15:14


ޖުޒާމް ބަލި ޖެހިފައިވާ ފަސް މީހަކާއި އެ ބަލީގެ އެޑްވާންސް ސްޓޭޖްގައި އުޅޭ މީހެއް ރާއްޖެ އިން ފެނިއްޖެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.


މުޅި ރާއްޖެއިން ކޮންޓްރޯލްކޮށްފައިވާ ބައެއް ބަލިތަކާ ބެހޭ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފައިލޭރިއާ، މެލޭރިއާ އަދި ލެޕްރެސީ ފަދަ ބަލިތައް އާންމުކޮށް ރާއްޖެއިން ފެންނަވަރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އެބަލިތައް ގިނައިން ފެންނަނީ ރާއްޖޭން ބޭރުން އަންނަ ބިދޭސީންގެ ގައިން ކަމަށް ވެސް އެ މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް މިހާރަކަށް އައިސް ރާއްޖޭން ބޭރުގައި އުޅެފައި އަންނަ ދިވެހިންގެ ގައިން ވެސް އެފަދަ އެބަލިތައް ފެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ހެލްތު މިނިސްޓްރީން ބުނީ އެފަދަ ބަލިތައް އަވަށްޓެރި ގައުމުތަކުގައި އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާތީ އެފަދަ ބަލިތަކަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކޮންޓްރޯލް ކުރެވިފައިވާ އެފަދަ ބަލިތަކުގެ ބޭސްތައް އެމިނިސްޓްރީ މެދުވެރިކޮށް ހިލޭ ލިބޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.