13 Aug 2012, 10:02
ޖިއްދާ (އޮގަސްޓް 13): ޙާލުގައި ޖެހިފައިވާ މިޔަންމާގެ މުސްލިމުންނަށް އިންސާނީ އެހީފޯރުކޮށް ދިނުމުގެ ފުރުސަތު އިސްލާމީ ޤައުތަކަށް ދިނުމަށް އެޤައުމުގެ ސަރުކާރުން އެއްބަސްވެއްޖެ އެވެ.
މިޔަންމާގެ މުސްލިމުންނަށް އިންސާނީ އެހީފޯރުކޮށްދިނުމުގެ ފުރުސަތު އިސްލާމީ ޤައުތަކަށް ދިނުމަށް މިޔަންމާ ސަރުކާރުން އެއްބަސްވީ އޯއައިސީގެ ވަފްދެއް އެޤައުމުގެ ރައީސް ތިން ސިން އާ ބައްދަލުކޮށް ކުރި ދިގު މަޝްވަރާތަކަކަށްފަހުގައި ކަމަށް އޯއައިސީ ން ނެރުނު ބަޔާނެއް ބުނެ އެވެ. އޯއައިސީގެ މިވަފްދާ އެކު އިސްލާމީ ބައެއް ޤައުމުތަކުގެ ރެޑް ކްރެސެންޓް ޖަމާއަތްތަކުގެ އިސްވެރިން ވެސް މިޔަންމާގެ ރައީސް ތިން ސިން އާ ބައްދަލުކުރި އެވެ.
ޙާލުގައި ޖެހިފައިވާ މިޔަންމާގެ މުސްލިމުންނަށް އިންސާނީ އެހީފޯރުކޮށްދިނުމަށް ޓަކައި އިސްލާމީ ޤައުމުތަކުގެ ވަފްދުތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް ސީދާގޮތެއްގައި މިޔަންމާ އަށް ވަނުމަށް މިހާތަނަށް އެޤައުމުން ވަނީ ދެކޮޅުހަދާފަ އެވެ. ނަތީޖާއެއްގެ ގޮތުން މިޔަންމާގެ ސަލާމަތީ ބާރުތަކާއި ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުގެ އަނިޔާވެރިކަން ތަޙައްމަލްކުރަންޖެހިފައިވާ އެ ޤައުމުގެ މުސްލިމުންގެ ތެރެއިން އެޤައުގެ އެތެރޭގައި ދިރިއުޅޭ މީހުން ވަނީ އިންސާނީ އެހީން ވެސް މަޙްރޫމްވެފަ އެވެ. ބައިނަލްއަޤްވާމީ މުޖްތަމަޢުންނާއި އިސްލާމީ ޤައުމުތަކުންދޭ އިންސާނީ އެހީ ލިބެނީ ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ބަންގްލަދޭޝަށް ހިޖްރަކުރާ ފަރާތްތަކަށެވެ.
މާދަމާ މާތްވެގެންވާ މައްކާގައި ފެށުމަށް ހަމަޖެހިފައިވާ އިސްލާމީ ޤައުމުތަކުގެ އިސްވެރިންގެ އިސްތިސްނާއީ ސަމިޓްގެ އެޖެންޑާގައި ވެސް އެންމެ އިސްކަންދޭ ކަމެއްގެ ގޮތުގައި މިޔަންމާގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކުގެ މައްސަލަ ހިމެނެ އެވެ. މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ މިލިޔަނެއްހާ މުސްލިމުންނަކީ އެޤައުމުގެ ރައްޔިތުންގެ ގޮތުގައި ބަލައިގަތުމަށް މިޔަންމާގެ ސަރުކާރުން ދެކޮޅުހަދާ ބައެކެވެ.
ނަތީޖާއެއްގެ ގޮތުން މިޔަންމާގެ ރައްޔިތުކަމުގެ ޙައްޤުތަކުން ވެސް އެޤައުމުގެ މުސްލިމުންވަނީ މަޙްރޫމްކޮށްލެވި އެވެ. އަދި މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި ހަރުކަށި ބުޑިސްޓުންގެ ޖަމާއަތްތަކުން ގެންދަނީ އެޤައުމުގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ޤަތްލުއާންމުތައް ހިންގައި ގެދޮރުގައި ހުޅުޖަހައި އެމީހުން ވަޒަނުންބޭރުކޮށް އަންހެނުންނާއި ކުޑަކުދިން ރޭޕްކޮށް އެމީހުންގެ ނަސްލު ވުޖޫދުން ފޮހެލުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންކަމަށް ޚަބަރުތައް ބުނެ އެވެ.
މިޔަންމާގެ މުސްލިމުންނަށް އިންސާނީ އެހީފޯރުކޮށްދިނުމުގެ ފުރްސަތު އިސްލާމީ ޤައުތަކަށް ދިނުމަށް މިޔަންމާ ސަރުކާރުން އެއްބަސްވުމާ އެކު އިސްލާމީ އެތައް ޤައުމަކުން މިޔަންމާގެ މުސްލިމުންނަށް ކާބޯތަކެއްޗާއި ބޭހާއި ހިޔާވަހިކަމުގެ ސާމާނު ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް ވަނީ އަޅަންފަށާފަ އެވެ. މިގޮތުން ސަޢޫދީ އަރަބިޔާއާއި ޔޫއޭއީ އިން ވަނީ އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްފަށާފަ އެވެ. ސަޢޫދީން ވަނީ 50 މިލިޔަން ޑޮލަރުގެ ކާބޯތަކެއްޗާއި ބޭސް މިޔަންމާގެ މުސްލިމުންނަށް ފޮނުވުމުގެ މަސައްކަތް އަވަސްކޮށްފަ އެވެ.
އެހީގެތަކެތި ފޯރުކޮށްދިން ނަމަވެސް މިޔަންމާގެ މުސްލިމުންނަށް ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި މިޔަންމާ ސަރުކާރާ އެކު މަޝްވަރާކުރަމުން ގެންދާނެ ކަމަށް އޯއައިސީ ން ބުނެ އެވެ. (އަލްޖަޒީރާ)