ބިމާން ބަންގްލަދޭޝް އެއާލައިންސްގެ ޕައިލެޓަކު އޮޅިގެން އޭނާގެ މަންމަގެ ޕާސްޕޯޓު ހިފައިގެން ސައުދީ އަރަބިއާގެ ޖިއްދާއަށް ދަތުރުކޮށްފިއެވެ.

އޭނާ ދުއްވި ބޯޓު ދިޔައީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ޖިއްދާއަށެވެ.

ނަމަވެސް، ހަޒްރަތު ޝަހުޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަން އޮފިޝަލުން ވަނީ ކެޕްޓަން މުންތަސިރު ރަހުމާނު ކިޔާ އެ ޕައިލެޓްގެ ލިޔެކިޔުންތައް ރަނގަޅަށް ޔަގީން ނުކޮށް، ބޯޓު ދުއްވުމުގެ ހުއްދަ ދީފައި ކަމަށް ބިމާންގެ ޖެނެރަލް މެނޭޖަރު ބުޝްރާ އިސްލާމް ވިދާޅުވިއެވެ.

މުންތަސިރުގެ އަމިއްލަ ޕާސްޕޯޓު ނެތްކަން އެނގުނީ ޖިއްދާ އެއާޕޯޓަށް ޖެއްސުމުންނެވެ. ސައުދީ އިމިގްރޭޝަން އޮފިޝަލުން ވަނީ ޕާސްޕޯޓު ނެތުމުން މުންތަސިރު އެއާޕޯޓުން ނުކުތުން މަނާކޮށްފައެވެ.

ބުޝްރާ ވިދާޅުވީ، ފަހުން އެއާލައިންގެ ޖިއްދާ ސްޓޭޝަންގެ މެނޭޖަރު މައްސަލަ ސާފުކޮށްދިނުމުން މުންތަސިރު ވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި، ބިމާންގެ ވަކި ފްލައިޓެއްގައި އޭނާގެ ޕާސްޕޯޓު ވެސް ވަނީ ޖިއްދާއަށް ފޮނުވާފައެވެ.