ރައީސް މުހައްމަދު ނަޝީދު ވެރިކަން ބަދަލުވި ގޮތް ބަލަން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓް މި މަހުގެ 30ގައި އާއްމު ކުރާ އިރު، އެންމެން ވެސް ތިބީ އެނަތީޖާއަށް އިންތިޒާރު ކޮށްގެނެވެ. އެއްކޮޅުން މިއީ ބަގާވާތެއް ކަމަށް ބުނަމުންދާ އިރު އަނެއް ކޮޅުން މިއީ ގާނޫނީ ސަރުކާރެއް ކަމަށް ބުނަމުންނެވެ. ނަމަވެސް އިންކްއަރީ ކޮމިޝަންގެ ނަތީޖާ އިން ދެ ގޮތުން ކުރެ ކޮންމެވެސް އެއް ގޮތެއް ކަނޑައަޅާނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން މިހާރު ވެސް ގެންދަނީ އެކޮމިޝަނުން ނިންމާނެ ގޮތެއް ބަޔާންކޮށް އެކަމާ އެކަމާ އުފާފާޅު ކުރަމުންނެވެ.

އިންކުއަރީ ކޮމިޝަނަށް މިހާތަނަށް ހާޒިރެވަޑައިގެން މައުލޫމާތު ދެއްވި ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު އެ ކޮމިޝަނަށް ހާޒިރުވެވަޑައިގެން މައުލޫމާތު ދެއްވުމަށް ފަހު ވިދާޅުވެފައި ވަނީ އިންކްއަރީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ ބަޣާވާތެއް ނޫން ގޮތަކަށް އެކޮމިޝަންގެ ބަޔާން ނުނެރޭނެ ކަމަށެވެ. އަދި އެއީ ނަޝީދުގެ އިތުރުން އެމަނިކުފާނަށް ތާއީދުކުރައްވާ އަދި އެމްޑީޕީގެ ވެސް ގިނަ ބަޔަކު ގަބޫލު ވެސް ކުރާ ގޮތް ވެސްމެ އެވެ.

އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަޔާންކޮށް "ފުލުހުންނާއި ސިފައިން ހިނގި ބަޣާވާތް" މިނަމުގައި ރިޕޯޓެއް ވެސް ނެރެފަ އެވެ. އެރިޕޯޓް ލިޔުއްވާފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ފަހުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލާއި ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

އެމްޑީޕީން މިއީ ބަގާވާތަކެއް ކަމަށް ގަބޫލް ކުރާ އިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ހާޒިރުވެވަޑައިގެން ބަޔާން ދެއްވުމަށް ފަހު ވިދާޅުވެފައި ވަނީ އެކޮމިޝަނުން ނިންމާ ނިންމުމެއް އެމަނިކުފާނު ގަބޫލްފުޅު ކުރައްވާނީ ހަމައެކަނި މިއީ ބަގާވާތެއް ނޫން ގޮތަށް ކަނޑައައިފި ނަމަ އެވެ.

އެމްޑީޕީން ގަބޫލްކުރާ ގޮތާ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދެކޭ ގޮތް އެއާ މުޅިން ހިލާފުވެފައިވާއިރު ދެ ގޮތުން ކުރެ ކޮންމެ ގޮތަކަށް ރިޕޯޓްގެ ނަތީޖާ ނުކުތް ނަމަވެސް ރާއްޖޭގެ މަޝްރަހު އިހުނަށްވުރެ ބޮޑަށް ހަލަބޮލިވެގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. އަދި ދެން ކަންތައްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު މިހާރު ވެސް މަޝްވަރާތަތައް ކުރުމަށް މިވަނީ ކުޑަތަންވެފައި ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.

އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތުގައި އެމްޑީޕީން މިހާރުވެސް މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން އިންކުއަރީ ކޮމިޝަންގެ ރިޕޯޓް އާއްމުކުރާ ދުވަހު ރާއްޖޭގެ މަޝްރަހު ވީހާވެސް ފިނި ކުރުމަށެވެ.

"ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އެއްވެސް ކަހަލަ މަޖުބޫރީ ކަމެއް ނެތި ކަމަށް އެކޮމިޝަނުން ކަނޑައަޅާނެ ކަމަށް ގަބޫލެއް ނުކުރެވޭ، އެހެން ކަމުގައިވާނަމަ އަލުން އިންތިހާބެއް ޖެހޭނީ ބާއްވަން،" އިންތި ވިދާޅުވި އެވެ.

ރައީސް ވަހީދާއި މިސަރުކާރަށް ތާއީދުކުރާ ގިނަ ސިޔާސީ ބޭފުޅުންނަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށްޓަކައި ގެނައި ބަޣާވާތުގައި ބައިވެރިވާ ފަރާތްތައް ކަމަށް އެމްޑީޕީން ތުހުމަތު ކުރަމުންގެންދާއިރު ރައީސް ވަހީދު ވިދާޅުވެފައިވާ ގޮތުގައި ވެރިކަން ބަދަލުވީ ބަގާވާތަކުން ކަމަށް ސާބިތުވެ ބަޣާވާތެއް ގެނައުމުގައި އެމަނިކުފާނު އެއްވެސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް އިންކުއަރީ ކޮމިޝަނަށް ޝާބިތުވެއްޖެ ނަމަ އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވާނެ އެވެ.

