަކާމެދު ރައުޔެއް ޤާއިމުކުރުން ބޭނުންތެރި ކަމުގައި ވެއްޖެ ޙާލެއްގައި މަސްއަލަ ފުރިހަމަޔަށް ތަޙްޤީޤު ކުރުމަށެވެ. ފުރިހަމަޔަށް އެކޮޅުމިކޮޅު ހޯދައި ބަލައިފައި މެނުވީ އެމަސްއަލައިގައި ރައުޔެއް ޤާއިމު ނުކުރުމަށެވެ. އެކަމަކާ މެދު ފިޔަވަޅެއް ނޭޅުމަށެވެ.
އިސްލާމްދީން ތަރްޙީބުދެއްވާ އަޚްލާޤީ ޝަޚްޞިއްޔަތުތަކަކީ އެހެން މީހުނާ މެދު ހިތްނިޔަތް ރަނގަޅު ކުރާ މީހުންނެވެ. އެމީހެއްގެ ހިތް އަނެކުންނާމެދު ރަނގަޅު ހީތަކުން ފުރައިލެވިފައިވާ މީހުންނެވެ.