ބޮލީވުޑްގެ ތަރިން ކަމަށްވާ ޔާމީ ގޯތަމްއާއި އިމްރާން ހާޝިމީ އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ ކޯޓުރޫމް ޑްރާމާ ފިލްމު މި އަހަރުގެ ނޮވެންބަރު މަހު ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

ޑައިރެކްޓަރު ސުޕާން ވަރުމާ "ހަޤް"ގެ ނަމުގައި އުފައްދާ މި ފިލްމަކީ މީގެ 40 އަހަރުކުރިން އިންޑިއާގައި ކުރިއަށް ގެންދިޔަ ތިންފަށްވަރިއާ ގުޅޭގޮތުން ވަކާލާތުކުރި މަޝްހޫރު ކޯޓު ކޭސްއަކަށް ބިނާކޮށް އުފައްދާ ތާރީޚީ ފިލްމެކެވެ.

މި ފިލްމުގައި ޔާމީ ފެންނާނީ 1985 ވަނަ އަހަރު ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅި ޝާހް ބާނޯގެ ރޯލުންނެވެ. އިމްރާން ފިލްމުގައި ކުޅެފައިވަނީ އޭނާގެ ފިރިމީހާ އަހުމަދު ޚާންގެ ރޯލެވެ.

ޔާމީ މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ޗޯރް ނިކަލްކޭ ބާގާ 2"ގެ މަންޒަރެއް--ފޮޓޯ/އިންޑިއާފޯރަމްސް

މި ފިލްމުގެ ޑައިރެކްޓަރު ސުޕާން ވަރުމާއަކީ ބަތަލާ ކާޖޮލްގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒް "ދަ ޓްރަޔަލް" ދެ ސީޒަންގެ ވެސް ޑައިރެކްޓަރެވެ.

އެހެންކަމުން ޤާނޫނީ ދާއިރާއާ ގުޅުންހުރި ފިލްމުތައް އުފެއްދުމުގެ ތަޖުރިބާއަކީ ސުޕާންއަށް އާ ތަޖުރިބާއެއް ނޫނެވެ. ޖަންގްލީ ޕިކްޗާސްއިން ޕްރޮޑިއުސްކޮށް އިންސޮމްނިއާ ފިލްމްސްއާއި ބަވޭޖާ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޝޫޓިން ނިމި މިހާރު އޮތީ ޕޯސްޓު-ޕްރޮޑަކްޝަން މަރުހަލާގައެވެ.

އެހެންކަމުން ފިލްމުގެ ޓީޒާއާއި ޕޯސްޓަރުތައް ވަރަށް އަވަހަށް ބެލުންތެރިންނަށް ފެނުމުގެ އުއްމީދު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ހަގީގީ ޙާދިސާގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު "ހަޤް" ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ ހަތެއްގައެވެ.