ޤާހިރާ (އޮގަސްޓް 13): މިސްރުގެ ސިފައިންގެ ބައެއް އިސް މަޤާމްތަކަށާއި ދިފާޢީ ވަޒީރުކަމުގެ މަޤާމަށް ގެންނެވި ކުއްލި ބަދަލުތައް ދިފާޢުކުރައްވައި މިސްރުގެ ރައީސް މުޙައްމަދު މުރްސީ ވާހަކަ ދައްކަވައިފި އެވެ.

މުރްސީ ވިދާޅުވީ ސިފައިންގެ އިސް މަޤާމްތަކަށް ބަދަލުގެންނެވީ ވަކިފަރާތަކަށް އަމާޒުކޮށްގެން ނޫން ކަމަށާއި މުޅިޤައުމުގެ މަސްލަޙަތަށް ރިޢާޔަތްކުރައްވައިގެން ކަމުގަ އެވެ. އަދި ސިފައިންގެ ދައުރަކީ ޤައުމުގެ އަމްނާއި ދިފާޢީ ކަންތައްކަމަށް ކަމަށް ވެސް މުރްސީ ވިދާޅުވި އެވެ. އަލްއަޒްހަރު ޔުނިވަރސިޓީގައި ރޭގައި ބޭއްވި ދީނީ އިޙްތިފާލެއްގައި ވާހަކަ ދައްކަވަމުން މުރްސީ ވިދާޅުވީ ސިފައިންގެ އިސްމަޤާމްތަކަށް "އައުލޭ" އިންޖެކްޓްކޮށް ކޮމާންޑް އައުކުރަންޖެހިފައިވާ ކަމުގަ އެވެ.

މުރްސީ އިއްޔެ ވަނީ މުބާރަކްގެ ދުވަސްވަރުގެ ދިފާޢީ ވަޒީރުކަން ކުރައްވާފައިވާ ސިފައިންގެ ނުފޫޒު ގަދަ ވެރިޔާ ދިފާޢީ ވަޒީރު ފީލްޑް މާޝަލް މުޙައްމަދު ޙުސައިން ތަންތާވީ އާއި ސިފައިންގެ ތެރޭގައި ނުފޫޒު ގަދަ އެހެންބޭފުޅެއް ކަމަށްވާ ކުރީގެ ވެސް އަދި މިހާރުގެ ވެސް ޗީފް އޮފް ސްޓާފް ޖެނެރަލް ސާމީ ޢަނާން އެމަޤާމުން ދުރުކޮށް ސިފައިން ޚިދްމަތުން މުސްކުޅިކުރެއްވުމަށް ފަހު އެ ދެ ބޭފުޅުން ރިޔާސީ ދެމުސްތަޝާރުންނަށް ހަމަޖައްސަވާފަ އެވެ. މިއީ ޝަރަފުވެރި ދެމަޤާމެވެ. އައު ދިފާޢީ ވަޒީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ އެވެ. ޗީފް އޮފް ސްޓާފްކަމުގެ މަޤާމަށް ހަމަޖެއްސެވީ ޖެނެރަލް ސިދްޤީ ސުބްހީ އެވެ. މީގެއިތުރުން ނައިބު ރައީސްކަމުގެ މަޤާމަށްވެސް ބޭފުޅަކު ޢައްޔަން ކުރެއްވި އެވެ. މިމަޤާމަށް ޢައްޔަންކުރެއްވީ ޤާނޫނީ މުސްތަޝާރެއްކަމަށްވާ މަޙްމޫދް މުޙައްމަދު މައްކީ އެވެ.

މުރްސީ އިއްޔެ ވަނީ މިސްރުގެ ވެރިކަމަށް އޭނާ އިންތިޚާބު ކުރުމުގެ ކުރިން އެޤައުމުގެ ޢަސްކަރީ މަޖިލީހުން ނެރެފައިވާ ދަސްތޫރީ އިޢްލާން ވެސް ބާތިލްކުރައްވާފަ އެވެ. މުރްސީގެ މިނިންމެވުންތަކަށް މިސްރުގެ ސިޔާސީ ފަރާތްތަކުން ވަނީ މަރްޙަބާ ކިޔާފަ އެވެ. މިނިންމެވުންތައް ބިނާވެފައި ވަނީ ކުރީގެ ރައީސް ހުސްނީ މުބާރަކަށް ތާއީދުކުރާ ފަރާތްތަކުގެ ނުފޫޒުން މިސްރުގެ ސިފައިންގެ މުއައްސަސާ ސާފުކޮށް މިސްރުގެ މިހާރުގެ ވެރިކަމުގެ ކޮންޓްރޯލްގެ ދަށަށް ސިފައިން ގެނައުން ކަމަށް މުރާސިލުން ސިފަކުރެ އެވެ. (އަލްޖަޒީރާ)