" ބަޣާވާތެއް ގެނައުމުގައި އަޅުގަނޑުގެ ދައުރެއް އޮތް ކަމަށް އެމީހުން އިންކުއަރީ ކޮމިޝަނުން ބުނެފި ނަމަ، ޔަގީނުން ވެސް އަޅުގަނޑު އިސްތިއުފާދޭނަން، އެކަމަކު އަޅުގަނޑުގެ ދައުރެއް ނެތް ކަމަށް ވެއްޖެ ނަމަ، އެކަން ކުރީ އެހެން ކޮންމެވެސް މީހަކަށް ވެއްޖެ ނަމަ ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން އަޅުގަނޑު އިސްތިއުފާ ދޭކަށް ނުޖެހޭނެ ރައީސް ވަހީދު ވިދާޅުވި އެވެ.

އިންކުއަރީ ކޮމިޝަނުން ރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ ބަގާވާތަކުން ގެނެސްފައިވާ ވެރިކަމެއް ކަމުގައި ކަނޑައަޅައިފިނަމަ، ދެން ކަންތައްތައް ވެގެންދާނީ ކިހިނެއްތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. ހަމަ ގައިމުވެސް އޭރުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަންޖެހޭނެ އެވެ. އެކަމަށްޓަކައި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަވަސް އިންތިހާބެއް ބާއްވަން ވެސް ޖެހެ އެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ވެރިކަމަށް އަލުން ވަޑައިގެންނަވާ ބޭފުޅެއްގެ މަގާމު ދެމިގެންދާނީ ކިހާ މުއްދަތަކަށްތޯ އެވެ. ބައެއް ސިޔާސީ ޕާޓީތަކުން ގަބޫލް ކުރާ ގޮތުގައި އިންތިހާބެއް ބާއްވަން ޖެހިއްޖެ ނަމަ އިންތިހާބް ކުރެވޭ ބޭފުޅަކު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާނެ އެވެ. ނަމަވެސް އެކަންތައް ކުރެވޭނީ ގާނޫނަށް އިސްލާހުތަކެއް ގެނެސްގެން ކަމަށްވެސް ބައެއް ބޭފުޅުން ގަބޫލްކުރައްވަ އެވެ.

"ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގެންނަވާ ގޮތުގައި އަލަށް އިންތިހާބްވާ ބޭފުޅަކަށް އެމަގާމުގައި ފަސް އަހަރުގެ ދައުރެއްގައި ހުރެވޭނީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްގެން،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އެހެން ކަމުގައިވާނަމަ އެބޭފުޅަކީ ރައީސް ނަޝީދު ކަމުގައި ވިޔަސް އެމަނިކުފާނަށް ފަސް އަހަރުގެ ދައުރެއް އަދާކުރެއްވުމުގެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނެ އެވެ.

އަނެއްކޮޅުން އިންކުއަރީ ކޮމިޝަނުން މިއީ ބަޣާބާތެއް ނޫން ކަމަށް ކަނޑައަޅައިފިނަމަ މިހާރު މިއޮތް ސަރުކާރު 2013 ގެ ރިޔާސީ އިންތިހާބް ބޭއްވުމާ ހަމައަށް ދެމި އޮންނާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ.

އިންކުއަރީ ކޮމިޝަންގެ ރިޕޯޓާ އާއްމު ކުރާ ދުވަހު ޜާއްޖޭގެ މަޝްރަހު ވީހާވެސް ސުލްހަވެރިކޮށް ހުރިހާ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް އެޗްއާރުސީއެމުން ވަނީ ދާދި ފަހުން އެކޮމިޝަނުން ސިޔާސީ ޕާޓީތަކާ ވަކިވަކިން ބޭއްވި ބައްދަލުވުމެއްގައި އެދިފަ އެވެ. އެފަދަ މާހައުލެއް ގާއިމްކުރުމަށްޓަކައި ހުރިހާ ސިޔާސީޕާޓީތަކުން އެއްމޭޒެއްގެ ދަށަށް ގެނެސްދިނުމަށް އެމްޑީޕީން ވަނީ އެކޮމިޝަންގައި އެދިފަ އެވެ.

އިންކުއަރީ ކޮމިޝަންގެ ނަތީޖާ އަކީ ކޮމަންވެލްތުން ގަބޫލްކުރާނެ ނަތީޖާއަކަށްވާއިރު އެކޮމިޝަނުން ނެރޭ ނަތީޖާއަކާ އެއްގޮތަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން އަމަލްކުރަން ޖެހެ އެވެ.